ސްކޫލަށް ދާން ދެކޮޅުހެދުން: ބެލެނިވެރިން ވިސްނަންވީ ބައެއް ކަންކަން

ސްކޫލަށް ދާން ދެކޮޅުހެދުން ނުވަތަ "ސްކޫލް ރިފިއުޒަލް" އޭ ބުނުމުން އާއްމުކޮށް ސިފަވަނީ މަގުމަތީގައި ގްރޫޕް ހަދައިގެން އުޅުމަށް ނުވަތަ ކޮޓަރީގައި ބަންދުވެގެން ވީޑިއޯ ގޭމް ކުޅުމަށް ބޭނުންވާ ކުދިންނެވެ. 
ނަމަވެސް މިއީ ގިނަ ފަހަރު، ސްކޫލުން ބޭރުގައި މަޖާކުރުމުގެ ބޭނުމުގައި ކުރާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ސްކޫލަށް ދިއުމަށް ހުންނަ ނުރުހުމެއް ނުވަތަ ބިރުވެރިކަމެއްގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.
MGH Group of Companies
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
THE BAKERS PVT LTD
MGH Group of Companies
ބައެއް ފަހަރު ކޮންމެ ކުއްޖަކު ވެސް ސްކޫލަށް ދާން ބޭނުން ނުވާ ހާލަތަށް ދިމާވެދާނެ އެވެ. ނަމަވެސް "ސްކޫލް ރިފިއުޒަލް" އަކީ ކުއްޖާގެ ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ މިންވަރަށް ސްކޫލަށް ނުގޮސް ހުންނަ ހުރުމެވެ. އާންމުކޮށް ސްކޫލަށް ދާން ބޭނުންނުވާ ހާލަތްތަކާއި މި މައްސަލަ ތަފާތުވާ ބައެއް ކަންތައްތަކެއް ހުރެ އެވެ. އޭގެ ތެރޭގައި:
މި ހުރިހާ ކަމަކަށް ސަމާލުކަން ދިނުން މުހިންމެވެ. ސަބަބަކީ ކުއްޖާ ގިނަ ދުވަސް ދުވަހު ސްކޫލަށް ދިޔަ ނަމަވެސް، މި މައްސަލަ ހުރެދާނެތީ އެވެ. ބައެއް ކުދިންނަކީ އެންމެ ދެ ތިން ދުވަސް ސްކޫލަށް ނުގޮސް ހުރި ނަމަވެސް، ގިނަ ފަހަރު ސްކޫލަށް ގަޑިޖެހޭ ކުދިންނަށް ވެދާނެ އެވެ. އެއީ އެކުދިންގެ ހާސްކަން ބޮޑުކަމުން ގަޑިއަށް ސްކޫލަށް ދިއުމަށް ހުރަސްއެޅޭތީ ކަމަށް ވެދާނެ އެވެ. މި މައްސަލަ ހުންނަ ކުދިން ގަޑި ނުނިމެނީސް ގެއަށް ދިއުމާއި، ސްކޫލް ހެލްތު ރޫމުގައި ގިނަ ވަގުތު ހޭދަކުރުމާއި، ނުވަތަ ދުވަހުގެ ތެރޭގައި މެދުނުކެނޑި ބެލެނިވެރިންނަށް މެސެޖުކުރުން ފަދަ ކަންކަން ކުރެ އެވެ.
ބަލިކަމަށް ބުނެ ޝަކުވާ ކުރުން
ސްކޫލަށް ދާން ބޭނުންނުވާ ކުދިން ގިނަ ފަހަރަށް ބޮލުގައި ރިއްސުން ނުވަތަ ބަނޑުގައި ރިއްސުން ފަދަ ސަބަބެއް ނޭނގޭ ސިއްހީ ޝަކުވާތައް ކުރަން ފަށާނެ އެވެ. ނަފްސާނީ ހާސްކަމުގެ ސަބަބުން ހަށިގަނޑަށް މިފަދަ ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތެއްގައި ބެލެނިވެރިން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޑޮކްޓަރަކަށް ދައްކައި، ސިއްހީ އެހެން މައްސަލައެއް ނެތްކަން ކަށަވަރު ކުރުމެވެ. ނަމަވެސް އަސްލު މައްސަލައަކީ ސްކޫލަށް ދިއުން ކަމަށް ވެދާނެ އެވެ.
ބައެއް ފަހަރު ސްކޫލަށް ދާން ދެކޮޅުހެދުމަކީ ވަގުތީ ކަމަކަށް ވެސް ވެދާނެ އެވެ. މިސާލަކަށް، ކުއްޖާ ބަލިވެގެން ގިނަ ދުވަސްތަކެއް ވަންދެން ސްކޫލަށް ނުގޮސް ހުރުމަށްފަހު އަލުން ސްކޫލަށް ދާން ފަށާއިރު އުނދަގޫތަކެއް ކުރިމަތިވެދާނެ އެވެ. ގެއްލުނު ފިލާވަޅުތަކާއި ހޯމްވޯކްތަކާ މެދު ކަންބޮޑުވެ، ކުއްޖާ މާ ބޮޑަށް ހާސްވާން ފަށައިފާނެ އެވެ.
މިފަދަ ހާލަތްތަކުގައި ކުއްޖާ ގޭގައި ހުންނަ މުއްދަތު އިތުރުވިޔަ ނުދިނުން މުހިންމެވެ. އޭގެ ބަދަލުގައި ޓީޗަރާއި ކުއްޖާއާ ވާހަކަދައްކަން ޖެހެ އެވެ. ކުއްޖާ ގާތު "މަންމަމެން ޓީޗަރާ ވާހަކަދައްކައިފިން، ކުއްޖާ ބަލިވެ އުޅުނުކަން ޓީޗަރަށް އެނގޭ. ކަންބޮޑުވާކަން އެނގޭ، އެކަމަކު މިހާރު ސްކޫލަށް ދާންވީ ވަގުތު ޖެހިއްޖެ" ކަމަށް ބުނެ ހިތްވަރު ދޭންވާނެ އެވެ. މިގޮތަށް އަމަލުކުރުމުން ގިނަ ފަހަރަށް ކުއްޖާ ސްކޫލަށް ދާން ފަށައި، ކަންކަން ހަމައަކަށް އެޅެ އެވެ.
ހަމައެއާއެކު، ބައެއް ކުދިން ޗުއްޓީއަށް ފަހު ސްކޫލަށް ދާއިރު ވެސް މިފަދަ ހާސްކަމެއް އިހުސާސް ކުރެ އެވެ. އެންމެ މުހިންމު ކަމަކީ ވީހާވެސް އަވަހަކަށް ކުއްޖާ އަލުން ސްކޫލަށް ފޮނުވުމެވެ.
ސީރިއަސް ކަންބޮޑުވުންތައް
ސްކޫލަށް ދާން ދެކޮޅުހެދުމުގެ މައްސަލަ ބޮޑުވެ، ދުވަސްތަކަކަށް ނުވަތަ ހަފުތާތަކަކަށް ނުވަތަ މަސްތަކަކަށް ދިގުލައިގެންދާ ނަމަ، އެހީތެރިކަމަށް އެދެންވާނެ އެވެ. މީގެ ތެރޭގައި ސްކޫލަށް ދިޔަ ނަމަވެސް، ގިނަ ވަގުތު ހެލްތު ރޫމުގައި ހޭދަކޮށްފައި ކޮންމެ ދުވަހަކު އަވަހަށް ގެއަށް އަންނަ ކުދިންވެސް ހިމެނެ އެވެ.
މައްސަލަ ދެނެގަތުން
މި މައްސަލަ ސީރިއަސް ހާލަތަކަށް ގޮސްފައިވާ ނަމަ، ފަރުވާގެ ފުރަތަމަ މަރުހަލާއަކީ ބަލި ދެނެގަތުމަށް ފުރިހަމަ އެސެސްމެންޓެއް ހެދުމެވެ. "ސްކޫލް ރިފިއުޒަލް" އަކީ އަމިއްލަ ޒާތުގައި ބައްޔެއް ނޫން ނަމަވެސް، މިއީ އާއިލާއާ ވަކިވާން ބިރުގަތުން، އިޖުތިމާއީ ހާސްކަން، މާޔޫސްކަން ނުވަތަ ކުއްލިއަކަށް ބިރުގަންނަ ބަލި (ޕެނިކް ޑިސްއޯޑާ) ފަދަ ކަންކަމާ ގުޅިފައިވާ ކަމެކެވެ. ފުރިހަމަ އެސެސްމެންޓެއް ހެދުމުން، ކުއްޖާ ސްކޫލަށް ދާން ބޭނުންނުވާ އަސްލު ސަބަބު ދެނެގަނެވި، އެ ކުއްޖަކާ ގުޅޭ ހާއްސަ ފަރުވާ ދިނުމަށް ފަސޭހަވެގެންދާނެ އެވެ.
ކުއްޖާގެ ވާހަކަ އަޑުއެހުން
ސްކޫލުގައި ކުއްޖާއަށް ގަނާކުރުން (ބުލީކުރުން) ނުވަތަ ފިލާވަޅުތައް އުނދަގޫވުން ފަދަ ވަކި ކަމެއް ދިމާވަމުން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މީގެ މާނައަކީ ކުއްޖާ ސްކޫލަށް ދާން ބޭނުން ނުވުމުން، ބުލީ ކުރަނީ ކާކުތޯ އެހުމެއް ނޫނެވެ. ނަމަވެސް ކުއްޖާގެ ދިރިއުޅުމުގައި ހިނގާ ކަންކަން ބެލެނިވެރިންނަށް އެނގެންޖެހެ އެވެ. ޓީޗަރުންނަކީ ކޮންކަހަލަ ބައެއްކަމާއި، ފިލާވަޅުތައް ކުރިއަށްދާ ގޮތާއި، ކުއްޖާ އުޅެނީ ކޮންކަހަލަ ރައްޓެހިންނަކާ އެކުކަން ބެލެނިވެރިންނަށް އެނގެންވާނެ އެވެ. މިއީ އާންމު ދިރިއުޅުމުގެ ވާހަކަތަކުގެ ތެރެއިން އޮޅުންފިލުވިދާނެ ކަންކަމެވެ. އަދި ސްކޫލުގައި ކަމެއް ހިނގައިފިކަމަށް ކުއްޖާ ބުނެފިނަމަ، ކުރަން ހުރި މަސައްކަތެއް ބަހައްޓާފައި، ކުއްޖާއަށް ފާޑުނުކިޔައި އެ ވާހަކަ ކަނުލައި އަޑުއެހުން މުހިންމެވެ.
އެހީތެރިކަން ހޯދުން
މި މައްސަލަ ހުންނަ ކުދިންނަށް ފަރުވާ ދިނުމުގައި އާންމުކޮށް ބޭނުންކުރަނީ "ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ" އެވެ. މީގެ ސަބަބުން ހާސްކަން ކުޑަކޮށް، ބިރުގަންނަ ކަންކަމާ ކުރިމަތިލާން ކުދިންނަށް ދަސްވެ އެވެ. ހާސްކަމުން އަރައިގަތުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެ ހާސްކަމުގެ ތެރޭގައި އުޅެން ދަސްކުރުމެވެ. ސްކޫލަށް ދިޔަސް ކުއްޖާ ބިރުގަންނަ ފަދަ ނުރައްކާތެރި ކަމެއް ދިމާނުވާނެކަން ކުއްޖާއަށް އަމިއްލައަށް ފެންނަންޖެހެ އެވެ. މީގެ އިތުރުން "އެކްސްޕޯޝާ ތެރަޕީ" މެދުވެރިކޮށް މަޑުމަޑުން ކުއްޖާ ސްކޫލް މާހައުލަށް ހޭނުވިދާނެ އެވެ. ފަރުވާގެ ކުރީކޮޅު، ބަންދު ދުވަސްތަކުގައި ސްކޫލް ކައިރިއަށް ދިއުން ނުވަތަ ހުސްކޮށް އޮންނަ ސްކޫލް ހޯލުތަކުގައި ހިނގާލުން ފަދަ ކަންކަން ކުރެވިދާނެ އެވެ. އެއަށްފަހު އެއް ގަޑިއިރަށް ނުވަތަ ދެ ގަޑިއިރަށް ސްކޫލަށް ފޮނުވައި، ފަރުވާ ނިމޭއިރު މުޅި ދުވަހު ސްކޫލުގައި ހުންނަ ގޮތަށް ހަމަޖެއްސިދާނެ އެވެ.
މި މައްސަލަ ވީހާވެސް ކުރިން ދެނެގަނެ، ފިޔަވަޅު އެޅުން މުހިންމެވެ. ހިތާމައަކީ، ކުއްޖާ ސްކޫލަށް ނުގޮސް ގިނަ ދުވަސްވާ ވަރަކަށް، އަލުން ސްކޫލަށް ދިއުމުގެ އާދަ އަށަގެންނެވުން އުނދަގޫވާނެތީ އެވެ. ބައެއް އާއިލާތަކަށް ހެނދުނު ކުއްޖާ ސްކޫލަށް ފޮނުވުމަކީ ބޮޑު ހަނގުރާމައެއް ފަދަ ކަމެކެވެ. ބައެއް ފަހަރު ބެލެނިވެރިން ވަރުބަލިވެގެން "މިއަދު ގޭގައި މަޑުކުރާށޭ، މަންމަ ގޮސް ފިލާވަޅުތައް ބަލައި އަންނާނަމޭ" ބުނެ ދޫކޮށްލެވެ އެވެ. މިއީ ބެލެނިވެރިންގެ ފަރާތުން ދިމާވެދާނެ އާންމު ހާލަތެއް ނަމަވެސް، މިގޮތަށް ދޫކޮށްލުމުން ކުއްޖާ ސްކޫލާ ދުރުވާ މުއްދަތު އިތުރުވެ އެވެ. އެހެންކަމުން، ވީހާވެސް އަވަހަކަށް ކުއްޖާ ސްކޫލަށް ފޮނުވުމާއި ކަމާބެހޭ މާހިރުންގެ އެހީތެރިކަން ހޯދުމަކީ ބެލެނިވެރިން ކުރަންޖެހޭ އެންމެ މުހިންމު ކަންތަކެވެ.
މައުލޫމާތު: ޗައިލްޑް މައިންޑް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ