ބައިވެރިޔާއަށް އެންމެ ފުރިހަމައަށް ކަންކަން ނުކުރެވޭ ކަމުގެ ޝަކުވާއަކީ އެއްވެސް ޙާލެއްގަ ކުރެވިގެންވާނެ، ކުރުން ހުއްދަ އޮތް ޝަކުވާއެއްވެސް ނޫން! : މުފްތީ މެންކް

ކޮންމެ މީހަކަށް އެމީހާ އެދޭ ކަންކަން އެންމެ އެދޭ ގޮތަށް ކޮންމެ ފަހަރަކު ޙާޞިލުނުކުރެވި ހިނގައިދާނެއެވެ. އެފަދަ ޙާލަތުގައި ވިސްނައިލާށެވެ! ﷲ ތަޢާލާ ތިމާއަށް ދެއްވަވާފައިވާ ބާރާއި އިޚްތިޔާރުގެތެރެއިން ތިމާ ކުރަން މަސައްކަތްކުރާ ކަންކަން ވެސް ތިމާ އެންމެ އެދޭ ގޮތަށް ނުކުރެވޭ ފަހަރު އާދޭ ނޫން ހެއްޔެވެ؟
މިސާލަކަށް ތިބާއަށް ﷲ ތައާލާ ވަނީ ކޭކުއެޅުމުގެ ހުނަރު ދެއްވަވައިފައެވެ. ކޭކު އަޅަން ބޭނުންކުރާނެ ތަކެތިވެސް ތިބާގެ އަތުގައި އެބަހުއްޓެވެ. ކޭކު އަޅަން ބޭނުންކުރާނެ ވަސީލަތްތައްވެސް އެބަ ހުއްޓެވެ. މިހުރިހާ ކަންކަން ފުރިހަމަވެފައި ހުރުމާއިއެކުގައިވެސް އަޅާ ކޮންމެ ކޭކެއް އެންމެ މީރުކޮށް ނުއެޅޭކަން މިދަނީ ތަޖުރިބާ ކުރަމުންނެވެ.
އަދި ހަމަ މި ފަދައިން ހުރިހައި ވަސީލަތްތައް ފުރިހަމަވެފައިހުރެމެ އަމިއްލައަށް ފަހާ މީހުންނަށް ވެސް ހަމަ މި މައްސަލަ ކުރިމަތިވެއެވެ. ކިތަންމެ ވަރަކަށް ވިސްނައިގެން ކަންކަން ކުރިނަމަވެސް ތިމާ އެންމެ ބޮޑަށް ހިތް އެދޭ ފެންވަރުގައި، އުންމީދު ކުރި ފުރިހަމަކަމުގައި ހެދުން ނުފެހެނީ މަދަކުން ނޫނެވެ.
މި ބުނި ވަރަށް އާދައިގެ 2 ކަމަކީ އިންސާނުންނަށް އެމީހުން ބޭނުންވާ ގޮތަކަށް ކުރުމުގެ ކުޅަދާނަކަން ﷲ ތަޢާލާ ދެއްވަވާފައިވާ ކަންތައްތަކުގެ ތެރެއިން 2 ކަމެވެ. ވީމާ ތިމާއަށް އަމިއްލައަށް ކުރެވެން ހުންނަ މިފަދަ ކަންކަން ވެސް ތިމާ ބޭނުންވާ ފެންވަރުގައި ނުކުރެވުމުން އެނގިގެން މިދަނީ ހަމަ އިންސާނުންގެ އެއްވެސް ބާރެއް ނެތް ކަމެވެ. ހުރި ނިކަމެތި ކަމެވެ.
އެހެން މީހަކު ކޮށްދޭ ކަމެއް ތިބާ އެންމެ ރުހޭ ނުވަތަ ބޭނުންވާ ފެންވަރުގައި ނެތުމުން ރުޅި އައިސް ނަފްރަތު ނުކުރަންވީ މި ސަބަބަށްޓަކައެވެ. "އެންމެ ފުރިހަމަ ނުވުމުގެ" ޝަކުވާ ހިތުގައި އޮންނަ މީހަކަށް ދުވަހަކުވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.
ދެމަފރިންގެ މެދުގައި ނަމަވެސް މިކަންކަން އޮންނާނީ މިގޮތަށެވެ. އެންމެ މީރުކޮށް ކޮންމެ ފަހަރަކު ނުކެއްކިދާނެއެވެ. އިސްތިރިކުރި ގަމީހުގައި ރުލެއްވެސް ހުރެދާނެއެވެ. ކިތަންމެ ވަރަކަށް ސަމާލުކަންދީގެނަ ކައްކަން އުޅުނަސް ގެއަށް އަުދެވޭއިއރު ނުކެކިވެސް ހުރެދާނެއެވެ.
ސުވާލެއްކޮށްލާނަމެވެ! ދެމަފިރިންވެސް ވިސްނައިލާށެވެ! އެންމެ ފުރިހަމައަށް ކަންކަން ނުކުރެވިގެން ނުވަތަ ކަންކަން ކޮށްނުދެވިގެން އެކަކު އަނެކަކަށް ޝަކުވާކުރާއިރު ޝަކުވާކުރާ މީހާކުރަންޖެހޭ ކަންކަން އެންމެ ފުރިހަމައަށް ކުރެވޭ ހެއްޔެވެ؟
ބުނަހެއްޔެވެ؟ އެންމެ ފުރިހަމަވަންތަކަމާ އެންމެ ކުލަދުންވަނަތަކަން ޚާއްޞަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. އެއީ އިންސާނުންނަށް ލިބިގެންވާ ދަރަޖައެއް ނޫނެވެ. އަދި ހޯދޭނެ ދަރަޖައެއްވެސް ނޫނެވެ. އެހެންވީމާ އެންމެ ފުރިހަމައަށް ކަންކަން ނުވުމުގެ ޝަކުވާ ކުރެވޭ ޢާއިލާއެއްގައި އެއްވެސް އުފާވެރިކަމެއް ނުއޮންނާނެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ