ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެއްވި ހިދުމަތާއި އެހީތެރިކަމަށް ބަލާއިރު، އޭނާއާ ގާތް ކުރެވޭ ވަރުގެ ކެންޑިޑޭޓެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރުގެ ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މަނަދޫގައި ރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ވޯޓުލާ އިރު، ކުރިމަތިލައްވާފައި ތިއްބެވީ ކިހާ ވަރެއްގެ އިހްލާސްތެރި މަސައްކަތަކެއް ކުރެއްވި ބޭފުޅުންތަކެއްތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. އެކަން ނުބަލައި ދޫކޮށްލައިފި ނަމަ، ދިވެހިންނާ ހަވާލު ކުރި މަސްއޫލިއްޔަތު އަދާކުރެވުނީ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުން ވޯޓު ދޭ އިރުގައި މާޒީގައި ކާމިޔާބު ހާސިލް ކުރައްވާފައި ތިއްބެވި ބޭފުޅުންނަކީ ކޮބައިތޯ ވެސް ބައްލަވަން ޖެހޭ ކަމުގައި ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑަށް ކަށަވަރު، އަޅުގަނޑަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދޭނެ އެއްވެސް ބޭފުޅަކު އޭގެ ތެރޭގައި ނެތް. އަޅުގަނޑާ ކައިރި ކުރެވޭނެ ބޭފުޅަކު ވެސް ނެތް. އަޅުގަނޑަށް %99 ލިބޭ ކަމުގައިވާ ނަމަ، އެހެން ބޭފުޅަކަށް ނުލިބޭނެ %5 ނޫނީ %10 ވެސް. އެއީ ކަށަވަރު ކަމެއް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ގައުމުގެ ހުރިހާ ކަންކަން ހުރީ ބޮއްސުންލާފައި ކަމަށާއި ރާއްޖޭގެ ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން އެނގިވަޑައިގެން ތިއްބަވާ ކުރައްވާ ކަންކަމުގެ ސަބަބުން މިނިވަންކަމަށް ވަރަށް ބޮޑެތި ބުރޫ އަރާފާނެ ކަމުގެ ރަނގަބީލް ޖެހެމުންދާ ކަމަށެވެ.
ރައްޔިތުން ވަކި ޕާޓީއަކަށް، ވަކި މީހެއްގެ މޫނަށް ބަލައިގެން ވޯޓު ދިނުމަކީ އޭގެ ނަތީޖާ ހިތިވެދާނެ ކަމެއްކަމަށް މާޒީން ތަޖުރިބާ ކޮށްފައިވާކަމަށް ގާސިމް ވިދާޅުވިއެވެ.
ހިދުމަތުގެ ގޮތުން އަޅުގަނޑާ ކައިރި ކުރެވޭނެ ބޭފުޅެއް ނެތް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ