މި އެއްބަސްވުމުގެ ފަހުގެ މަރުހަލާތައް ނިމުމުން، ފުރަތަމަ ދެ ފަރާތުން ސޮއިކުރާނީ ޑިޖިޓަލްކޮށް (ރިމޯޓްކޮށް) ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ދަނޑިވަޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އީރާނަށް ދިނުމަށް ރާވާފައިވާ ހަމަލާތަކެއް ހުއްޓާލާފައިވާ ކަމަށާއި، ވަރަށް އަވަހަށް ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށް ބުނެފައެވެ.
މި އެއްބަސްވުމުގެ ދަށުން، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލުމާއި ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާ ބެހޭގޮތުން ދެ ފަރާތުން އަމަލުކުރާނެ ގޮތްތަކެއް ހިމެނެއެވެ. އަދި ވޮޝިންޓަނުން އެންމެ ބޮޑަށް ކަންބޮޑުވާ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން، އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ލިބޭ 60 ދުވަހުގެ މުއްދަތުގައި ދެ ގައުމުން އިތުރަށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، އިސްރާއީލުން މި ސުލްހައިގެ ޑީލް ނާކާމިޔާބު ކޮށްލަން މަސައްކަތް ކޮށްފާނެތީ އީރާނުން ވަނީ ސަމާލުވާންޖެހޭނެ ކަމަށް ބުނެފައެވެ.
އީރާނާއި އެމެރިކާގެ ދެމެދުގައި އުފެދިފައިވާ އަސްކަރީ އަދި ސިޔާސީ ނުތަނަވަސްކަން މިހާބޮޑަށް ގޯސްވެފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާޢީލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެންނެވެ. މި ހަމަލާތަކުގައި އީރާނުގެ ސަރުކާރުގެ ބައެއް އިސްވެރިންނާއި އަސްކަރީ މުހިންމު ކޮމާންޑަރުން އަވަހާރަކޮށްލުމާ އެކު، ދެ ފަރާތުގެ ދެމެދުގައި ސީދާ ކުރިމަތިލުންތަކެއް ފެށިގެންދިޔައެވެ.
ނަމަވެސް، ފަހަކަށް އައިސް ދެ ގައުމުގެ ވިސްނުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދޭން ރޭވި ހަމަލާތައް ކެންސަލް ކޮށް، ސުލްހައަށް ފުރުސަތު ދިނުމަށް ނިންމިއިރު، އީރާނުން ވެސް ވަނީ އެމެރިކާއިން އެންމެ ބޮޑަށް ކަންބޮޑުވާ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާއި ޔުރޭނިއަމް މުއްސަނދިކުރުމުގެ މައްސަލާގައި އެއްބަސްވުމަށްފަހު މަޝްވަރާކުރަން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. އެހެންނަމަވެސް، ދެ ގައުމުގެ ދެމެދުގައި މިހާރު ހިނގަމުންދާ މި ސުލްހައިގެ މަސައްކަތްތަކަށް އިސްރާއީލުން ހުރަސްއަޅައި ފޭލްކޮށްލަން މަސައްކަތް ކޮށްފާނެ ކަމުގެ ބިރު އަދިވެސް އެބައޮތެވެ.
އެމެރިކާއާއެކު ސުލްހަވުމުގެ އުންމީދު ބޮޑުކަމަށް އީރާނުން ހާމަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ