ކައުންސިލްތައް ތަޅުއެޅުވުމުގެ ބިލާ ދެކޮޅަށް ވީހާ ވެސް ގިނަ ކައުންސިލްތަކުން ތެދުވާންޖެހޭ: އާޒިމް ކައުންސިލްތައް ތަޅުއެޅުވުމުގެ ބިލާ ދެކޮޅަށް ވީހާ ވެސް ގިނަ ކައުންސިލްތަކުން ތެދުވާންޖެހޭ: އާޒިމް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވަމުން އަންނައިރު ކައުންސިލްތަކުގެ މުހިއްމު މަސައްކަތްތައް ކުރިއަށް ނުގެންދަވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައި ވަނީ އިހުލާސްތެރި ބަދަލެއް ނޫން ކަމަށާއި، އެ ބިލާ ދެކޮޅަށް ވީހާ ވެސް ގިނަ ކައުންސިލްތަކުން ތެދުވުމަށް މާލޭ މޭޔަރު އާދަމް އާޒިމް ގޮވާލައިފި އެވެ.
ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ހުށަހެޅުއްވި ބިލްގެ ފުރަތަމަ ކިޔުން އިއްވުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވެ އެވެ.
ފާޑުކިޔުން އަމާޒުވެފައިވާ އެ ބިލާ ގުޅޭ ގޮތުން އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބާއި ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކަށް ގިނަ ބަޔަކު ނަގަން ސަރުކާރުން ލިސްޓު ހަދައިގެން މަސައްކަތް ކުރަމުންދާކަމުގެ ހަބަރު ލިބެމުންދާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް މި ސަރުކާރުން ގިނަ ބަޔަކަށް ވަޒީފާ ދިނެވެ.
ތަރައްގީގެ ގިނަ މަޝްރޫއުތައް ހުއްޓުވާފައި ބޭއްވުމަށް ފަހު ކައުންސިލް އިންތިހާބާ ދިމާކޮށް ރަށްރަށުގައި ސަރުކާރުން މިހާރު ދަނީ ކަޑަ ޖަހަމުންނެވެ.
"މިއީ [ބިލަކީ] އިހުލާސްތެރި ނިޔަތެއްގައި ގެންނަ އިސްލާހެއްނަމަ، ސަރުކާރަށް ކެރޭނެތޯ އެއްވެސް އިންތިހާބަކާ 365 ދުވަހަށް ކައިރިވުމާއެކު އިތުރަށް އެއްވެސް ޕްރޮޖެކްޓެއް ނުހިންގައި ހުއްޓާލަން. ނޫނީ ވަޒީފާއަކަށް މީހުން ނުނަގައި ތިބެން،" އާޒިމް ވިދާޅުވި އެވެ.
ބިލްގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. މި ނޫން ވެސް އިތުރު ބަދަލުތައް ހުށަހަޅާފައިވެ އެވެ.
"ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބޭނުމަކީ ކައުންސިލްތަކުގެ އަމިއްލަ އާމުދަނީ ބޭނުންކޮށްގެންވިޔަސް ނުވަތަ ކައުންސިލުން އެހެން ބަޔަކާއި ގުޅިގެންވިޔަސް ކަމެއްކުރިޔަނުދީ ބަނދެލައި ސީދާ ފިނޭންސް މިނިސްޓްރީއާއި ލޯކަލް މިނިސްޓްރީގެ ފީކުދާނަކަށް ކައުންސިލްތައް ހެދުން،" އާޒިމް ވިދާޅުވި އެވެ.
އެ އިސްލާހުގެ އަނެއް ބޭނުމަކީ ރައްޔިތުން މި ނިޒާމަށް ފޫހިކޮށްލައި މައި ސަރުކާރަށް ބަރޯސާވާންޖެހޭކަން ހަނދާންކޮށްދީ މުޅި ނިޒާމު ހަރާބު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވީހާ ވެސް ގިނަ ކައުންސިލްތަކުން މި ބިލާ ދެކޮޅަށް ތެދުވާންޖެހޭ،" އާޒިމް ވިދާޅުވި އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ލޯކަލް މިނިސްޓްރީން ބަލާނީ ކައުންސިލްތަކުގެ ބާރުގަދަކޮށް ނިޒާމު ރަނގަޅުކޮށް ކައުންސިލްތަކުގެ ހިންގުމަށް ފުރުސަތު ފަހިކޮށްދޭން ކަމަށާއި ނަމަވެސް މުއިއްޒުގެ ސަރުކާރުން މިއުޅެނީ ކައުންސިލްތަކުގައި އެއް އަހަރު ދުވަހަށް ތަޅެއްލާން ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ