ހަނގުރާމަ ފެށުމުގެ ބާރު ޓްރަމްޕްގެ އަތުން ނެގުމަށް ހުށަހެޅި މައްސަލަ ސެނެޓުން ބޭރުކޮށްލައިފި

އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ފިޔަވަޅުތައް އެޅުމަށް ކޮންގްރެސްގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހުށަހެޅި ގަރާރު ސެނެޓުން އިއްޔެ ބޭރުކޮށްލައިފި އެވެ.
އެ ގަރާރު ބޭރުކޮށްލީ 53 މެންބަރުންގެ ވޯޓާ އެކު އެވެ. އެ ގަރާރު ހުށަހެޅި ގޮތަށް ފާސް ކުރުމަށް ވޯޓު ދެއްވީ ސެނެޓްގެ 47 މެންބަރެކެވެ. 
އެ ވޯޓުގައި ޕެންސިލްވޭނިއާގެ ޑިމޮކްރެޓިކް ލީޑަރު ޖޯން ފެޓާމަން ވަނީ ރިޕަބްލިކަން ޕާޓީގެ މެމްބަރުންނާ އެއްކޮޅަށް ވޯޓު ދެއްވައިފަ އެވެ. ކެންޓަކީ ރިޕަބްލިކަން ޕާޓީގެ ރެންޑް ޕޯލް ވަނީ ޑިމޮކްރެޓުންނާ އެއްކޮޅަށް ވޯޓު ދެއްވައިފަ އެވެ. އެ ނޫން ބޭފުޅުން ވޯޓު ދެއްވީ ޕާޓީ ލައިނާ އެއްގޮތަށެވެ.
އެ ގަރާރު ހުށައެޅުއްވުމުގައި އެންމެ ބޮޑަށް އިސްކޮށް އުޅުއްވި ސެނެޓަރު ޓިމް ކައިން ގެންދަވަނީ ހަނގުރާމަ އިއުލާނު ކުރުމުގެ ބާރު އަލުން ކޮންގްރެސްއަށް ހޯއްދެވުމަށް އެތައް އަހަރެއް ވަންދެން މަސައްކަތް ކުރައްވަމުންނެވެ.
ކާއިން ވިދާޅުވީ މި ފަހުން އޭނާ ކުރެއްވި މަސައްކަތްތަކުން އެނގިވަޑައިގަތީ އެމެރިކާގެ ގާނޫނު އަސާސީން ކޮންގްރެސްއަށް ހަނގުރާމަ އިއުލާނު ކުރުމުގެ ހާއްސަ ބާރު ދީފައިވާ ކަން ކަމަށާއި އީރާނާ އެކު ހިނގަމުންދާ ކޮންމެ ހަމަނުޖެހުމަކީ ހަނގުރާމަ އިއުލާނުކޮށްގެން ނުވަތަ އަސްކަރީ ފިޔަވަޅު އެޅުމަށް ވަކި ހުއްދައެއް ދީގެން ސާފުކޮށް ހުއްދަ ދޭން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެ ބާރު އޮންނަނީ ރައީސަށް ނޫން ކަމަށެވެ.
މިދިޔަ ހަފުތާ ބަންދުގައި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅޭ އިތުރު ތަފުސީލު ހޯދުމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި އީރާނުން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމްގެ މައުލޫމާތު ހޯދުމަށް ވެސް އެ މެންބަރުން ދަނީ އެދެމުންނެވެ.
އީރާނުން ޔޫރޭނިއަމް މުއްސަނދިކުރާ ނަމަ އީރާނަށް އަނެއްކާ ވެސް ބޮން އެޅުމާ މެދު ވިސްނާނެ ކަމަށް ޓްރަމްޕް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މިދިޔަ ހަފުތާ ބަންދުގައި އީރާނަށް އެމެރިކާ އިން ދިން ބޮމުގެ ހަމަލާއަށް ފަހު އީރާނުގެ ނިއުކްލިއާ ފެސިލިޓީތައް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ ނުވަތަ އެ ނޫން ވެސް އެފަދަ ފަރާތަކުން އިންސްޕެކްޓް ކުރުމަށް އެދޭ ކަމަށެވެ. 
ޓްރަމްޕް ވިދާޅުވީ އީރާންގެ ނިއުލިއާ ސައިޓްތައް "ނެތިކޮށްލާފައިވާ" ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ތަންތަނަށް ގެއްލުން ނުލިބޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާ އާއި އިޒުރޭލުން ދިން ބޮމުގެ ހަމަލާތަކަށް ފަހު އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދަން މަސައްކަތް ކުރާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ