އިއްތިހާދު އެއަރވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

އިއްތިހާދު އެއަރވޭސްއިން ރާއްޖެއަށް ކުރަމުންދާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ. އިއްތިހާދު އެއަރވޭސްއަކީ ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ޔޫއޭއީގެ ޤައުމީ އެއަރލައިނެވެ.
އިއްތިހާދު އެއަރވޭސްއަކީ، ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ ދަތުރު ފެށި އެއަރލައިނެވެ. އެގޮތުން އެ އެއަރލައިނުން ރާއްޖެއަށް ދަތުރުފެށީ 2020 ވަނަ އަހަރުގެ ޖުލައި 18 ވަނަ ދުވަހުއެވެ.
އިއްތިހާދު އެއަރވޭސްއިން މިހާރު ރާއްޖެއަށް ކުރަނީ ހަފްތާއަކު 7 ދަތުރެވެ. ނަމަވެސް ޑިސެމްބަރ 1 އިން ފެށިގެން އެ އެއަރލައިނުން އިތުރު 3 ފްލައިޓް ރާއްޖެއަށް ބާއްވާނެއެވެ. އަދި އަންނަ ޖަނަވަރީ 1 އިން ފެށިގެން އިތުރު 4 ފްލައިޓް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއާއިއެކު އަންނަ އަހަރު ފެށޭއިރު އެ އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު ހަފްތާއަކު 14 އަށް އިތުރުވާނެއެވެ.
ކޯވިޑްގެ ކުރިން އިއްތިހާދު އެއަރވޭސްއިން ރާއްޖެއަށް ކުރަމުންދިޔައީ ހަފްތާއަކު 2 ދަތުރެވެ. ނަމަވެސް މިހާރު ޑިމާންޑަށް ބެލުމަށްފަހު އެ އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.
އެއަރލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަމުން އަންނަ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބެމުން އަންނަ ކުރިއެރުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ