ހުސްވި 2022ވަނަ އަހަރު ކްރިމިނަލް ކޯޓުން 1،096 މައްސަލައެއް ބަލައި ނިންމާފައިވާކަމަށް އެކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
2022 ވަނަ އަހަރު ކްރިމިނަލް ކޯޓަށް ހުށައެޅުނު މައްސަލަތަކުގެ ޖުމްލަ އަދަދަކީ 786 އެކެވެ. އަދި މި މުއްދަތުގައި ކޯޓަށް އެންމެ ގިނަ އަދަދެއްގެ މައްސަލަ ހުށައަޅާފައިވަނީ ޖޫންމަހުއެވެ. އެގޮތުން ޖޫން މަހު 113 މައްސަލައެއްވަނީ ކޯޓަށް ހުށައަޅާފައެވެ. ދެން އެންމެ ގިނަ އަދަދެއްގެ މައްސަލަ ހުށައަޅާފައިވަނީ ފެބްރުއަރީމަހުއެވެ. އެއީ އެއީ 77 މައްސަލައެވެ.
ކްރިމިނަލް ކޯޓުގެ 2022 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުށައެޅުނު މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަ ބަލައި ނިންމީވެސް ޖޫންމަހުއެވެ. ޖޫންމަހު ކޯޓުން ބަލައި ނިންމި މައްސަލަތަކުގެ އަދަދު އުޅެނީ 165ގައެވެ.
މިއާއިއެކު 2022 ވަނަ އަހަރު ރަޖިސްޓްރީ ކުރެވުނު މައްސަލަތަކާއި ބަލާއިރު ނިންމި މައްސަލަތަކަށް 16 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް ކްރިމިނަލް ކޯޓުން ހާމަކުރެއެވެ.
ކްރިމިނަލް ކޯޓުގެ ޝެޑިއުލްތަކަށް ބަލާއިރު، މިދިޔަ އަހަރު އެކި މައްސަލަތަކުގައި ޖުމްލަ 12،757 އަޑުއެހުމެއް ޝެޑިއުލްކުރެވުނުއިރު މީގެތެރެއިން ބޭއްވިފައިވަނީ 59 އިންސައްތައިގެ އަޑުއެހުމެވެ. އަދި މީގެ ތެރެއިން 41 އިންސައްތައިގެ އަޑުއެހުންވަނީ ކެންސަލްވެފައިވެއެވެ.
މިދިޔަ އަހަރު ބަންދާމެދު ގޮތެއް ނިންމުމަށާއި ތަފާތު ކޯޓު އަމުރުތަކަށް އެދި 4,126 ފޯމު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އޭގެ ތެރޭގައި ހިމެނެނީ 1،795 ކޯޓު އަމުރު ނެރެދިނުމުގެ މައްސަލައާއި އަދި 2،331 ބަންދާމެދު ގޮތް ނިންމައިދިނުމުގެ މައްސަލައެވެ.
ކްރިމިނަލް ކޯޓުގެ ފާއިތުވި ފަސް އަހަރު ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން މައްސަަލަހ ކޯޓަށް ހުށައަޅައި އަދި އެންމެ ގިނަ މައްސަލަ ނިންމައިފައިވަނީ 2019ވަނަ އަހަރެވެ.
މިދިޔަ އަހަރު ކްރިމިނަލް ކޯޓުން 1،096 މައްސަލައެއް ނިންމި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ