500 މުވައްޒަފުން ވަކިކުރާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

ސަރުކާރުގެ އެކި އޮފީސްތަކުން 500 މުވައްޒިފަކު ވަކިކުރަން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަ، ސަރުކާރުގެ ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ދޮގު ކުރައްވައިފިއެވެ.
"އެމްއެމްޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވީ، ސަރުކާރު މުވައްޒިފުންގެ އެނުއަލް އެސެސްމެންޓް ހެދުމަކީ މިހާރުގެ ސަރުކާރު ވެރިކަމަށް އައި ދުވަހުން ފެށިގެންވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި، މިހާރު ހިނގާ ކަންކަމަކީވެސް އެ އުސޫލުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.
އަދި އެއާއެކު، ސަރުކާރުގެ ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު، އެކި ވުޒާރާތަކާއި، އެކި މުއައްސަސާތަކުގެ ބެލެނެވެރި ވުޒާރާތަކާއި އޮފީސްތައް ބަދަލުވެފައިވާތީވެ، މުވައްޒިފުންނަށް އެއްމެ ރަނގަޅަށް މަސައްކަތްކުރެވޭނެ އޮފީހަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށްވެސް މި އެސެސްމަންޓްގެ ބޭނުން ހިފާނެކަމަށްވެސް މުންދު ވިދާޅުވިއެވެ.
މީގެ އިތުރުން، މިއީ މާލީ ސިޔާސަތެއް ތަންފީޒުކުރަން ނޫންކަމަށާއި، އެކަމަކު، ރައްޔިތުން އެދޭ ނަތީޖާ ނެރެދެވޭނެ ގޮތްތައް ބައްލަވައިގެން، ސަރުކާރުން ކުރާކަމެއް ކަމަށްވެސް މުންދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ