މާޒިޔާއާ ދެކޮޅަށް ކުޅުމުގެ ކުރިން އަލް އަރަބިގެ ތައްޔާރީތައް ވަރުގަދަ މާޒިޔާއާ ދެކޮޅަށް ކުޅުމުގެ ކުރިން އަލް އަރަބިގެ ތައްޔާރީތައް ވަރުގަދަ

އޭއެފްސީ ޗެލެންޖް ލީގުގެ ޕްލޭއޮފްގައި، ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުމުގެ ކުރިން، ކުވެއިތުގެ އަލް އަރަބި އިން ބިދޭސީ ކުޅުންތެރިން ގެނެސް، އަބޫ ދާބީގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް އެބަގެންދެ އެވެ.
މި މަހު 12 ވަނަ ދުވަހު، ގަލޮޅު ދަނޑުގައި، އަލް އަރަބިއާ ދެކޮޅަށް މާޒިޔާ އިން އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދުމަށް ވާދަކުރާނެ އެވެ.
އެ ގޮތުން، އަބޫ ދާބީގައި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕްގެ ތެރެއިން، ތިން މެޗެއް ކުޅެން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، އަލް އަރަބި އިން ކުޅުނު ފުރަތަމަ މެޗުން، ހައްޓާ އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ.
އަލް އަރަބިގެ ކޯޗު ޕޯޗުގަލްގެ މާކޯ އަލްވޭސް ބުނެފައިވަނީ، ޓްރެއިނިން ކޭމްޕްގެ ބޭނުންހިފާނީ ކުޅުންތެރިން ދެނެގަނެ، ރޭވުންތެރިކަމަށް އަހުލުވެރިކުރުމަށް ކަމަށާއި ނަތީޖާ އަކީ މި މެޗުތަކުގައި އެންމެ މުހިންމު ކަންތައް ނޫން ކަމަށެވެ.
"މި މެޗުތަކުގައި ނަތީޖާ އަށް ވުރެ ބަލަންޖެހޭ، ދެން، ތައްޔާރުވާން ޖެހޭ އިތުރު ކަންކަން އެބަހުރި. މައިގަނޑު ޓާގެޓަކީ، މާޒިޔާއާ ދެކޮޅަށް ނަތީޖާ ނެރެ، ގްރޫޕް ސްޓޭޖަށް ކޮލިފައިވުން، އެ އަމާޒުގައި މި ތިބީ،" އަލްވޭސް ބުންޏެވެ.
އޭނާ ބުނީ، ރާއްޖޭގެ މޫސުން ހުންނަ ގޮތަށް ހޭނުމަށްޓަކައި ވެސް، އަބޫ ދާބީގެ ޓްރެއިނިން ކޭމްޕުން ފައިދާތަކެއް ކުރާނެ ކަމަށެެވެ.
އަލް އަރަބިން ޓްރެއިނިން ކޭމްޕްގެ ތެރެއިން، ދެން ކުޅޭ ދެ މެޗުގައި، ބުދަ އާއި ބުރާސްފަތި ދުވަހު ބައްދަލުކުރާނީ، ބަނީ ޔަސް އާއި އަލް ވަހުދާއާ އެވެ.
އޭގެ ފަހުން، ރާއްޖެ އަންނަން އަލް އަރަބިން ނިންމާފައި އޮތީ އަންނަ ހުކުރު ދުވަހު އެވެ.
އަލް އަރަބި ޓީމުގައި ހިމެނޭ ބިދޭސީ ކުޅުންތެރިންނަކީ، ބެލްޖިއަމް ކޮންގޮލީސް ޖޫލިއަން އެންގޯޔީ، ފްރެންޗް ގިނިއަން ހަސިމީ ފަޑީގާ، ޔޫގާންޑާގެ ކެނެތު ސެމަކޫލާ އަދި، ނައިޖީރިއާގެ އަޔާނޯ އެވައުއާލާ އަދި ކްރިސްޓޮފާ ޖޯން އެވެ.
މާޒިޔާ އިން އަންނަނީ މިދިޔަ މަހުން ފެށިގެން، ޗެލެންޖް ލީގަށް ތައްޔާރުވާން ޕްރެކްޓިސް ކުރަމުންނެވެ. ސްޕެއިނުގެ ކޯޗު ލުއިސްމާ ހެނާންޑޭޒާ އެކު، ފަރިތަކުރުންތައް ކުރިއަށްގެންދަމުން އަންނަ މާޒިޔާ އިން ރާއްޖޭން ބޭރުން ޓްރެއިނިން މެޗުތަކެއް ހަމަޖެހޭތޯ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްކޮށް، ކުވެއިތުގައި ކުޅުނުއިރު، މާޒިޔާ އިން ދެ ވަނަ މެޗުގައި ބައްދަލުކުރީ އަލް އަރަބިއާ އެވެ. އެ މެޗުން، އަލް އަރަބި މޮޅުވީ 2-0 އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ