މި ހިތް އެދޭތީ... 26
އަލަމާރިއަށް އެއްޗެހިތައް ލާން އިން އިޒީއަށް ބަލައިލާފައި އާގިސަ ތެދުވިއެވެ. ކޮޓަރިން ނުކުމެ، ދޮރު ލައްޕައިލިއެވެ. "ވަރަށް މުހިއްމު ވާހަކައެއް ދައްކަން އެބަޖެހޭ..." ފަރުހާދު ދިޔައީ ސޯފާ އާއި ދިމާއަށެވެ. ******** "ކިހިނެއްވީ؟..." އާގިސާ ހާސްވީ އަނެއްކާވެސް ކަމެއް ގޯސްވާން އުޅެނީ ކަމަށް ހީކޮށެވެ. "އިށީނދެބަލަ..." ސޯފާއަށް އިޝާރާތް ކުރަމުން ފަރުހާދު އެދުނެވެ. "މިއައީ ޝާކިރާއެކީ އެގެއަށް ގޮއްސަ..." "ޝާކިރަށް ކިހިނެއް އެނގުނީ އަހަރެމެން މާލެ އައިކަން؟..." ސޯފާގައި އިށީންނަމުން އާގިސާ އަހައިލިއެވެ. "ރައްޓެއްސަކާ އެކީ ކޮފީއެއްގަ އިންދާ އެތަނުން ދިމާވީ..." ފަރުހާދު ތަފްސީލް ދިނެވެ. "ތިއެއް ނޫނޭ... ޝާކިރު ދީފި ވަރަށް ރަނގަޅު ހިޔާލެއް... އަހަންނަށްވެސް އެ ހިޔާލު ވަރަށް ކަމުގޮއްސި..." "ކޮން ހިޔާލެއް؟..." އާގިސާގެ ހިތް ތެޅިގަތީ ކީއްވެކަމެއް ހުދު އޭނާއަށްވެސް ނޭނގުނެވެ. "އަހަރެން ވަކި އެއްޗެއް ނުބުނެ މިއައީ މިކަމުގަ އާގިސާގެ ބަހެއް ވެސް މުހިއްމުވީމަ...." ފަރުހާދު ބޭނުންވީ ފުރަތަމަ ކަމަކަށް އާގިސާގެ އިތުބާރު ހޯދާށެވެ. "ބުނީމެއްނު ޝާކިރުގެވެސް ހުރެއޭ އިޒީއެކޭ އެއް އުމުރެއްގެ ފިރިހެން ކުއްޖެއް... ރިޝާން އެސޮރަށް ކިޔަނީ... މިއަދު ދިޔައިރު އެސޮރާވެސް ދިމާވި... ވަރަށް ޒިންމާދާރު ޒުވާނެއް ވައްތަރު ޖަހާ..." އާގިސާ ބޯ ޖަހައިލިއިރު، އެ މޫނުން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ފަރުހާދު ދައްކަން އުޅެނީ ކޮން ވާހަކައެއްކަން އޭނާއަށް އެނގުނެވެ. ހިތް ނުތަނަވަސްވީ ކީއްވެކަން އޭނާއަށް ވިސްނުނީ ދެނެވެ. "އިޒީ އާ އެސޮރު ގުޅުވަން އާގިސާގެ ބަހެއް އަހަރެން ބޭނުންވަނީ... އަހަރެން ވަރަށް ރުހޭ ކަމެއް އެއީ.... މިކަހަލަ ރަނުގެ ފުރުސަތެއް ލިބޭނީ މަދު ފަހަރަކު..." ފަރުހާދު ހާމަކުރީ އޭނާގެ ވިސްނުމެވެ. "އެކަމަކު، ތިކަހަލަ ކަމެއްގަ އަހަންނަށްވުރެ ބޮޑަށް އިޒީގެ ބަހެއްނު މުހިއްމު ވާނީ..." އާގިސާ ދެވަނަ ވިސްނުމަކަށް ދާކަށްވެސް ބޭނުމެއް ނުވިއެވެ. "އިޒީގެ ބަހެއް ނުހޯދާ ވާހަކައެއް ނޫނޭ... އެކަމަކު، ދެ އާއިލާ ގުޅެން މީ ކިހާ ރަނގަޅު ފުރުސަތެއް... އިޒީ އާ ވާހަކަ ދައްކަން އެންމެ ރަނގަޅުވާނީ އާގިސާ... އެހެންވެ ފުރަތަމަވެސް އާގިސާގެ ބަހެއް މިކަމުގަ ބޭނުން މިވީ..." ފަރުހާދު ބޭނުންވީ އާގިސާގެ އާނބަހެވެ "މީ ތިކަހަލަ ވާހަކައެއް ދައްކަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަންނޭނގެ.... އަހަންނަކަށް ނުފެނޭ އެއްވެސް ކަމެއް މާ އަވަސް އަރުވާލައިގެން ކުރާކަށް... ކަންކަން ހަމައަކަށް އެޅިލަންދެން މަޑުކުރަންވީނު..." އާގިސާއަށް ފަރުހާދުގެ ވިސްނުން ހުރިގޮތް ކަމަކުނުދިޔައެވެ. "ދެން އާގިސާ ތިބުނީ ހިތާމަ ކޮށްކޮށް ހުންނަން އެމަންޖެ ދޫކޮށްލާށޭތަ؟... މާދަމާ ނޫންކަމެއް ނޭނގެ އަހަރެމެން ރަށަށް ދާނީ... އެހިސާބުން އިޒީ އެކަނިވީ... އަޅާލާނެ މީހަކު ނުހުންނާނެ... މިހާރުވެސް އެކުއްޖާގެ ހަށިގަނޑު އެހުރީ ހިކި އަނަރޫފަވެފަ... ހިތާމަ ނޫން އެއްޗެއް ލޮލުން ނުފެނޭ... އެހެން ހުރެ ސިފަވެސް ގެއްލިދާނެ... އޭރުން ކާކު އިންނާނީވެސް... އެގޮތްތަ އާގިސާއަށް ރަނގަޅީ؟..." ފަރުހާދު ހިތްހަމަނުޖެހުނެވެ. "ރަނގަޅު އާއިލާއެއްގެ ކުއްޖަކު އިންނަން ތައްޔާރަށް ހުއްޓާ، އެ ފުރުސަތު ދޫކޮށްލުމަކީ މޮޔަ ކަމެއް... އަނެއްކާ، ޝާކިރު އެ އުޅެނީ، ރަށުގަ ވިޔަފާރިއެއް ފަށަން... އެތަން ހިންގަން އަހަންނާ ހަވާލުކުރަން... އެހާ އިތުބާރު އެމީހުން އަހަރެމެންނަށް އެބަ ކުރޭ... ދެން އެމީހުންގެ އެދުން ބޮލާލާ ޖެހުން އެއީ ކިހާ ހަޑި ކަމެއް..." "ތަންކޮޅެއް މަޑުން ވާހަކަ ދައްކަބަލަ...." އާގިސާ ކަންބޮޑުވީ އިޒީއަށް އަޑު އިވިދާނެތީއެވެ. "ތި ވިޔަފާރިއަށްވުރެ އަހަންނަށް މުހިއްމީ އަހަރެމެންގެ ދަރި..." ދޮރުގައި ލެނގިލައިގެން ހުރި އިޒީ ދެލޯ މަރައިލިއެވެ. ބައްޕަގެ ޖުމުލަތައް ވިހަ ތީރުތަކެއްހެން އޭނާގެ މެޔަށް ހެރެމުން ދިޔައެވެ. އޭނާގެ ސަބަބުން އަމިއްލަ މައިންބަފައިންނަށްވެސް އުނދަގުލަކަށް ވީ ހެއްޔެވެ؟ އެ ދެމެދުގައި މައްސަލަ ޖެހެންޖެހޭ ސަބަބަކަށް ވާކަށް އިޒީ ބޭނުމެއް ނުވިއެވެ. އިޒީގެ ލޮލުގެ ހިމަކޮޅުން ފޭދިގެން އައި ކަރުނަތަކުން ދެކޯތާފަތް ތެންމައިލަން ގިނައިރެއް ނުނެގިއެވެ. އެނދުގައި އޮށޯތްގޮތަށް އޭނާ ނެގީ ފޯނެވެ. އެންމެފަހުން ނަގާފައިވާ ޔައިލްގެ ތަސްވީރަށް ބަލަން އޮތްއިރު، ހިތުގައިވި ޝަކުވާތައް ކަރުނައިގެ ސިފައިގައި ބޭރުވަމުން ދިޔައެވެ. ޔައިލް އެފަދައިން ކަންތައް ނުކުރިނަމަ، އޭނާގެ ހަޔާތް ކިހާ އުފާވެރިވީސް ހެއްޔެވެ؟ ޔައިލް ނޫން މީހަކު ހަޔާތަށް ގެންނަން އިޒީ ކުޑަކޮށްވެސް ހިތަށް ނާރައެވެ. އެކަމަކު، ޔައިލް ކަންތައް ކުރިގޮތުން، އެ ހަޔާތަށް ދެން އަނބުރާ ޔައިލް ގެނެވިދާނެ ހެއްޔެވެ؟ ފޯނު މޭގައި ޖައްސައިލައިގެން އޮވެ، އިޒީ އެތައް އިރަކު ރުޔެވެ. ******** އޮފީހަށް ނުކުތުމުން ޔައިލްއަށް އިހުސާސްވީ ފަޅުކަމެވެ. ކެބިންއަށް ވަނުމުން، އެ ފަޅުކަން ވަކީން ބޮޑަށް އިހުސާސް ކުރެވުނެވެ. އިޒީގެ ގޮނޑު ހުރީ ހުހަށެވެ. ކުރިން މޭޒުމަތީގައި ތަރުތީބެއް ނެތްހެން އަތުރާފައި ހުންނަ ފައިލުތައް ހުރީ އެއް އަރިމަތީގައި ރީތިކޮށް ތަރުތީބުން ބަހައްޓާފައެވެ. އިޒީގެ މޭޒުމަތީގައި ހުރި ކޮންމެ އެއްޗަކަށް އޭނާ ބެލީ ފުން ނަޒަރަކުންނެވެ. އެ ކޮންމެ އެއްޗެއް އިޒީގެ ހަނދާންތައް އައު ކުރުވައެވެ. ދެލޮލަށް ކަރުނަ ޖަމާވާން ފެށުމުން ޔައިލް ފުންކޮށް ދެތިން ނޭވާ ބޭރުކޮށްލައި ކަރުނަތައް ހިންދައިލުމުގައި ކާމިޔާބު ހޯދިއެވެ. ފުން ވިސްނުމެއްގައި ހުރުމުން ސާރާ ކެބިންއަށް ވަންކަމެއް ޔައިލްއަކަށް ނޭނގުނެވެ. "މޭމް އަވަހަކަށް ނުދުރުވާނެ..." އިޒީގެ މޭޒު ކައިރީގައި ޔައިލް ހުރި ތަން ފެނުމުން ސާރާ ބުނެލިއެވެ. "އޭނ؟..." ވައްކަމެއް ކުރަނިކޮށް ފަޅާއެރުމުން، ތެޅިގަންނަހެން ޔައިލްއަށް ތެޅިގަނެވުނެވެ. "އަހަރީ ޗުއްޓީ އެއްކޮށް ނަންގަވައިފި... ސްޕެޝަލް ޗުއްޓީއަކަށްވެސް ރިކުއެސްޓް ކުރައްވާފަ އޮތީ... ސަޕްރައިޒްވެފަ މިހުރީ... ދުވަހަކުވެސް މޭމް އަދި ޗުއްޓީއެއް ނުނަންގަވާ..." ސާރާ ގެނައި ފައިލު ޔައިލްގެ އަތަށް ދެމުން ބުނެލިއެވެ. "އަޑުއެހިން މޭމް ކައިވެނިކުރަން އުޅޭ ވާހަކަ... އެނގޭތަ؟..." ސާރާ ދެން ހާމަކޮށްލި ހަގީގަތަކުން ޔައިލް ސިހޭގޮތްވިއެވެ. "ސަޕްރައިޒް ދޯ...." ޔައިލްއަށް ވީގޮތް ފެނި ސާރާ ބުނެލިއެވެ. "އަހަރެންވެސް މިހުރީ ސަޕްރައިޒްވެފަ.... ނުވެސް ފެނޭނު މީހަކާ ރައްޓެހިވެގެން އުޅުނު ތަނެއްވެސް... ފޯނެއްގަ އިންނަ ތަންވެސް ނުފެންނާނެ... މެސެޖެއް ކުރާ ތަން އަމުދުން ނުފެނޭ... ޔައިލްއަށްވެސް ނޭނގޭދޯ؟..." ޔައިލް ބޯ ހޫރައިލިއެވެ. "އިނގޭތަ ކާކާ ކަން މެރީ ކުރަނީ؟..." ސާރާ ކުޑަކޮށް ޔައިލްގެ ކައިރިއަށް ޖެހިލިއެވެ. "ސީކްރެޓެއް އިނގޭ އަދި.... އެ ފެމެލީ ވަރަށް ކްލޯޒް ފްރެންޑެއް ބުނީ..." ޔައިލް ހުރީ ހިތް ހުއްޓޭވަރު ވެފައެވެ. އިޒީ އެހާ ކުއްލި ގޮތަކަށް ކައިވެންޏެއް ކޮށްފާނެ ހެއްޔެވެ؟ އެކަމަކު، ޔައިލްދެކެ ލޯބިވާކަން ހާމަކޮށްފައި، އެހާ އަވަހަށް އެހެން މީހަކާއި ގުޅެން އިޒީއަށް ފަސޭހަ ހެއްޔެވެ؟ އިޒީ ނޫން މީހަކާ ކައިވެނި ކުރަން ހިތަށް އަރުވަންވެސް ޔައިލްއަށް އުނދަގުލެވެ. ވީއިރު، އިޒީ އޭނާދެކެ ހަގީގީ ލޯބި ނުވަނީ ހެއްޔެވެ؟ ނޫނީ އެއީ ޔައިލްގެ ކިބައިން ބަދަލުހިފުމަށް ކުރާ ކައިވެންޏެއް ހެއްޔެވެ؟ "ޕޮލިސް ކޮމިޝަނަރގެ ދަރިފުޅަށޯ... ކީކޭތަ އޭނައަށް ކިޔަނީ...." ސާރާ ހަނދާންކޮށްލިއެވެ. "އާނ!.... ރިޝާން... ރިޝާން އޭނައަށް ކިޔަނީ... އެނގޭދޯ އޭނަ؟..." ޔައިލްގެ އަތުން ފައިލު ދޫވެގެން ވެއްޓުނެވެ. ސާރާ ފައިލު ނެގިއެވެ. އޭރުވެސް ޔައިލް ހުރީ ލިބުނު ޝޮކުގައި ހުއްޓުން އަރާފައެވެ. ********* "ދަރިފުޅު ނިދީތަ؟..." ފުރަގަސްދީގެން އޮތް އިޒީއަށް ބަލަން އިރުކޮޅަކު އޮވެފައި އާގިސާ އަހައިލިއެވެ. "އަދި ނުނިދަން..." އިޒީ މަޑުމަޑުން ބުނެލިއެވެ. "ދަރިފުޅު ހަމަ ބޭނުންވެގެންތަ އެ ކައިވެންޏަށް އެއްބަސްވީ؟..." އާގިސާ ބޭނުންވީ ޔަގީންކުރާށެވެ. އިޒީގެ ޖަވާބެއް ނައެވެ. އާގިސާ ކަންބޮޑުވިއެވެ. ރިޝާނާއި ކައިވެނި ކުރަން އެއްބަސްވިފަހުން، އިޒީގެ މޫނުން ކުޑަވެސް ހިނިތުންވުމެއް ނުފެނެއެވެ. އެ މޫނުގެ ދިރުން މުޅީންހެން ނެތިގޮސްފައިވާކަން އާގިސާއަށް އެނގެއެވެ. އިޒީގެ ދިފާއުގައި ތެދުވަން އާގިސާ ބޭނުންވަނީ އިޒީގެ އެންމެ ބަހެކެވެ. އެކައިވެނި ހުއްޓުވަން، އަމިއްލަ ފިރިމީހާ އާއި ދެކޮޅަށް ނުކުންނަންވެސް އޭނާ ހުރީ ތައްޔާރަށެވެ. އެކަމަކު، އިޒީގެ ނިންމުމާއި ދެކޮޅަށް އާގިސާއަށް ބަހެއް ބުނެވޭކަށް ނެތެވެ. "ދަރިފުޅާ!..." އާގިސާ އިޒީގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. "ދަރިފުޅު ބޭނުން ނޫނިއްޔާ، ތި ކައިވެނި ކުރާނެ ކަމެއް ނެތް... ދަރިފުޅުގެ ކޮންމެ ނިންމުމަކަށް މަންމަ އިހުތިރާމު ކުރާނަން... ދަރިފުޅު އެކަނިވެދާނެތީ އެއްގޮތަކަށްވެސް ވިސްނާނެކަމެއް ނެތް... މަންމަ ދުނިޔޭގަ ހުރިހާ ދުވަހަކު ދަރިފުޅާ އެކީ ހުންނާނަން... ދަރިފުޅު ޔައިލްއާ ކައިވެނި ކުރަން ބޭނުންވިޔަސް، މަންމަ މިހުރީ އެކަން ކޮށްދޭން ތައްޔާ......" "މަންމާ!..." އާގިސާގެ ވާހަކަ ހުއްޓުވަމުން، އިޒީ މަޑުމަޑުން ފަސްއެނބުރުނެވެ. ކޮޓަރީގެ ފެންލައިޓުން އެޅިފައިވާ ފަނޑު އަލިކަމުގައި އާގިސާއަށް އިޒީގެ މޫނު ވަކިވަނީ ކިރިޔާއެވެ. ދަރިފުޅުގެ މޫނުމަތީގެ އަސަރުތައް ދެނެގަންނަން އުޅުނަސް، އާގިސާ އެކަމަށް ނުކުޅެދުނެވެ. "މަންމަ މާ ބޮޑަށް ހާސްވަނީއޭ... ދެން ނުވިސްނާ، ނިދާލާ!..." އިޒީ އެދުނެވެ. ދައްކަން ބޭނުންވާ އެތައް ބައިވަރު ވާހަކައެއް ހުރި ނަމަވެސް، އާގިސާއަށް ހިތްވަރެއް ނުލިބުނެވެ. އޭނާ ދެލޯ މަރައިލީ އެހެން ގޮތެއް ނެތުމުންނެވެ. މަންމައަށް ފުރަގަސްދިންއިރު، އިޒީގެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. އޭނާގެ ހަނދާނަށް އައީ، އާމިނަތާއި އެންމެފަހުން ބައްދަލުވީ ދުވަހު ދެއްކި ވާހަކަތަކެވެ. "އަހަންނަށް އެނގޭ ޔައިލްގެ ހަޔާތަށް އިޒީ އައީ އިޒީގެ މައްސަލައަކުން ނޫންކަން... އެކަމަށް އަހަރެން މާފަށް އެދެން..." އާމިނަތު އިޒީއަށް ބަލަން ހުރީ، ކުރިން ނުބަލާފަދަ ދުރު ނަޒަރަކުންނެވެ. "ނޫން... އެކަމަށް ދައްތަ މާފަށް އެދޭކަށް ނުޖެހޭނެ..." އިޒީ އަވަސް އަވަހަށް ބުނެލިއެވެ. "އަހަންނަށް އެނގޭ އަހަރެންގެ އެއް ދަރި އަހަރެންގެ ހަޔާތުން ވަކިވެގެން ދިޔައީ އިޒީގެ މައްސަލައަކުން ކަން... އިއްޔެ ވީ ކަމެއްހެން އެ މާޒީގެ ކޮންމެ ހިތި ހަނދާނެއް އަހަރެންގެ ހިތުގަ ހަރުލާފަ އެބަހުރި... އެ ހިތްދަތިކަން އަހަރެންގެ ހަޔާތުން ދުވަހަކުވެސް ފިލައިގެން ނުދާނެ..." އާމިނަތު ހިތި ގޮތަކަށް ހިންދިރުވައިލިއެވެ. "އަހަރެން އަދިވެސް ގަބޫލުކުރަނީ އަހަރެންގެ ދަރިފުޅު މިދުނިޔެއިން ވަކިވެގެން ދިޔައީ އިޒީގެ ސަބަބުން ކަމަށް... އެކަމަށްޓަކައި އަހަންނަށް އިޒީއަށް ދުވަހަކުވެސް މާފެއް ނުދެވޭނެ..." އާމިނަތުގެ ބަސްތަކުން އިޒީގެ ހިތުގައި ލީ ޒަހަމުގެ ފާރުގަނޑަށް ދުވަހަކު ފަރުވާ ލިބުމެއް ނެތެވެ. އެ ހިތި މާޒީ، އިޒީގެ ދިރިއުޅުން އަނދާ އަޅިއަށް ހަދާނެއެވެ. އާމިނަތުގެ މާފު ނުލިބޭނެކަން އެނގުމުން، އިޒީގެ ހުރިހާ އުއްމީދެއް ފެނަށް ވިއެވެ. ކުރި ހިތްވަރު ގެއްލުނެވެ. އިސްޖަހައިގެން ހުރިއިރު، އެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ. އެ ކަރުނަތައްވެސް އޭނާގެ ހާލާއިމެދު ހަމްދަރުދީ ނުވާ ކަހަލައެވެ. "މިއަދު އަހަރެން އިޒީގެ ކައިރިއަށް މިއައީ، އަހަރެންގެ ދެވަނަ ދަރި އަހަންނާ ވަކި ނުކުރާށޭ ބުނަންވެގެން... އާދޭހާއެކު މި އެދެނީ ޔައިލްގެ ހަޔާތުން ދުރަށް ދާން... މީ އެ މާޒީގެ ހިތްދަތި ބަދަލެއްގެ ގޮތުން އަހަރެން އިޒީގެ ކައިރިން އެދޭ ހަމައެކަނި އެދުމަކީ... މާޒީގަ އެހީނުވިޔަސް، މިއަދު ތީ ވިސްނޭވަރުވެފަ ހުރި ޒުވާނެއް... އުއްމީދުކުރަން މިކަންތައް ކޮށްދޭނެކަމަށް..." އާމިނަތު އޭނާ އައި ބޭނުން ހާމަކުރިއެވެ. "ސޮރީ މަންމާ!... އަހަންނަށް މި ނޫން ގޮތެއް ނެތް... އަހަންނަށް ދުވަހަކުވެސް ޔައިލްގެ ހަޔާތަށް ދެވޭކަށް ނެތް..." ދެލޯ މަރައިލުމާއިއެކު، އިޒީގެ ދެލޯ ފުރުނު ކަރުނަތައް ބަންޑުންވިއެވެ. އެ ކަރުނަތަކުން ބާލީސް ތެމެމުން ދިޔައެވެ. ޔައިލް އެންމެ ފަސޭހައިން އިޒީގެ ހަޔާތުން ދާނީ އޭނާ އެހެން ކައިވެންޏެއް ކުރުމުންނެވެ. އޭރުން އާމިނަތުގެ އެދުން ފުރިހަމަވީއެވެ. އިޒީގެ މައިންބަފައިންނަށް ވެސް ހަމަޖެހުމެއް ލިބޭނީ އޭރުންނެވެ. އަމިއްލަ ނަފުސަށްވުރެ ބޮޑަށް އިޒީ ވިސްނީ އެހެން މީހުންނާއި މެދުގައެވެ. އިޒީގެ ހިތް ކުދިކުދިވިޔަސް، އެހެން މީހުންގެ ހިތް އުފާކޮށްދޭށެވެ. ******** އިޒީގެ ކައިވެނީގެ ހަބަރު ލިބުމުން، ޔައިލް ތަކުރާރުކޮށް އިޒީއަށް ގުޅަން މަސައްކަތް ކުރިއެވެ. އިޒީގެ ފޯނު އޮންނަނީ ނިވާލާފައެވެ. އިޒީ އާއި ބައްދަލުކުރަން ކުރި މަސައްކަތް ނާކާމިޔާބުވުމުން، ޔައިލްގެ ކެތްތެރިކަން ކޮޅުންލިއެވެ. ރަނގަޅަށް ނުކެވޭ ތަނުގައި ޔައިލްއަށް އެހެން ކަމަކާއި ވިސްނައިލާނޭ ވަގުތެއްވެސް ނުވެއެވެ. ޔައިލްއަށް އިޒީ ފެނުނީ އެގޭ ކައިރިން ބުރުޖަހާތާ ތިންވަނައަށް ވީ ދުވަހުއެވެ. ގެއިން ނުކުތް ވަގުތު، ޔައިލް އެރީ އިޒީގެ ކުރިމައްޗަށެވެ. އިޒީ އުޅުނީ އަވަހަށް ގެއަށް ވަންނާށެވެ. ޔައިލް އެކަމަށް ހުރަސް އެޅިއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ