ދައުލަތުން ގެއްލިފައިވާ ފައިސާއާއި މުދާ އަނބުރާ ހޯދުމަށް "އެސެޓް ރިކަވަރީ ގާނޫނެއް" ހަދައި، ކޮރަޕްޝަނުގެ މައްސަލަތަކުގައި "މޫނަކަށް ކަނދުރާއަކަށް ނުބަލާނެ" ކަމަށް ރައީސް މުހައްމަދު މުއިއްޒު ރަސްމީ ޖަލްސާތަކާއި ސިޔާސީ އެއްވުންތަކުގައި ވިދާޅުވި ނަމަވެސް، މިހާތަނަށް އެއީ ހޮޅި ވާހަކަތަކެކެވެ.
ދެހާސް ސައުވީސް ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން ދެމުންދިޔަ ސުންގަޑިތައް އެކި ފަހަރު މަތިން ފަހަނައަޅައި ގޮސްފައިވާއިރު، ފެންނަން އޮތް ހަގީގަތަކީ ތާރީހުތަކަށް ބަދަލު ގެނެސް، އައު ވައުދުތައް އިއުލާނުކުރުން ފިޔަވައި އަމަލީ ސިފައެއްގައި މި ގާނޫނު ވުޖޫދަށް ގެނެވިފައި ނުވާ ކަމެވެ.
ނޫސްތަކުގައި ޝާއިއުކޮށްފައިވާ ހަބަރުތަކާއި ސަރުކާރުގެ ބަޔާންތަކަށް ބަލައި ތައްޔާރުކޮށްފައިވާ ފެކްޓް ޗެކް ތިރީގައި އެވަނީ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބިލުގެ މަސައްކަތް ނުނިންމުމުން، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އަމިއްލައަށް އެ ބިލު ތައްޔާރުކުރަން ފަށައި، 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހަޅާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ އޮކްޓޯބަރު 19، 2024 ގަ އެވެ.
ނަމަވެސް 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރު ނިމިގެން ދިޔައިރުވެސް އެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ. އޭޖީ އޮފީހުން ކަނޑައެޅި ސުންގަޑިއަށް ބިލު ފޮނުވިފައެއް ނުވެ އެވެ.
ކުށްކޮށްގެން ހޯދާ ފައިސާއާއި މުދާ އަނބުރާ ދައުލަތަށް ނެގޭނީ އެސެޓް ރިކަވަރީ ގާނޫނެއް ވުޖޫދަށް އައިސްގެން ކަމަށް އޭސީސީގެ ރައީސް އާދަމް ޝާމިލް ފެބްރުއަރީ 26، 2025 ގައި ވިދާޅުވި އެވެ. އަދި އޭސީސީން ވަނީ "އެސެޓް ރިކަވަރީ ނަމޫނާ ގާނޫނު"ގެ ފޮތެއް އިފްތިތާހުކޮށްފަ އެވެ.
އޭސީސީން ނަމޫނާ ބިލެއްގެ ޑްރާފްޓް ނެރުނު ނަމަވެސް، ސަރުކާރުން ކުރިން ދިން މުއްދަތުގައި (2025 ގެ ފުރަތަމަ ދައުރު) ގާނޫނެއްގެ ސިފަ އައިސްފައެއް ނުވެ އެވެ. އަދި ކުރީ ސަރުކާރުގައި އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަން ވެސް ނަތީޖާއެއް ނުނެރެވޭ ކަމަށް ބުނެ އުވާލާފައި ވާއިރު، މައްސަލަތައް ހައްލުކުރަން ގާނޫނީ އާ ފަރުވާއެއް މިހާތަނަށް ގެނެވިފައެއް ނުވެ އެވެ.
ކުރީގެ ވައްކަންތަކުގެ ފައިސާ ހޯދޭނެ ގޮތެއް ނެތުމުން އެސެޓް ރިކަވަރީ ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އަތޮޅު ތަކަށް ވަޑައިގަތުމުގެ ރެކޯޑު ހެއްދެވުމަށް ކުރެއްވި ދަތުރުތަކުގެ ތެރެއިން ތ. އަތޮޅު ތިމަރަފުށީގައި ސެޕްޓެމްބަރު 26، 2025 ގަ އެވެ. އެއަށް ފަހުން ވެސް އެ ވާހަކަ ތަކުރާރުކުރެއްވި އެވެ. އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ފަރާތުން އެސެޓް ރިކަވަރީ ގާނޫނެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރުމަށް އޮކްޓޯބަރު 2025 ގައި ފާސްކުރި އެވެ.
ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަކުން ބިލެއް ޑްރާފްޓް ކުރަން ނިންމި ނަމަވެސް، އޭގެ ފަހުން އެތައް މަހެއް ވެގެން ދިޔައިރުވެސް ގާނޫނެއް ފާސްކޮށް އަމަލީ ގޮތުން ތަންފީޒު ކުރަން ފެށިފައެއް ނުވެއެވެ.
ޖުލައި 26 ގައި ފާހަގަ ކުރި މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކުގައި ސަރުކާރުގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާނެ ކަމަށެވެ. އަދި އެސެޓް ރިކަވަރީ ބިލުގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކުރުމުގެ ބިލެއް ވެސް "ދާދި އަވަހަށް" މަޖިލީހަށް ފޮނުއްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ބަންޑާރަނައިބު ކަނޑައެޅުއްވި ސުންގަޑިތައް ފަހަނައަޅައި ގޮސް، ދެ އަހަރު ވާން އުޅޭއިރުވެސް އަދިވެސް ދެނީ އިތުރު ބިލުތަކުގެ ވައުދާއި "ދާދި އަވަހަށް" ފޮނުވާނެ ކަމުގެ ވައުދެވެ.
"މޫނަކަށް ކަނދުރާއަކަށް ނުބަލާނެ" ކަމަށް ވިދާޅުވި ނަމަވެސް، ޚުދު އެމަނިކުފާނުގެ މައްޗަށް ވެސް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އެތައް މައްސަލައެއް އެބަ ހުއްޓެވެ. އޭސީސީގައި ކުރިން ފެށިގެން ތަހުގީގު ކުރަމުން ދިޔަ މައްސަލަތަކާއި ވެރިކަމަށް ވަޑައިގަތުމަށް ފަހު ތުހުމަތު ކުރެވި ހުށަހެޅިފައިވާ މައްސަލަތައް ފުނިޖެހިފައި އެބަ ހުއްޓެވެ. މީގެ އިތުރުން ސަރުކާރުގެ ވެރިންނާއި ޕާޓީގެ އިސް މެންބަރުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ބައިވަރެވެ.
ގާނޫނުގައި ބުނާ ގޮތަށް ސިޔާމްގެ ފަރާތުން ލިބިވަޑައިގެންނެވި "އެހީ" މުއިއްޒު އޭސީސީއާ ހަވާލުކޮށްފައި ނުވެ އެވެ. އެ ފައިސާއިން ދެއްކެވީ އޭނާ ވިދާޅުވާ ގޮތުން، ރޯހައުސްގެ ޑައުންޕޭމަންޓެވެ.
ރައީސް އާދިއްތަ ދުވަހުގެ ރޭ ދެއްކެވި ވާހަކައާއި އަމަލު ދިމާކުރައްވަން ބޭނުންފުޅުވާނަމަ ފަށަން މިޖެހެނީ އަމިއްލަ ނައިބު ރައީސް އާއި މަޖިލީހުގެ ރައީސް އާއި ހިސާބުންނެވެ. ކެބިނެޓުގެ އެތައް މިނިސްޓަރަކާއި މަޖިލީހުގެ ގިނަ މެންބަރުންތަކަކާއި ހިސާބުންނެވެ.
ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލަން ކަމަށް ބުނެ ސަރުކާރުން ގާނޫނުލްއުގޫބާތު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި އެބަ އޮތެވެ.
މި ބިލް ހުށަހަޅާ ވާހަކަ މުއިއްޒު އިއުލާން ކުރެއްވީ އޮކްޓޯބަރު 31، 2024 ގަ އެވެ. ބިލްގެ ފުރަތަމަ ކިޔުން މަޖިލީހަށް ނޮވެމްބަރު 4، 2024 ގައި އިއްވުމަށް ފަހު ބިލާމެދު ބަހުސްކޮށް، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވީ ނޮވެމްބަރު 13، 2024 ގަ އެވެ. ނަމަވެސް، ބިލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ކޮމިޓީގައި ޕާކްކޮށްފައި އޮތީ އެވެ.
--
2024 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް އެސެޓް ރިކަވަރީ ގާނޫނާ ގުޅޭގޮތުން އެކި ފަހަރު މަތިން އެކި ތާރީހުތަކާއި ވައުދުތައް ވެފައިވީ ނަމަވެސް، ކަނޑައެޅި ސުންގަޑިތައް ފަހަނައަޅައި ގޮސް، އަދިވެސް އޮތީ ބިލު ފޮނުވުމާއި އިސްލާހު ކުރާނެ ކަމުގެ "އަވަސް" ވާހަކަތަކުގެ މަރުހަލާގަ އެވެ. އޭގެ އިތުރުން، ކޮރަޕްޝަންގެ ތުހުމަތުވާ ފަރާތްތަކަށް ސަރުކާރުގެ ތެރެއިންނާއި ސިޔާސީ ގޮތުން މަގާމުތައް ދެމުންދިއުމަކީ "މޫނަކަށް ކަނދުރާއަކަށް ނުބަލާނެ" ކަމަށް ބުނާ ބުނުމާއި އަމަލާ ދެމެދު ބޮޑު ފަރަގެއް އޮތްކަން ހާމަވާ ކަމެކެވެ. މީގެ އިތުރުން މި ސަރުކާރުގެ ބައެއް ވެރިން ނުހައްގު މުއްސަނދިކަން ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭއިރު، އެކަން ހުއްޓުމުގެ ރޫހު ވެސް އޮތީ ހުއްޓިފަ އެވެ.
އެސެޓް ރިކަވަރީ ގާނޫނު: ތާރީހުތައް ބަދަލުކުރުން ފިޔަވައި އަމަލީ ނަތީޖާއެއް ނެތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ