ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން އޯޕެކް ޕްލަސް އިން ނިންމައިފި

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް އައި ލޮޅުންތަކަށް ފަހު، ބާޒާރު އަލުން އިއާދަވާން ފެށުމާއެކު ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އޯޕެކް ޕްލަސްގެ މެންބަރު ގައުމުތަކުން ނިންމައިފި އެވެ.
އޯޕެކް ޕްލަސް އިން އާދީއްތަ ދުވަހު ބުނީ، ދުނިޔޭގެ ބާޒާރުގެ ހާލަތާއި ކުރިއަށް އޮތް ތަނުގައި ކަންކަން ވެދާނެ ގޮތް ބެލުމަށް ބޭއްވި ވާޗުއަލް ބައްދަލުވުމަކަށް ފަހު، އަންނަ އޯގަސްޓް މަހުން ފެށިގެން ދުވާލަކު 188،000 ފީފާ ތެޔޮ އިތުރަށް އުފެއްދުމަށް ހަތް ގައުމަކުން ނިންމާފައިވާ ކަމަށެވެ. މި ގައުމުތަކަކީ ސައުދީ އަރަބިއްޔާ، ރަޝިއާ، އިރާގު، ކުވެއިތު، ކަޒަކިސްތާން، އަލްޖީރިއާ އަދި އޮމާން އެވެ.
މިއީ 2023 ވަނަ އަހަރު ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް ނިންމި ނިންމުން މަޑުމަޑުން ބަދަލުކޮށް، މި ހަތް ގައުމުން ޖެހިޖެހިގެން ތެޔޮ އުފެއްދުން އިތުރުކުރި ފަސްވަނަ މަހެވެ.
އޯޕެކްގެ މެންބަރު ގައުމުތަކާއި ރަޝިއާ، ބަހްރޭން އަދި އޮމާން ހިމެނޭހެން އެކުލެވޭ އޯޕެކް ޕްލަސް އިން ތެޔޮ އުފައްދާ މިންވަރު މަދުކުރަން ފެށީ 2023 ވަނަ އަހަރުގެ އޭޕްރީލް އަދި ނޮވެމްބަރު މަހުގަ އެވެ. އެއީ ބައެއް ބޭންކުތައް ބަނގުރޫޓުވުމާ ގުޅިގެން ތެލާއި އެހެނިހެން މުދަލުގެ އަގުތައް ބާޒާރުގައި ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެންނެވެ.
މީގެ އިތުރުން، މި ހަތް ގައުމުން ވަނީ ހާލަތު އިތުރަށް މުރާޖައާ ކުރުމަށްޓަކައި އަންނަ އޯގަސްޓް މަހުގެ ދެވަނަ ދުވަހު އަލުން ބައްދަލުކުރުމަށް ނިންމާފަ އެވެ.
އޭޕްރީލް މަހު ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު 126 ޑޮލަރަށް އެރި ނަމަވެސް، އީރާން ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް އައިސް ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް އާންމު ހާލަތަށް ރުޖޫއަވާނެ ކަމުގެ އުންމީދު ބޮޑުވުމާއެކު، ފާއިތުވި ދުވަސްތަކުގައި ތެލުގެ އަގު ވަނީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ދަށަށް ގޮސްފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ޖޫން 17 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ފަހުން، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު ވަނީ އިތުރުވާން ފަށާފަ އެވެ. ނަމަވެސް މިއީ އަދިވެސް ހަނގުރާމައިގެ ކުރީގެ މިންވަރަށް ވުރެ ދަށް އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ