ޝުޖާއުގެ ރައްދު އިދިކޮޅަށް: ފާޑުވިދާޅުވަނީ ފޭކު މުދާ ވިއްކުން ހުއްޓުވި، ވިޔަފާރިތައް ރަނގަޅުވާނެތީ؟
އިދިކޮޅު އެމްޑީޕީން ފާޑުކިޔަނީ އެ ޕާޓީގެ ސަރުކާރުތަކުން އައިސް ފޭކު މުދަލުން ހަލާކުކޮށްލި ވިޔަފާރީގެ ސިނާއަތް މި ސަރުކާރުން ރަނގަޅުކޮށް، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދޭން އުޅޭތަން ފެންނާތީ ކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ރައްދު ދެއްވައިފިއެވެ. ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި 'ޓްރޭޑްމާކްގެ ގާނޫނު'ގެ ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ މިއީ ހަގީގަތުގައި ވަގު ވިޔަފާރިތަކުން ފޭކު މުދާ ވިއްކުން ރާއްޖޭގައި އިންތިހާއަށް އިތުރުވެފައިވުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ދިމާވާ ގޮންޖެހުންތަކުން އެ ވިޔަފާރިތައް ސަލާމަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ބިލެއް ކަމަށެވެ. އިއްޒަތްތެރި ރައީސް އަޅުގަނޑަށް އެނގޭ މިފަދަ ބިލުތައް އަންނައިރު އަޅުގަނޑުމެންގެ ވާދަވެރިން މިކަމުގެ ކަންބޮޑުވުންތައް ހުންނާނެކަން. މީގެ ކުޑަދުވަސްކޮޅެއް ކުރިން ނޫންތޯ އެމްޑީޕީން ވިދާޅުވީ ފަޅު ރަށަކާއި ލެޕްޓޮޕަކުން ގައުމު ހިންގާނަމޭ؟ ފަޅު ރަށަކާއި ލެޕްޓޮޕު ހިފައިގެން އައިސް މުޅި ދިވެހިރާއްޖޭގެ ވިޔަފާރި އިންޑަސްޓްރީ ފޭކު މުދަލުން އޮތީ ހަލާކުވެފަ، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ޝުޖާއު އެފަދައިން ވިދާޅުވީ އެމްޑީޕީ މެންބަރުން އެ ބިލަކީ އެ ވަގުތަށް އެންމެ ރަނގަޅު ބިލެއްތޯ ސުވާލު އުފައްދާފައި ވަނިކޮށެވެ. އަދި އެއީ ފުރިހަމަ ނޫން ބިލެއް ކަމަށާއި، ރާއްޖޭގެ އިގްތިޞާދީ ހާލަތު ދަށްކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ މެންބަރުން ބަހުސްކުރެއްވުމާ ގުޅިގެންނެވެ. ވަކިން ޚާއްސަކޮށް މި ސަރުކާރުން އިގްތިޞާދީ ހާލަތު ރަނގަޅުކުރުމުގެ ބަދަލުގައި ސަރުކާރުގެ އައު އޮފީސްތައް ހަދައި ޚަރަދު އިތުރަށް ބޮޑުކުރަން އުޅޭކަމުގެ ތުހުމަތު ކުރުމާ ގުޅިގެންނެވެ. ބިލަށް ބަހުސްކުރައްވައި ޝުޖާއު ވިދާޅުވީ ވަރަށް ބޮޑު މަސައްކަތަކުން ޓްރޭޑްމާކެއް އުފައްދައިގެން ވިޔަފާރިއެއްގެ ބްރޭންޑެއް އުފައްދައި، އެ ބްރޭންޑް އިސްތިހާރުކޮށްގެން ނޫނީ އޮރިޖިނަލް ޕްރޮޑަކްޓެއް މާކެޓަށް ނުވިއްކޭނެ ކަމަށެވެ. އެހެންނަމަވެސް ފޭކު ޕްރޮޑަކްޓްތައް ރާއްޖެއަށް އެތެރެވުމުގެ ސަބަބުން އޭގެ އަސްލު ހަގީގީ ޕްރޮޑަކްޓުން ލިބެންޖެހޭ މަންފާ ރައްޔިތު މީހާއަށް ވެސް ނުލިބި، ވިޔަފާރިއަށް ވެސް ގެއްލުންވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ މިއަދަކު ދައްކާ ވާހަކައެއް ނޫން އިއްޒަތްތެރި ރައީސް. މި ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިން އަބަދު ދައްކަނީ ބުރަ މަސައްކަތްކޮށްގެން އުފައްދާ އޮރިޖިނަލް ޕްރޮޑަކްޓްގެ ފޭކު އެތެރެކޮށްގެން އެބަ ވިއްކައޭ. މީގެ ތެރޭގައި ދުންފަތް އެތެރެކުރާ މީހުން ވިޔަސް، އެނާޖީ ޑްރިންކްސް ނޫނީ ކުޑަކުދިންގެ ކާނާ އެތެރެކުރާ މީހުން ވިޔަސް ދައްކަނީ އެ ވާހަކަ، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހަރުދަނާ ގޮތެއްގައި ވިޔަފާރިތަކަށް ފަހި މާހައުލެއް އެ ބިލާއެކު ފަހިވާނެކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ ދެން އިދިކޮޅު ފަރާތްތަކުން އެ ބިލަށް ފާޑުވިދާޅުވެ ދައްކަނީ މި ސަރުކާރުން މާ ގިނަ އޮފީސް ހަދާ ވާހަކައާއި، ޚަރަދު ބޮޑުވާ ވާހަކަ ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެ ބިލަކީ ވިޔަފާރިވެރިންނަށް ފައިދާވާނެ ބިލެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ނަތީޖާއަކަށް ވާނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ރާއްޖޭގެ ވިޔަފާރިތަކުން ވިއްކާ ޕްރޮޑަކްޓުތަކަކީ އޮރިޖިނަލް ޕްރޮޑަކްޓްތަކަށްވުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެއާއެކު ފޭކް މުދާ އެތެރެކޮށްގެން ވިޔަފާރިކުރުން ވެސް ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ގާއިމުކުރުމެވެ. އަދި, ކަމާ ގުޅޭ މައިގަނޑު އުސޫލުތައް ކަނޑައަޅައި، ރަޖިސްޓްރީކުރެވޭ ޓްރޭޑްމާކާ ގުޅިގެން ޓްރޭޑްމާކްގެ ވެރިފަރާތްތަކަށް ލިބޭނެ ހައްގުތަކުގެ ދާއިރާ ބަޔާންކުރުމާއި، ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަންނަ އަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރުމެވެ. https://sun.mv/208566 'ޓްރޭޑްމާކް'އަކީ އެއް ފަރާތުގެ މުދާ ނުވަތަ ޚިދުމަތްތައް އަނެއް ފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރާ ނިޝާނެވެ. އެގޮތުން، އަމިއްލަ ނަން، ނުވަތަ އަކުރު، ނުވަތަ ނަންބަރު، ނުވަތަ ފިގަރެޓިވް އެލެމެންޓްތަކާއި ކުލަތަކުގެ ތަފާތު އެތުރުންތަކާއި އެފަދަ ނިޝާންތަކުގެ ތަފާތު އެތުރުން ހިމެނެއެވެ. ޓްރޭޑްމާކްގެ އެކްސްކްލޫސިވް ހައްގު ލިބޭނީ ގާނޫނުގައިވާ ގޮތުގެ މަތީން އެ މާކް ރަޖިސްޓްރީކުރުމުންނެވެ. ބިލުގައިވާ ގޮތުން ރާއްޖޭގައި ޓްރޭޑްމާކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި، މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް އިތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ. ބިލުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 100،000 ރުފިޔާއާއި، 2،000،000 ރުފިޔާއާ ދެމެދުގެ އަދަކަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ