އައިޖީއެމްއެޗްގައި ގާއިމްކުރި އައިނުފިހާރަ ހުޅުވާ ހިދުމަތް ދޭން ފަށައިފި
އާސަންދައިން ހިލޭ އައިނު ހެއްދޭ ގޮތަށް ގާއިމުކޮށްފައިވާ ސަރުކާރުގެ އައިނު ފިހާރަ އައިޖީއެމްއެޗުގައި މިއަދު ހުޅުވައިފި އެވެ.އައިޖީއެމްއެޗްގައި ގާއިމްކުރި އައިނު ފިހާރަ ހުޅުވައިދެއްވައި މި ޚިދުމަތް އިފުތިތާހުކޮށްދެއްވީ އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، މި އައިނު ފިހާރައިގައި ހުންނާނީ އެންމެ ޒަމާނީ މެޝިނަރީ ކަމަށާއި، މިތަނުން ނަންބަރު ނެގުމާއި ލެންސް ހެއްދުމުގެ ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށެވެ.ހަލީމް ވިދާޅުވީ އަންނަ މަހުން ފެށިގެން ހުޅުމާލެ ހޮސްޕިޓަލުގައި ވެސް އެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކަކުން ވެސް އެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.ސަރުކާރުގެ ހޮސްޕިޓަލުތަކުން ލޮލުގެ އެކި ބަލިބައްޔަށް ބޭސް ކުރެވޭއިރު، އައިނު ހައްދައިދިނުމުގެ ޚިދުމަތް މި ފަށަނީ އަލަށެވެ. ރާއްޖޭގައި މި ޚިދުމަތް އަބަދު ވެސް ދެމުން އައީ ޕްރައިވެޓް ސެކްޓަރުންނެވެ. އައިނު ހެއްދުމަކީ ބޮޑު ޚަރަދު ހިނގާ ކަމަކަށްވާއިރު، އެ ކަމުގައި އާސަންދައިން އައީ 1،000 ރުފިޔާ ކަވަރުކޮށްދެމުންނެވެ.ނަމަވެސް، މި 1،000ރުފިޔާ އާސަންދައަށް ކެނޑުމަށްފަހު ވެސް އާންމުންގެ އަތުން އެ ޚިދުމަތަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ އޭރު އޮތީ ޝަކުވާ ބޮޑުވެފަ އެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ އަަދަދު 2،000 ރުފިޔާއަށް އިތުރު ކުރައްވައިފައެވެ. އަދި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރެއިން އައިނު ހައްދައިދިނުމުގެ ޚިދުމަތް ފެށުމަށް އޭރު އެންގެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ