ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުން އެދަނީ މާލޭ ސަރުކާރަށް ކުޑަ ސިޓީ ފޮނުވުމުގެ ސިޔާސަތު މަކަރުވެރި ގޮތެއްގައި އިޔާދަކުރަން ކަމަށާއި، އެހެންވެ، ރަށުގެ ދިފާއުގައި އެންމެން ނުކުމެ ސަރުކާރަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވެފައި ވާއިރު ކައުންސިލްތަކުގެ ގިނަ މަސައްކަތްތަކެއް ހުއްޓުވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލްގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމު ސުންނާފަތިކޮށް ކައުންސިލްތަކުގެ ބާރު ކަނޑުވާލުން ކަމަށް އައްބާސް ވިދާޅުވި އެވެ.
"މާލީ ގޮތުން އަޅުވެތިކޮށް މާލޭ ސަރުކާރަށް ކުޑަ ސިޓީ ފޮނުވައިގެން އާދޭސް ދެންނެވުމުގެ ސިޔާސަތަކީ ސަރުކާރުން ގެންގުޅޭ ވަރަށް މަކަރުވެރި ސިޔާސަތެއް،" އެކްސްގައި ކުރެއްވި ޕޯސްޓުގައި އައްބާސް ވިދާޅުވި އެވެ.
"އަތޮޅު ތަކުގެ ރަށްރަށުގެ ދިފާއުގައި އެންމެން އެކީ ނިކުމެ ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ. މުޅި ގައުމު ވަކި ބޭފުޅެއްގެ މަކަރުވެރި، އަޅުވެތި ކަމުގެ ތެރެއަށް ދާން ދޫކޮށްލާފިނަމަ ފަހުން ކޮންމެ ރައްޔިތަކު ލޮލުން ކަރުނަ އަޅާ ރޯންޖެހޭ ހާލަތަށް ގައުމު ދާނެ."
ލާމަރިކަޒީ ގާނޫނަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ހުށަހަޅުއްވާފައިވާ ބިލްގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.
ކައުންސިލުތަކުން ވިޔަފާރި ކުރުމުގެ ހައްގު ހިމެނޭ ގޮތަށް ލިބިދީފައިވާ ބާރުތައް ހަނި ކުރުން ވެސް ހިމެނޭ އެ ބިލްގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މި ބިލު އަނބުރާ ގެންދިޔުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދުު ސޯލިހު ވަނީ ގޮވާލައްވައިފަ އެވެ.
ރަށުގެ ދިފާއުގައި އެންމެން ނުކުމެ ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ: އައްބާސް ރަށުގެ ދިފާއުގައި އެންމެން ނުކުމެ ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ: އައްބާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ