ސަލްމާން ޚާނަށް އިއްވި ޖަލު ހުކުމް ހައި ކޯޓުން ބާތިލު ކުރުމުން މައްސަލަ ސުޕްރީމު ކޯޓަށް
ސަލްމާން ހާން ދުއްވި ކާރަކުން ޖެހި، މީހަކު މަރުވި މައްސަލާގައި ފަސް އަހަރަށް ޖަލަށް ލާން އޭނާގެ މައްޗަށް ކުރި ހުކުމް ބޮމްބޭ ހައިކޯޓުން ބާތިލު ކުރުމުން، އެ މައްސަލަ ސުޕްރީމު ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ. ސަލްމާންހާންގެ މައްޗަށް ދަށު ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2002 ވަނަ އަހަރު މުމްބާއީގެ މަގެއްގެ އަރިމަތީގައި ނިދާފައި ތިބި ބައެއްގެ ގައި މަތިން ސަލްމާން ހާން ރާ ބޮއިގެން ކާރު ދުއްވުމުގެ ސަބަބުން އެތަނުން ބައެއް މީހުންނަށް ބޮޑެތި އަނިޔާވެ، އޭގެ ތެރެއިން އެކަކު މަރުވި މައްސަލައިގެ ކުށް ސަލްމާންގެ މައްޗަށް ޝަރީއަތުގައި ސާބިތުވެގެންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ބޮމްބޭ ހައި ކޯޓުން ވަނީ ސަލްމާން ހާންގެ މައްޗަށް ދަށު ކޯޓުން ހިންގި ޝަރީއަތަކީ ފުރިހަމަ ޝަރީއަތެއް ނޫން ކަމަށް ބުނެ، އެ ހުކުމް ބާތިލް ކޮށްފަ އެވެ. ހައި ކޯޓުގެ ހުކުމްގައި ވަނީ ސަލްމާން ހާން މަސްތުގެ ހާލަތުގައި އިނދެ ކާރު ދުއްވި ކަން، ހުށަހަޅާފައިވާ ހެއްކާ ގަރީނާއަށް ބިނާކޮށް ސާބިތު ނުވާ ކަމަށެވެ. ނަމަވެސް އެ ނިންމުން މިހާރު ވަނީ ސުޕްރީމު ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހައި ކޯޓުގެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ މަހާރާޝްތުރަ ސަރުކާރުންނެވެ. މިހާރު އެ މައްސަލަ ވަނީ ސުޕްރީމު ކޯޓުން ބަލައިގެންފަ އެވެ. ނަމަވެސް އަވަސް އަރުވާލައިގެން މައްސަލަ ނުނިންމާނެ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ