ލަންކާގައި ތޮއްޖެހިފައިވާ ޖަލެއްގައި ހަމަނުޖެހުން ހިނގައި 28 މީހަކު މަރުވުމުން ހޮސްޕިޓަލެއް ޖަލަކަށް ބަދަލުކުރަނީ

ތޮއްޖެހިފައިވާ ޖަލެއްގައި ހިންގި ބޮޑު ހަމަނުޖެހުމެއްގައި 20 ގައިދީއަކާއި އަށް ގާޑުން މަރުވުމާ ގުޅިގެން،  ބޭނުންކުރުން ހުއްޓާލާފައިވާ ހޮސްޕިޓަލް އިމާރާތެއް އާ ޖަލަކަށް ބަދަލުކުރަން ސްރީ ލަންކާގެ ޖަސްޓިސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ސްރީ ލަންކާގެ ޖަލުތައް އިންތިހާއަށް ތޮއްޖެހިފައިވާ މައްސަލައަށް ވަނީ މި ނުރައްކާތެރި ހަމަނުޖެހުމާ ގުޅިގެން ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި އެގައުމުގެ ޖަލުތަކުގައި ޖާގައަށް ވުރެ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރަށް މީހުން އެބަތިއްބެވެ.
ޖަސްޓިސް މިނިސްޓަރު ހަރްޝަނާ ނާނަޔައްކާރާ ވަނީ އެގައުމުގެ ދެކުނުގައި ހުންނަ، ބޭނުންކުރުން ހުއްޓާލާފައިވާ ހޮސްޕިޓަލެއްގެ ބައެއް، އެހެން ޖަލުތަކުގައި ތިބި ގައިދީން ބަދަލުކުރުމަށްޓަކައި ސަރުކާރަށް ނެގުމަށް އަމުރުކުރައްވައިފަ އެވެ.
"ގޯލް ޑިސްޓްރިކްޓްގެ މަހާމޯދަރާގައި މި އާ ޖަލު ހުޅުވުމަށްޓަކައި ސަލާމަތީ ފިޔަވަޅުތަކާއި އެހެނިހެން ޒަރޫރީ ކަންކަން ހަމަޖައްސަން ޖެހޭ،" މިނިސްޓްރީގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ. ނަމަވެސް މިކަމަށް ހޭދަވާނެ ވަކި މުއްދަތެއް ހާމައެއް ނުކުރެ އެވެ.
މި ނިންމުން ނިންމާފައިވަނީ ވެރިރަށް ކޮލަމްބޯގެ އުތުރުން އޮންނަ ނިގަމްބޯ ޖަލުގައި، ވާދަވެރި ގޭންގުތަކެއްގެ މެދުގައި އާދިއްތަ ދުވަހު ހިންގި ކުރިމަތިލުންތަކަށް ފަހުގަ އެވެ. މިއީ ފަހުގެ ތާރީހެއްގައި އެ ގައުމުގެ ޖަލެއްގައި ހިންގި އެންމެ ނުރައްކާތެރި ހަމަނުޖެހުމެވެ.
މި ހަމަނުޖެހުމުގައި 28 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަހަމްވިއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހާލު އަދިވެސް ވަރަށް ސީރިއަސް އެވެ. 
މި ހާދިސާއާ ގުޅިގެން އދ. އިން ނެރުނު ބަޔާނެއްގައި ބުނީ ޖަލުތައް ތޮއްޖެހުމާއި، އަމަލުކުރަމުންދާ މާ ކުރީގެ އުސޫލުތަކާއި ބަންދުކުރާ ތަންތަނުގެ ހާލަތު ދަށް ވުމަކީ ސްރީ ލަންކާގެ ޖަލު ނިޒާމުގައިޒަމާނުއްސުރެ ހުރި ބޮޑެތި ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ ކުރިން، ޑިސެމްބަރު 2020 ގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެހެން ޖަލެއްގައި ހިންގި ހަމަނުޖެހުމެއްގައި 11 ގައިދީއަކު މަރުވެ 117 މީހުން ޒަހަމްވުމާ ގުޅިގެން، ސަރުކާރުން ވަނީ ތޮއްޖެހިފައިވާ ޖަލުތަކުން އެތައް ސަތޭކަ ގައިދީންނެއް މިނިވަން ވެސް ކޮށްފަ އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ