ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި މުހައްމަދު އާތިފް (އާތީ) ކުރާ ކޮންމެ ތަޖުރިބާއެއްގައި ވެސް އޭނާ ވަނީ، ހާލަތު ދިމާވާ ގޮތް ވަރަށް ރަނގަޅަށް ތިލަކޮށްދީފަ އެވެ. މި ފަހަރުގެ ވިމެންސް އޭޝިއަން ކަޕް ކޮލިފައިން ތިން މެޗުން ރާއްޖެ ބަލިވިއިރު ވެސް އާތީ ވަނީ، މީޑިއާ އިން އަމާޒުވި ސުވާލުތަކަށް ރާއްްޖޭގެ އަންހެން ފުޓްބޯޅަ ކުރިއަށްދާ ގޮތާ ރަނގަޅުވާން ޖެހޭ ކަންކަން ކިޔައިދީފަ އެވެ.
ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ ތާރީހަށް ބެލިޔަސް، އާތީ އަކީ އެންމެ ރަނގަޅު ނަތީޖާ ނެރުނު ކޯޗެވެ. ޓީމަށް އެކަށީގެންވާ ރަނގަޅު ކުރިއެރުންތަކެއް ނަތީޖާ އަށް ބަލާއިރު ގެނެސްދިނެވެ.
އެ ގޮތުން، މި ފަހަރުގެ ކޮލިފައިން ފުރަތަމަ މެޗުގައި، ރާއްޖެ ވަނީ ފީފާ ވޯލްޑް ކަޕްގައި ކުޅޭ އަދި އެންމެ ފަހުން އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލަށް ދިޔަ، ވިއެޓްނާމް އަތުން 7-0 އިން ބަލިވެފަ އެވެ. މީގެ ދެ އަހަރު ކުރިން، އޭޝިއަން ކަޕް ކޮލިފައިންގައި ވިއެޓްނާމް އަތުން ރާއްޖެ ބަލިވީ 16-0 އިންނެވެ. އެކަމަކު، މި ފަހަރު އާތީއާ އެކު، ދޮޅު މަހު ޕްރެކްޓިސް ކޮށްފައި، ގައުމީ ޓީމު ގޮސް، ވިއެޓްނާމާ ވަނީ ރަނގަޅު ވާދައެއް ކޮށްފަ އެެވެ.
ވިއެޓްނާމް މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ބުނީ، ރާއްޖެ ކަހަލަ 100 ޕަސެންޓް މުސްލިމް ގައުމެއްގައި އަންހެން ފުޓްބޯޅަ ކުރިއެރުވުމުގައި ޒަމާނުއްސުރެ އޮންނަ ގަބޫލުކުރުންތަކާއި ވިސްނުންތަކުގެ ސަބަބުން ކުޅުންތެރިން ހޯދުމާއި ޑިވެލޮޕްކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
"ރާއްޖޭގައި ނޯވޭ އަންހެން ފުޓްބޯޅައިގެ ޑޮމެސްޓިކް މުބާރާތެއް. ހަމައެކަނި ޕްރެކްޓިސް މެޗުތަކެއް ވެސް މި ލިބެނީ، ފިރިހެން ކުދިންނާ ދެކޮޅަށް، ޔޫތު ޓީމުތަކާ ދެކޮޅަށް. އެހެންވީމަ، ވިއެޓްނާމް ކަހަލަ ވަރުގަދަ ޓީމުތަކާ ކުޅުމަކީ އަހަރެމެންގެ ކުޅުންތެރިންނަށް ދަސްކުރަން ވެސް ލިބޭ ބޮޑު ފުރުސަތެއް،" އާތީ ބުންޏެވެ.
މީގެ އިތުރުން، އާތީ ވަނީ ވިއެޓްނާމުން މެޗުގެ ފަހު ވަގުތުގައި، ލިބުނު ޕެނަލްޓީ ނާކާމިޔާބުވުމުން، ރާއްޖޭގެ ކުޅުންތެރިން އެކަމާ އުފާފާޅުކުރުމަކީ، އަންހެން ފުޓްބޯޅައިގައި ރާއްޖެ އަށް ކޮންމެ ފުރުސަތަކީ ވެސް ބޭނުންތެރިކަމެއްގެ ގޮތުގައި ދައްކައިދޭ ކަމެއް ކަމަށެވެ.
"މި ޓީމަށް މެޗުތައް ގިނަވެ، މުބާރާތްތައް އިތުރުވާ ވަރަކަށް ކަންކަން ރަނގަޅުވާނެ، ނެތީ ފުރުސަތު،" އާތީ ބުންޏެވެ.
ކޮލިފައިންގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުން 3-0 އިން ގުއާމް އަތުން ބަލިވިއިރު، ފަހު މެޗުގައި، ޔޫއޭއީ އަތުން ބަލިވީ 5-0 އިންނެވެ. ރާއްޖޭން ވަނީ، 2016 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި، 1-0 އިން ޔޫއޭއީ ބަލިކޮށްފަ އެވެ.
އާތީ ވަނީ 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސް އަށް ފަހު ވެސް ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ ހާލަތު އެ ފަހަރުގެ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސުވާލުތަކަށް ދިން ޖަވާބުގައި ވެސް ކިޔައިދީފަ އެވެ.
އޭގެ ހަތް އަހަރު ފަހުން، އަނެއްކާ ވެސް، އާތީ، ބައިނަލްއަގުވާމީ މީޑިއާ ކުރިމަތީގައި ތަކުރާރުކުރަން ޖެހުނީ އެއް ވާހަކައެކެވެ. ރާއްޖޭގައި، އަންހެން ފުޓްބޯޅަ ކުރިއަރުވަން، ޑޮމެސްޓިކް މުބާރާތެއް ނެތި އިންޓަނޭޝަނަލް މެޗުތަކަށް ސީދާ ނުކުންނަން ޖެހޭތީ އެކަމުގެ ގޮންޖެހުން ބޮޑު ކަމުގެ ވާހަކަ އެވެ.
ރާއްޖޭގައި އެންމެ ފަހުން، އަންހެން ފުޓްބޯޅައިގެ 11 ކުޅުންތެރިން ކުޅެވޭ ގޮތަށް، މުބާރާތެއް ބާއްވާފައިވަނީ، 2014 ވަނަ އަހަރު އެވެ.
އެފްއޭއެމުން ވަނީ 2017 ވަނަ އަހަރު އަންހެން ފުޓްބޯލް ލީގެއް ބާއްވަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އެކަށީގެންވާ ތަރުހީބެއް ނުލިބުމުން މުބާރާތް ޖެހުނީ ކެންސަލްކުރާށެވެ. އެ މުބާރާތުގައި ބައިވެރިވީ ނިއު ރޭޑިއަންޓުން އެކަންޏެވެ. އެހެން ޓީމުތަކުން ބައިވެރިނުވި އެއް ސަބަބަކީ ވަގުތު ކުޑަތަންވެފައި އޮއްވައި އެފްއޭއެމުން މި މުބާރާތް އިއުލާން ކުރުން ކަމަށް އޭރު ކްލަބްތަކުން ބުންޏެވެ. އޭގެ ހަތަރު އަހަރު ފަހުން ބާއްވަން އުޅުނު، އަންހެން ފުޓްބޯޅަ މުބާރާތުގެ ކަންކަން ވެސް ކުރިއަށްދާ ގޮތެއްނުވި އެވެ.
މި އަހަރު އެފްއޭއެމުން އަންހެން ފުޓްބޯޅަ މުބާރާތެއް ނުބާއްވައިފިނަމަ އަންނަ އަހަރަށް، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާއިން ދޭ ބަޖެޓުން އެބައި އުނި ކުރާއިރު، މިދިޔަ މަހު އެފްއޭއެމް އަސާސީ ގަވާއިދަށް ގެނައި ބަދަލުތަކުގެ ތެރޭގައި މުހިންމު ކަމެއް ވަނީ ފާސްކޮށްފަ އެވެ. އެއީ، މި މަހު 26 ވަނަ ދުވަހު ބާއްވާ އެފްއޭއެމްގެ އިންތިހާބަށް ފަހު، ދެން ހަވާލުވާ ހިންގާ ކޮމިޓީ އަކުން، އެއް އަހަރުގެ ތެރޭގައި އަންހެން މުބާރާތެއްގެ އޮނިގަނޑު އެކުލަވާލައި ކޮންގްރެސް އަށް ހުށަހަޅަން ޖެހޭ ގޮތަށެވެ.
އަންނަ އަހަރު އޮސްޓްރޭލިއާގައި ބާއްވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕަށް ދެކުނު އޭޝިއާ އިން ބަންގްލަދޭޝާއި އިންޑިއާ ވަނީ ކޮލިފައިވެފަ އެވެ. ބަންގްލަދޭޝް ފުރަތަމަ ފަހަރަށް ކޮލިފައިވިއިރު، އިންޑިއާ ގިނަ ފަަހަރުތަކެއް މަތިން މި މުބާރާތުގައި ކުޅެ އެވެ. އަދި، ނޭޕާލަށް ޖާގަ ނުލިބުނީ، ޕެނަލްޓީ ޖަހައިގެން އުޒްބެކިސްތާން އަތުން ބަލިވުމުންނެވެ.
އަންހެން ފުޓްބޯޅަ ޓީމާ އެކު މި ފަހަރު ވެސް އާތީ ބުނެދިނީ ހަގީގަތް އަންހެން ފުޓްބޯޅަ ޓީމާ އެކު މި ފަހަރު ވެސް އާތީ ބުނެދިނީ ހަގީގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ