އޮސްޓްރޭލިއާގައި ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން އެޅި ފިޔަވަޅުތައް ނާކާމިޔާބު

ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުގެ އުމުރު ކަށަވަރުކުރުމަށް އެ ގައުމުގެ އޮންލައިން ޕްލެޓްފޯމްތަކުން އެޅި ފުރަތަމަ ފިޔަވަޅުތައް ނާކާމިޔާބުވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރަށް ފަންނީ ލަފާދޭ ޓީމަކުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.  
އޮސްޓްރޭލިއާގެ އާ ސޯޝަލް މީޑިއާ ގާނޫނުގެ ދަށުން، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އިންސްޓަގްރާމް، ސްނެޕްޗެޓް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުގައި 16 އަހަރުން ދަށުގެ ކުދިން އެކައުންޓް ހެދުން ވަނީ މަނާކޮށްފަ އެވެ.
MGH Group of Companies
Enterprise Development Industrial Pvt Ltd
MGH Group of Companies
EE YU PRIVATE LIMITED
THE BAKERS PVT LTD
މި ގާނޫނަށް އަމަލުކުރުމަށްޓަކައި "އެކަށީގެންވާ ފިޔަވަޅުތަކެއް" އެޅުމަށް އޮޕަރޭޓަރުންނަށް ލާޒިމްކޮށްފައިވާއިރު، ބޭނުންކުރާ މީހުންގެ އުމުރު ދެނެގަތުމަށް ގިނަ ގޮތްތަކެއް ބޭނުންކުރުމަށް ސަރުކާރުން ވަނީ އިރުޝާދު ދީފަ އެވެ.
ނަމަވެސް، މި މަނާކުރުމަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 16 އަހަރުން ދަށުގެ ގިނަ ކުދިންނަށް އަދިވެސް މި ޕްލެޓްފޯމްތަކަށް ވަދެވެ އެވެ. މިއާއެކު، ގާނޫނަށް އަމަލުނުކުރާ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކާ މެދު ކޯޓު މެދުވެރިކޮށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ، މިދިޔަ މަހު އޮސްޓްރޭލިއާ ސަރުކާރުން ވަނީ އެފަދަ ކުންފުނިތައް ޖޫރިމަނާ ކުރެވޭނެ އެންމެ މަތީ އަދަދު ދެގުނައަށް އިތުރުކޮށްފަ އެވެ.
މިދިޔަ އަހަރު 1،000 އަށް ވުރެ ގިނަ އޮސްޓްރޭލިއާ ރައްޔިތުން ބޭނުންކޮށްގެން އުމުރު ކަށަވަރުކުރާ ސޮފްޓްވެއާ ޓެސްޓުކުރި ޓީމުން ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި، އާ ގާނޫނަށް އަމަލުކުރަން ފެށި ފަހުން އެ ޓީމުން ހުޅުވި 50 އެކައުންޓުގެ ތެރެއިން އެއްވެސް އެކައުންޓަކުން އުމުރު ސާބިތުކޮށްދޭން އެދިފައެއް ނުވެ އެވެ. އެ އެކައުންޓްތައް ހުޅުވިއިރު އުމުރަކީ 16 އަހަރު ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
"އުމުރު ސާބިތުކޮށްދިނުމަށް އެދެން ޖެހޭނެ. ނަމަވެސް އެންމެ ފަހަރަކު ވެސް އަހަރެމެންގެ އުމުރު ކަށަވަރުކުރާކަށް ނުވަތަ އެފަދަ ފިޔަވަޅެއް ބޭނުންކުރާކަށް އެދިފައެއް ނުވޭ،" 2025 ވަނަ އަހަރުގެ ޓެސްޓުތައް ކުރިއަށް ގެންދިޔަ ކޭ.ޖޭ.އާރް ކުންފުނީގެ ޑިރެކްޓަރު އެންޑްރޫ ހެމަންޑް ވިދާޅުވި އެވެ.
ހެމަންޑް ވިދާޅުވި ގޮތުގައި، ޓެސްޓުކުރުމަށް ހެދި 50 އެކައުންޓް ވެސް މިހާރު ހުރީ އެކްޓިވްކޮށެވެ. މި އެކައުންޓްތައް ބަހާލާފައިވަނީ އުމުރުގެ ހުރަސްތައް ކުރިމަތިކޮށްފައިވާ 10 ޕްލެޓްފޯމްގެ ތެރެއިން ނުވަ ޕްލެޓްފޯމެއްގެ މެދުގަ އެވެ. އޭގެ ތެރޭގައި މެޓާގެ އިންސްޓަގްރާމް، ސްނެޕްގެ ސްނެޕްޗެޓް، ޓިކްޓޮކް އަދި އަލްފަބެޓްގެ ޔޫޓިއުބް ހިމެނެ އެވެ.
ޓެސްޓުކުރުމަށް ހެދި ބައެއް އެކައުންޓްތަކަށް ޒުވާނުންނަށް ހާއްސަ ބޭންކިން އުފެއްދުންތަކުގެ އިޝްތިހާރުތައް ލިބިފައިވާ ކަމަށާއި، މިއީ އެ މީހުންގެ އުމުރު އެ ޕްލެޓްފޯމްތަކަށް އަންދާޒާ ކުރެވޭކަމުގެ ހެއްކެއް ކަމަށް ހެމަންޑް ވިދާޅުވި އެވެ. އަދި އީލޮން މަސްކްގެ އެކްސްގައި 16 އަހަރު ކަމަށް ބުނެ ހެދި އެކައުންޓަކަށް ބަރަހަނާ މަންޒަރުތައް ފެންނަ ކޮންޓެންޓް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ދިރާސާއިން ދެއްކި ގޮތުގައި އުމުރު ސާބިތުކޮށްދޭ ލިޔުމެއް ނެތި އެކައުންޓް ހެދުމަށް ހުރަސް އެޅީ ހަމައެކަނި އޮސްޓްރޭލިއާގެ ލައިވް-ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ 'ކިކް' އިން އެކަންޏެވެ.
މިކަމާ ގުޅޭ ގޮތުން ސްނެޕް އަދި ޓިކްޓޮކުން އެއްޗެއް ބުނަން އިންކާރުކޮށްފައިވާއިރު، ގޫގްލް އަދި ސްޕޭސް އެކްސްގެ ދަށުން ހިންގާ އެކްސް އިން މައުލޫމާތު ހޯދުމަށް އެދުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
މެޓާގެ ތަރުޖަމާނަކު ވިދާޅުވީ، ހެމަންޑްގެ ޓީމުން ކުރިއަށް ގެންދިޔަ ޓެސްޓުތަކަކީ ރެގިއުލޭޓަރުންގެ އިރުޝާދުތަކާ ފުށުއަރާ ކަމެއް ކަމަށެވެ. އެ އިރުޝާދުތަކުގައި ވަނީ ބޭނުންކުރާ މީހާގެ އުޅުމަށް ބަލައި އޭނާއަކީ އުމުރު ހަމަނުވާ ކުއްޖެއް ކަމަށް ޝައްކުކުރެވޭ ނަމަ ނުވަތަ އެކައުންޓަކާ މެދު ޝަކުވާއެއް ލިބިއްޖެ ނަމަ ރަސްމީކޮށް އުމުރު ކަށަވަރުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށެވެ.
އީ-ސޭފްޓީ ކޮމިޝަނަރުގެ ތަރުޖަމާނަކު ވިދާޅުވީ، އުމުރުގެ ހުރަސްތައް އޮންނަ ޕްލެޓްފޯމްތަކުގައި 16 އަހަރުން ދަށުގެ ކުދިން އެކައުންޓް ހެދުން ހުއްޓުވުމަށް ބޭނުންވާ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ހުންނާނެ ކަމުގެ ފުރިހަމަ އިތުބާރު އެ އިދާރާއަށް އެބައޮތް ކަމަށެވެ.
އަދި އިރުޝާދު ދީފައިވާ ގޮތަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމުން، އެއްވެސް މަރުހަލާއެއްގައި ނިޒާމު ފޭލްވިޔަ ނުދީ ހިފެހެއްޓޭނެ ކަމަށް ވެސް އެ ތަރުޖަމާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ