ޤުދުޞް އާއި ފަލަސްޠީނުގެ އިސް މުފްތީ ޝައިޚް މުޙައްމަދު ޙުސެއިން، މުސްލިމުންގެ މުޤައްދަސް މަސްޖިދުލްއަޤްޞާއަށް ވަނުން ޔަހޫދީން އެއް ހަފްތާގެ މުއްދަތަށް މަނާކޮށްފިއެވެ.
ޤުދުޞްގެ މައި އިދާރާއިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޔަހޫދީންގެ ނިރުބަވެރި ސިފައިން އިސް މުފްތީ ހިފެހެއްޓީ އަލްއަޤްޞާ މިސްކިތުގައި ހުކުރު ޚުތުބާ ދެއްވުމަށްފަހު ނުކުމެވަޑައިގަންނަވަނިކޮށް ކަމަށެވެ.
ފަހުން އޭނާ ދޫކޮށްލި ނަމަވެސް، ޔަހޫދީން ވަނީ އަލްއަޤްޞާއަށް އޭނާ ވަނުން އެއް ހަފްތާއަށް މަނާކޮށްފައެވެ. އަދި މި މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮތް ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ޤުދުސް ނިއުސް ނެޓްވޯކުން ބުނި ގޮތުގައި، ޝައިޚް މުޙައްމަދު ޙުސެއިން ހައްޔަރުކުރީ ހުކުރު ޚުތުބާގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ. އެ ޚުތުބާގައި އޭނާ ވަނީ ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދުވި ފަލަސްޠީނުގެ ރައްޔިތުންނަށް ރަޙުމަތް ލެއްވުމަށާއި، ޔަހޫދީ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްޠީނުގެ އަސީރުންނަށް ލުއި ދެއްވުން އެދި ދުޢާކުރައްވާފައެވެ.
އަލްޖަޒީރާއަށް ފޮނުވި މެސެޖެއްގައި އެ އިދާރާއިން ބުނީ، ޤުދުޞްގެ އިސް މުފްތީ ހައްޔަރުކޮށްފައިވަނީ ބިރުދެއްކުމަށްޓަކައި ކަމަށެވެ.
މި ފިޔަވަޅަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި ނަސްލުހޭދަ ކުރުމަށް ޔަހޫދީންގެ ނިރުބަވެރި ޢުދުވާނު ފެށުނު ފަހުން، ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި، ޔަހޫދީންގެ މިފަދަ އަނިޔާވެރި ޢަމަލުތައް ވަނީ އެތައް ގުނައަކުން އިތުރުވެފައެވެ. އެ ދުވަހުން ފެށިގެން ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި އެކަނިވެސް 1,100 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، އޭގެތެރޭގައި މަދުވެގެން 243 ކުޑަކުދިން ހިމެނެއެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވަމުންދާތީ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. މިދިޔަ މަހު އެމްނެސްޓީ އިންޓަނޭޝަނަލް އިން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، ޔަހޫދީންގެ އެ ސަރަޙައްދުގައި ހިންގަނީ ދައުލަތުން ރާވައިގެން ހިންގާ ނަސްލުހޭދަ ކުރުމުގެ ޖަރީމާތަކެއް ކަމަށާއި، އެއީ ހަމައެކަނި ޔަހޫދީންގެ ހަރުކަށި ވަޒަންވެރިން އަމިއްލައަށް ކުރާ ކަމެއް ނޫން ކަމަށެވެ.
ފަލަސްޠީނުގެ އިސް މުފްތީ އަޤްޞާ މިސްކިތަށް ވަނުން ޔަހޫދީން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ