އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްގަނީ މުހައްމަދު އައްޔަންކުރުމަށް ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ވީކިހިނެއް؟ - އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ 21 ޖުލައިގައި އެ މަގާމުން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވުމުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވި އިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސަށް ލަފާދިނީ ގަނީގެ ނަން މަޖިލީހަށް ހުށަހެޅުމަށެވެ.
ގަނީ އެ މަގާމަށް އައްޔަންކުރުމާ މެދު ގޮތެއް ނިންމުމަށް، މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީ ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި އިއްވައިފަ އެވެ. ސިޓީ ތަޅުމަށް އިއްވުމަށް ފަހު، އެ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވި އެވެ.
ތަފްސީލް - ގަނީއަކީ 2000 އިން 2004އަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ. އަދި 2004 އިން 2018އަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރަނީ 2018ގަ އެވެ. ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ބަދަލުވި ފަހުން ވަކިކުރަނީ 2019ގަ އެވެ. އެ ގޮތުން:
ގަނީ ސުޕްރީމް ކޯޓަށް އައްޔަންކުރަނީ މަޝްހޫރު އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުން ހުސްވި މަގާމަކަށް
އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު، ކުރީގެ ސުޕްރީމް ކޯޓުން ހިންގި ގޯސްތަކުގެ މައްޗަށް އެކުލަވާލި ރިޕޯޓަކާ އެކު މުޅި ބެންޗު ބަދަލުކުރި އިރު ގަނީ ވެސް ވަކިކުރި
ގަނީގެ އިތުރުން ދެން އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ:
ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)
ގުޅުން ހުރި - މުއުތަސިމް ރިޓަޔާ ކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓު ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
ހަމީދުގެ އިތުރުން ދެން އެ ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނަކީ:
އާއިޝާ ޝުޖޫން މުހައްމަދު
އަލީ ރަޝީދު ހުސައިން
ޑރ. މުހައްމަދު އިބްރާހިމް
ހުސައިން ރަޝީދު
މުހައްމަދު ސަލީމް
އެނގުން މުހިންމު - ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން އުއްތަމަ ފަނޑިޔާރު ހިމެނޭހެން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމަށް އޮންނަ އިޖުރާއަތްތަކަކީ:
ކުރިމަތިލާ މީހުން ޖޭއެސްސީން އިންޓަވިއުކުރުމަށް ފަހު ރައީސަށް ފޮނުވުން؛ މަޖިލީހަށް ފޮނުވަންވީ ނަންތަކެއް ޖޭއެސްސީން ލަފައެއްގެ ގޮތުގައި ފޮނުވޭނެ
ޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސަށް ފެންނަ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
މަޖިލީހުން ފާސްކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ މީހަކު ރައީސް އައްޔަންކުރެއްވުން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވަން ރައީސަށް ފެނިވަޑައިގަންނަވާ ނަންތަކެއް ޖޭއެސްސީއަށް ފޮނުއްވޭނެ
އުއްތަމަ ފަނޑިޔާރަށް ގަނީ އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ