ކަރަންޓުގެ އަގުތައް އަލުން މުރާޖައާކުރަން ރައީސް ޔާމީން އަންގަވައިފި

ކަރަންޓުގެ އަގަށް ގެނެސްފައިވާ ބަދަލު އަލުން މުރާޖައާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިކޮނޮމިކް ކައުންސިލަށް އަންގައިފި އެވެ. ގއ. ކަނޑުހުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ރައީސް ޔާމީން ވިދާޅުވީ، ކަރަންޓުގެ އަގަށް އައި ބަދަލާ ގުޅިގެން ދަތިތަކެއް ތަހައްމަލްކުރާ އެތައް ރައްޔިތުން ތިބިކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން ކަރަންޓުގެ އަގުތައް އަލުން މުރާޖައާކޮށްދިނުމަށް މިއަދު އިކޮނޮމިކް ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ. "ކަރަންޓުގެ ބިލަށް މިގެނައި ބަދަލާއި ގުޅިގެން އަޅުގަނޑަށް އެނގޭ ދަތިތަކެއް ތަހަންމަލްކުރާ އެތަކެއް ރައްޔިތުން ތިބިކަން. އަޅުގަނޑަށް މިދޭތެރެއިން ރާއްޖެއިން ބޭރުގައި ހުއްޓައި މިކަން އެނގިގެން ދިޔައިމަ ބިލްތައް ބަލާފަ މެމްބަރަކު އަޅުގަނޑަށް ފޮނުއްވައިދެއްވި. އަޅުގަނޑު މިއަދު މިއައީ އިގްތިސޯދީ ވަޒީރުންގެ ކޮމެޓީގައި ދަންނަވާފައި އަލުން ރިވިއުކޮށްދެއްވާށޭ. އަލުން ބަލައިދެއްވާށޭ. ދިރާސާ ކުރައްވާށޭ. މީގަ ހިސާބުތަކެއް ހެދިއިރު އެއްވެސްކަހަލަ މައްސަލައެއް އުޅޭ ކަމަށް ވަންޏާ، ނޫނީ އަޅުގަނޑުމެންގެ އަތްދަށުން ގޮސްފަ ހުރި ކަމެއް ހުރިއްޔާ އެކަންކަން ބައްލަވާފަ ފާހަގަކޮށްދެއްވާށޭ،" ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ކަރަންޓުގެ އަގުތަކަށް ގެނައި ބަދަލު އަލުން މުރާޖައާކުރުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ނިމޭނެ ކަމަށާއި އެކަން ނިމުމުން ގެނެސްދެވެން އޮތް ރަނގަޅު ބަދަލެއް ކަރަންޓުގެ އަގަށް ގެންނާނެ ކަމަށެވެ. ކަރަންޓު އުފައްދަން ބޭނުންވާ ހަކަތައަކީ ތެޔޮ ކަމަށާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމުން ކަރަންޓުގެ އަގަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. ކަރަންޓުގެ އަގަށް އެންމެފަހުން ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ބައެއް ރަށްރަށުގެ ކަރަންޓު ބިލްތައް ވަނީ ބޮޑުވެފައެވެ. އެކަމާ ގުޅިގެން ބައެއް ރަށްރަށުގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ