ނޯލަންގެ ފިލްމު 'ދަ އޮޑިސީ' އޮންލައިންކޮށް ލީކުވެއްޖެ
ބޮކްސް އޮފީހުގައި މިހާތަނަށް 649 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ޑައިރެކްޓަރު ކްރިސްޓޮފަ ނޯލަންގެ ފިލްމު "ދަ އޮޑިސީ" ބައެއް އޮންލައިން ޕްލެޓްފޯމްތަކުގައި ލީކުވުމާ ގުޅިގެން ޔުނިވާސަލްއިން އެ ވީޑިއޯތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ. މި މަހުގެ 17 ވަނަ ދުވަހު ސިނަމާތަކުގައި ދައްކަންފެށި ހޯމަގެ ގަދީމީ ގްރީކް ޅެމެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "ދަ އޮޑިސީ" އަކީ ހޮލީވުޑްގެ އުފެއްދުންތަކުގެ ތެރެއިން އޮންލައިންކޮށް ޕައިރޭޓްކުރުމުގެ ޝިކާރައަކަށްވި އެންމެ ފަހުގެ ބޮޑު ފިލްމެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ފިލްމުގެ ފެންވަރު ދަށް ކޮޕީތަކެއް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައުރުވާން ފެށީ ފިލްމު ސިނަމާތަކުގައި ދައްކަން ފެށިތާ ހަފުތާއެއް ވީތަނާހެނެވެ. ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމުގެ ޕައިރޭޓް ކުރެވިފައިވާ ކޮޕީތައް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ވަރަށް ބޮޑަށް ފެތުރުނެވެ. ނަމަވެސް، މި ވީޑިއޯތައް އާންމުވިތާ ގާތްގަނޑަކަށް ދެ ގަޑިއިރު ތެރޭގައި ވަނީ އިންޓަނެޓުން ނަގާފައެވެ. ފިލްމު 'ދަ އޮޑިސީ"ގެ ބައެއް ކާސްޓުން އެ ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ މި ކަމާ ގުޅިގެން ޔުނިވާސަލް ޕިކްޗަސްއިން 'ދަ ހޮލީވުޑް ރިޕޯޓަ'އަށް ދިން ބަޔާނެއްގައި ބުނީ، ކޮޕީރައިޓްގެ ޤާނޫނާ ޚިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި، އެ ފަރާތުގެ ފިކުރީ މުދާ ހިމާޔަތްކުރުމަށް ކުރަންޖެހޭ ހުރިހާ ޤާނޫނީ މަސައްކަތެއް ކުރާނެ ކަމަށެވެ. ފިލްމު އޮންލައިންކޮށް ލީކުވި ނަމަވެސް، "ދަ އޮޑިސީ"އަށް ސިނަމާތަކުގައި ލިބެމުންދާ ތަރުހީބަކަށް ބަދަލެއް ނާދެއެވެ. މި ފިލްމަށް އުތުރު އެމެރިކާގެ މާކެޓުން އެކަނިވެސް ދެވަނަ ހަފުތާ ބަންދުގައި 87 މިލިއަން ޑޮލަރު ލިބިފައިވާއިރު، އެ ސަރަހައްދުން ލިބުނު ޖުމްލަ އާމްދަނީ މިހާރު ވަނީ 286 މިލިއަން ޑޮލަރަށް އަރާފައެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ އެހެން މާކެޓްތަކުން 350 މިލިއަން ޑޮލަރު ލިބި، ފިލްމުގެ މުޅި ޖުމްލަ އާމްދަނީ ވަނީ 649 މިލިއަން ޑޮލަރަށް އަރާފައެވެ. ހޯމަގެ ގަދީމީ ގްރީކް ޅެމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި ދައްކުވައިދެނީ، ޓްރޯޖަން ހަނގުރާމައަށްފަހު ރަސްގެފާނު އޮޑިސިއަސް (މެޓް ޑޭމަން) އެނބުރި އިތާކާއަށް ދިއުމަށް ކުރާ ނުރައްކާތެރި ދަތުރެވެ. މި ފިލްމުގެ ކާސްޓުގައި ހިމެނޭ މުހިއްމު ތަރިންގެތެރޭ، ޒެންޑާޔާ، ރޮބަޓް ޕެޓިންސަން، ޗާލީޒް ތެރަން، ލުޕިޓާ ނިޔޮންގޯ، ޖޯން ލެގުއިޒާމޯ، އެލިއަޓް ޕޭޖް، މިއާ ގޮތް، ކޮރީ ހޯކިންސް، ޖޯން ބާންތަލް، ސަމަންތާ މޯޓަން، ޓްރެވިސް ސްކޮޓް އަދި ބެނީ ސަފްދީ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ