ރައްޔިތުންނާ ގާތުން ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނެ: ރައީސް

ރައްޔިތުންނާ ގާތަށް ވަޑައިގެން ކުރައްވާ މަސައްކަތުގެ ނަތީޖާ ފެންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ދެ ވަނަ މަންޒިލެއްގެ ގޮތުގައި ހެނބަދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވަނީ ރަށުގެ ތަރައްގީއަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތައް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.  
ތަފްސީލް - ރައީސް ވިދާޅުވީ މި އަހަރު މަޝްރޫއުތައް ކުރިއަށް ގެންދަނީ އެކި ބައިބަޔަށް ބަހާލައިގެން ކަމަށެވެ.
"މިހާރު ހަ ވަނަ ބެޗުގެ މަޝްރޫއުތަކުގައި ސޮއިކުރެވެމުން އެ ދަނީ. މި ދަތުރުތަކުގައި ފެށިގެން މި ދަނީ އޭގެ ތެރެއިން ބައެއް މަޝްރޫއުތައް،" ރައީސް ވިދާޅުވި އެވެ.
"މި އަންނަ އަހަރަށް ވެސް ބައެއް ރަށްރަށުގެ މަޝްރޫއުތައް ހުންނާނެ ބަހައްޓާފައި."
ރައީސް ވިދާޅުވީ މި އަހަރާއި އަންނަ އަހަރަކީ އުމްރާނީ ތަރައްގީގެ ހުރިހާ ވައުދެއްގެ އަމަލީ މަސައްކަތް ދެ އަހަރަށް ބަހާލައިގެން ފަށާ ދެ އަހަރު ކަމަށެވެ.
އެގޮތުން ދެން އެންމެ އަވަހަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރާ ރަށްރަށުގެ ތެރޭ ނ. ހެނބަދޫ ހިމެނޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި އަހަރަށް ކުރިއަށް ގެންދަން ދެން ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތުގައި މި ރަށުގެ ބިން [ހިއްކުން] އަޅުގަނޑު ވާނީ ހިމަނާފައި،"
ރައީސް ވިދާޅުވީ އެ މަސައްކަތުގެ ފައިނަލް ޑިޒައިން ނިމުމުން މަސައްކަތް ހަވާލުކުރާނެ ކަމަށާއި އަމާޒަކީ ސެޕްޓެމްބަރު ހިސާބުގައި މަސައްކަތް ބަޔަކާ ހަވާލުކޮށް ނޮވެމްބަރު ހިސާބުގައި އަމަލީ މަސައްކަތް ފެށުން ކަމަށެވެ.
ހެނބަދޫން ހިއްކެން އޮތީ ހަ ހެކްޓަރު ކަމަށާއި އެ ޖާގައިން ވެސް ބޯހިޔާވަހިކަން ހިމެނޭހެން އެހެން ވަސީލަތްތައް ވެސް ގާއިމް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނަށް ހިދުމަތްކުރައްވަން ކަމަށެވެ.
"ރައްޔިތުންނާ ގާތަށް އައިސް ރައްޔިތުންނަށް ހިދުމަތް ކުރަން. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ތިޔަ ބޭފުޅުން ބޭނުންވާގޮތަށް ވެގެންދާނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ