އެއްކޮށް ދުންފަތް ހުއްޓާލާ ރަށްރަށުގެ މީހުންނަށް ފައިސާގެ އިނާމެއް ދެނީ

ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާމެއް ދިނުމަށް ކުރަން ޖެހޭ ކަންކަން ކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އަންގަވައިފިއެވެ. ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހަދަން ނިންމާފައިވާ ކަމަށެވެ. އެ ދިރާސާއަށް ފަހު، އެ ކަމާ ގުޅޭ ކަރުދާހެއް ތައްޔާރުކޮށް ހުށަހެޅުމަށް، މި ހަފުތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ވާނީ އަންގަވާފައި ކަމަށް ރައީސް ވިދާޅުވިއެވެ. https://x.com/MMuizzu/status/1937374470924304653 އެކަމާ ގުޅޭ އިތުރު ތަފުސީލެއް ދެން ނުދެއްވައެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް ދުންފަތާ ދެކޮޅަށް މިފަދަ ކަންކަން ކުރެއްވެވިއެވެ. އެގޮތުން، އޭރު ސްކޫލު ފޮތް ބަޔަކީ ގަންނަން ޖެހޭ އެއްޗަކަށްވާއިރު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ މީހުންގެ ދަރިންނަށް ސަރުކާރުން ފޮތްލިސްޓް ދިނުންފަދަ ކަންކަން ކުރެއްވެވިއެވެ. ހަމައެހެންމެ އާބާދީ ކޮންޓްރޯލްކުރުމުގެ ގޮތުން މަދުން ކުދިން ހޯދާ ރަށްރަށުގެ މީހުންނަށް އައްޑަނަ ދިނުމާއި ތިމާވެއްޓާ ރައްޓެހި އަމަލުތައް ކުރާ ރަށްރަށަށް ފެހިފަތް ދިނުމަކީ ވެސް މައުމޫންގެ ވެރިކަމުގައި ކުރެއްވެވި ކަންކަމެވެ. ދިވެހީންގެ ވެސް އާއްމު ސިއްހަތަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ ކަމަށްވާ, ދުންފަތުގެ އިސްތިއުމާލުން މީހުން ސަލާމަތް ކުރުމަށް މި ސަރުކާރުން ވަނީ މިހާތަނަށް ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. އޭގެ ތެރޭގައި ސިނގިރޭޓް ޑިއުޓީ ވަރަށް ބޮޑު ކުރުމާއި, ވޭޕް ބޭނުން ކުރުން މަނާކުރުން ހިމެނެއެވެ. ވޭޕް މަނާކުރަން ސަރުކާރުން ނިންމީ އުމުރުން ވަރަށް ހަގު, ކިޔަވާ ކުދިންއިން ފެށިގެން އެތައް ދިވެހީންނެއް އެ ނުރައްކާތެރި ވަބާގައި ޖެހިފައި ވަނިކޮށެވެ. މިހާރު ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ އިތުރުން އެ ބޭނުން ކުރުމަކީ ގާނޫނީ ކުށެކެވެ. އެކަންކަން ކުރާ މީހުންނަށް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް، ދުންފަތާ ގުޅޭ ގިނަ ގަވާއިދުތަކެއް އަދިވެސް ރާއްޖޭގައި ތަންފީޒެއް ނުވެއެވެ. އެގޮތުން، އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވަކި ސިނގިރޭޓް ވިއްކުމަކީ ގަވާއިދުން މަނާ ކޮށްފައިވާ ކަންކަން ކަމަށް ވީނަމަވެސް އެކަންކަން ފާޅުގައި ކުރެއެވެ. ފިޔަވަޅު އެޅެނީ މަދު ފަހަރެއްގައެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަށް ފަހު ދޫކޮށްލާ ދުމަކީ އޭގެ އަސަރު ކުރާ އެހެން މީހުންނަށް ގިނަ ބަލިތަކެއް ޖައްސާ ނުރައްކާތެރި އެއްޗެކެވެ. ނަމަވެސް ރާއްޖޭގައި އެ ދުމުން ސަލާމަތް ވެގެން މަގުމަތީގައި އުޅުމުގެ ފުރުސަތު ވެސް ގިނަ ފަހަަރަށް ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ