އާބާދީއާ ގުޅޭ މަޢުލޫމާތު ފަސޭހައިން ބަލާލެވޭ ޕޯޓަލްއެއް

އިޤްތިސާދާއި އާބާދީއާއި ގުޅޭ މަޢުލޫމާތު ފަސޭހައިން ބަލާލެވޭ އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރަރ ޕޯޓަލް، ސްޓެޓްސް ބިއުރޯއިން ތަޢާރަފްކޮށްފިއެވެ. މި ޕްލެޓްފޯމް އިފްތިތާޙުކޮށްފައިވަނީ، ރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު ވުޖޫދަށް އައިތާ ފަސް އަހަރު ފުރުމުގެ މުނާސަބަތުގައެވެ.
މި ޕޯޓަލްއަކީ، ރާއްޖޭގެ އިޤްތިޞާދާއި އާބާދީއަށް އަންނަ ބަދަލުތަކާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ތައާރަފުކުރި ޕޯޓަލްއެކެވެ.
އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރަރ ޕޯޓަލްއަކީ، ރާއްޖޭގެ އިންފްލޭޝަނާއި، އިޤްތިޞާދީ ކުރިއެރުމާއި، އާބާދީގެ ކުރިމަގުގެ އޮއިވަރުތަކާ ބެހޭ މުހިންމު ރަސްމީ ތަފާސްހިސާބުތައް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އެމްބީއެސްއިން ތަޢާރަފްކުރި ޕޯޓަލްއެކެވެ.
މި ޕޯޓަލް މެދުވެރިކޮށް ކޮންސިއުމަރ ޕްރައިސް އިންޑެކްސް ސީޕީއައިގެ މައުލޫމާތާއި، ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު، ޖީޑީޕީގެ ތަފާސްހިސާބުތަކުގެ އިތުރުން އާބާދީގެ ލަފާކުރުންތަކާއި ގުޅޭ މައުލޫމާތު ސުވާލުކޮށް، ޖަވާބުދީ ނުވަތަ އަމަލީގޮތުން ބައިވެރިވެވޭ ގޮތަށް ބަލާލެވޭނެއެވެ.
މީގެ ސަބަބުން މި މަޢުލޫމާތު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ރަސްމީ މައުލޫމާތުތައް ހޯދައި ދެނެގަތުމުގެ ފުރުޞަތު ލިބޭނެއެވެ.
ތަފާސްހިސާބުގެ ޤާނޫނުގެ ސަބަބުން ޤައުމުގައި ރަސްމީ ތަފާސްހިސާބުތައް ދެނެގަތުމާއި، ބެލެހެއްޓުމާއި، ކޮންޓްރޯލް ކުރުމުގެ އިތުރުން އާންމުން ހޭލުންތެރިކުރުމާ ބެހޭ ޤާނޫނީ އަދި މުއައްސަސާގެ އޮނިގަނޑު ވަނީ ވަރުގަދަވެފައެވެ.
އެމްބީއެސް އިސްކޮށް ހިންގުމަށް ޗީފް ސްޓެޓިސްޓިޝަން އައްޔަން ކުރައްވަނީ، ރައީސުލްޖުމްހޫރިއްޔާއެވެ. މި ބިއުރޯއާ ގުޅޭ ކަންކަމުގައި ޒިންމާވާންޖެހޭ ވުޒާރާއަކީ، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާއެވެ. އަދި އެ ބިއުރޯ ހިންގަނީ، މާލީ ކަންކަމާއިބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ