ގާނާއާއި ކެނެޑާގެ ހައިކޮމިޝަނަރުން ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ދެ ޤައުމެއްގެ ހައިކޮމިޝަނަރުން ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް އަރުވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ވަކިވަކިން ބޭއްވެވި ރަސްމިއްޔާތެއްގައި ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވާ ހައިކޮމިޝަނަރުންނަކީ، ރިޕަބްލިކް އޮފް ގާނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، ޕްރޮފެސަރ ކުވޯސީ އޯބީރީ-ޑޮންސޯއާއި ކެނެޑާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، އިޒަބެލް މެރީ ކެތެރިން މަރޓިންއެވެ.
މި ރަސްމިއްޔާތަށް ހައިކޮމިޝަނަރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ޤަބޫލުފުޅުކުރައްވައި، އެ ދެބޭފުޅުންނަށް ރަސްމީކޮށް މަރުޙަބާ ވިދާޅުވެފައެވެ.
ފަތްކޮޅު ހަވާލުކުރުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި ގާނާގެ ހައިކޮމިޝަނަރު ވަނީ ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ފަންނީ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި މެދު މަޝްވަރާކުރައްވާފައެވެ. އަދި ދެ ޤައުމަށް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވާފައިވެއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ކެނެޑާގެ ހައިކޮމިޝަނަރު އިޒަބެލް މެރީ ކެތެރިން މަރޓިން ވަނީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ސީޕްލޭންގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުން ހިމެނެއެވެ. ހަމައެހެންމެ މިންތީގެ ހަމަހަމާއި، ބައިނަލްއަޤުވާމީ ގުޅުން އިތުރަށް ބަދަހިކުރުމާއި މެދު ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ