މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން ސަމާލު ނެރުނީ ޅ. އަތޮޅުން ފެށިގެން ފ. އަތޮޅު ހިމެނޭ ސަރަހައްދަށެވެ. މިސަމާލުގެ މުއްދަތު ހަމަވާނީ މިއަދު ހަވީރު 6:00ގައެވެ. މެޓު އޮފީހުން ބުނީ ސަމަލު ނެރެފައިވާ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮސް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަަމަށެވެ.
އެސަރަހައްދުތަކަށް ވައިގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިޔަކު 40 މޭލަށް ވައިގެ ބާރުމިން އެރުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ. މިދުވަސްވަރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށުމާއި ދެމެދު ކުރާ "ދެ މޫސުން ބެދޭ ވިއްސާރަ"އެވެ.
މިދުވަސްވަރު ރާއްޖެ ސަރަހައްދުގައި ޖައްވު ނުސާފުކަން ވަނީ ފާހަގަކުރެވިފައެވެ.
މޫސުމާ ބެހޭ ޤަޢުމީ ޢިދާރާއިން ބުނީ އާއްމުކޮށް މޫސުން ރަނގަޅު ދުވަސްވަރު، ދުރު ފެންނަ މިންވަރު 10 ކިލޯ މީޓަރަށް ވުރެއް އިތުުރުވި ނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރު ފެންނަ މިންވަރު ވަނީ 4 ކިލޯމީޓަރުން 5 ކިލޯމީޓަރަށް ދަށްވެފައި ކަމަށެވެ.
އަދި ބަނަފިނީގެ ސަބަބުން ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާ މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރު ދަށްވެފައިވަނީ އިންޑިއާގެ ހިމަލަޔަން ސަރަހައްދުގެ ހިރަފުހާއި ދުން ވަޔާއިއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރާތީ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ ޢިދާރާއިން ބުނެއެވެ.
އެއިދާރާއިން އިތުރަށް ބުނީ ބަނަފިނީގެ ސަބަބުން ރާއްޖޭގެ ޖައްވު ނުސާފުވާކަން ބޮޑަށް ފާހަގަ ކުރެވެނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ