އީރާންގެ ނިއުކްލިއާ ސައިޓްތަކަށް ލިބުނު ގެއްލުން ކުޑަ ކަމަށް ވިދާޅުވި އެމެރިކާގެ ޖެނެރަލް ވަޒީފާއިން ވަކިކޮށްފި
ޖޫން މަހު އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް އެމެރިކާއިން ދިން ހަމަލާގައި ލިބުނީ ކުޑަ ގެއްލުމެއް ކަމަށް ކަމަށް ރިޕޯޓް ކުރި އެމެރިކާގެ ލެފްޓިނެންޓް ޖެނެރަލް ޖެފްރީ ކްރޫޒް ވަޒީފާއިން ވަކިކޮށްފިއެވެ. ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވަޒީފާއިން ވަކިކުރި މީހުންގެ ތެރޭގައި އަސްކަރީ އިތުރު ދެ ކޮމާންޑަރުން ވެސް ހިމެނެއެވެ. އެއީ ނޭވީ ރިޒާވްގެ ވެރިޔާ ވައިސް އެޑްމިރަލް ނޭންސީ ލަކާއާއި ސްޕެޝަލް ވާފެއާ ކޮމާންޑް ބަލަހައްޓާ ނޭވީ ސީލްގެ އޮފިސަރެއް ކަމަށްވާ ރިއާ އެޑްމިރަލް މިލްޓަން ސޭންޑްސްއެވެ. މިދިޔަ އަހަރު ކުރީކޮޅުން ފެށިގެން ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ) ހިންގެވި ކްރޫޒް ވަޒީފާއިން ވަކިކުރީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނޫނެވެ. ނަމަވެސް ރައީސް ޓްރަމްޕް ވަނީ އީރާނަށް އެމެރިކާއިން ދިން ހަމަލާތަކާ ގުޅޭ ގޮތުން އެ އިދާރާއިން ފުރަތަމަ ހޯދި ހޯދުންތައް ދޮގު ކުރައްވާފައެވެ. ޑީއައިއޭގެ ފުރަތަމަ އެސެސްމަންޓަކީ ހަމަލާތަކުގެ ސަބަބުން ނިއުކްލިއާ ސައިޓްތައް މުޅިން ހަލާކުވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ވާހަކަތަކާ ވަރަށް ބޮޑަށް ފުށުއަރާ ވާހަކަތެކެކެވެ. ބޭރުގެ މީޑިއާތަކުން އެކަން ވަރަށް ބޮޑަށް އޭރު ރިޕޯޓުކުރިއެވެ. ކްރޫޒް ވަޒީފާއިން ވަކިކުރީ އެމެރިކާގެ މިހާރުގެ އަދި ކުރީގެ 37 ޖާސޫސީ ޕްރޮފެޝަނަލުންގެ ސެކިއުރިޓީ ކްލިއަރެންސް ބާތިލް ކުރަމުންދާ ކަމަށް ޑިރެކްޓަރު އޮފް ނޭޝަނަލް އިންޓެލިޖެންސް ތުލްސީ ގަބާޑް އިއުލާން ކުރެއްވިތާ ދެ ދުވަސް ފަހުންނެވެ. ޑީއައިއޭގެ ޑިރެކްޓަރަކަށް ވުމުގެ ކުރިން ކްރޫޒް ވަނީ ޑިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސްގެ އަސްކަރީ ކަންކަމުގެ އެޑްވައިޒަރުގެ މަގާމު އަދާކުރައްވާފައެވެ. އަދި އައިއެސްއައިއެލް (އައިއެސް) ގްރޫޕާ ދެކޮޅަށް ގުޅިފައިވާ ކޯލިޝަނުގެ ޑިރެކްޓާ އޮފް އިންޓެލިޖެންސް ހިމެނޭ ގޮތަށް އެކި މަގާމުތައް ވެސް ފުރުއްވާފައިވެއެވެ. ޖެނުއަރީ މަހު ވެރިކަމަށް ވަޑައިގެންނެވި ޓްރަމްޕް ވަނީ އަސްކަރީ އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކިކުރައްވާފައެވެ. އޭގެތެރޭގައި ފެބްރުއަރީ މަހު އެއްވެސް ތަފްސީލެއް ނުދީ ވަކިކުރި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޗާލްސް 'ސީކިޔު' ބްރައުންވެސް ހިމެނެއެވެ. މިއަހަރު ވަޒީފާއިން ވަކިކުރި އެހެން އިސް އޮފިސަރުންގެ ތެރޭގައި އެމެރިކާގެ ނޭވީ އާއި ކޯސްޓްގާޑްގެ އިސްވެރިންނާއި ނޭޝަނަލް ސެކިއުރިޓީ އެޖެންސީގެ އިސްވެރިންނާއި އެމެރިކާގެ ވައިގެ ސިފައިންގެ ވައިސް ޗީފް އޮފް ސްޓާފާއި ނޭޓޯގެ ކަންކަން ހަވާލުކޮށްފައިވާ ނޭވީގެ އެޑްމިރަލް އަދި އަސްކަރީ މަތީ ތިން ވަކީލުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ