20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕް އޭގެ ފަހު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރި ގޯލާއެކު ސްރީލަންކާ ބަލިކޮށް ބޫޓާން މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ޔަގީންކޮށްފިއެވެ.
މިމެޗު ބުޓާން ކާމިޔާބުކުރީ 1-0 އަކުންނެވެ. މިނަތީޖާ އާއެކު ބޫޓާން ސެމީފައިނަލް ޔަގީން ކުރީ ގްރޫޕްގައި ކުޅުނު 3 މެޗުގެ ތެރެއިން 1 މެޗު ކާމިޔާބުކޮށް 1 މެޗުން ބަލިވެ، 1 މެޗު އެއްވަރުކޮށް ޖުމްލަ 4 ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނަ އާއެކުއެވެ. ގްރޫޕްގެ އެއްވަނަ މިއަދު ހަވީރު ރާއްޖެއަތުން ހޯދި ޕޮއިންޓާއެކު ޖުމްލަ 7 ޕޮއިންޓް ހަމަކޮށް ނޭޕާލްއިން ވަނީ ޔަގީންކޮށްފައެވެ.
ގްރޫޕް އޭގެ ފަހު މެޗަށް ބޫޓާންވެސް ނިކުތީ މޮޅުވެގެން ސެމީފައިނަލްގެ ޖާގައެއް ޔަގީންކުރެވޭނެކަން އެނގިހުރެއެވެ. މިގޮތުން މެޗު ފަށައިގެން ފުރަތަމަ ހަމަލާ ސްރީލަންކާއިން ތަނަވަސްކުރިނަމަވެސް ބޫޓާން އިންވެސް ވަނީ ރަނގަޅު އެޓޭކްތަކެއް ކޮށްފައެވެ.
މިގޮތުން މެޗު 6 ވަނަ މިނެޓުގައި ބޫޓާންގެ ކެލްޑެން ދޮރްޖީ ވަނީ ލަންކާގެ ގޯލަށް ބޯޅަ ވައްދާލާފައެވެ. އެހެންނަމަވެސް ކެލްޑަންއަށް ބޯޅަ ލިބުން އިރު އޮފްސައިޑަށް ލައިސްމަން ވަނީ ދިދަނަގާފައެވެ.
އޭގެ 3 މިނެޓު ފަހުން ސްރީލަންކާއަށްވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެޓީމަށް ލިބުނު ކޯނަރުގައި ބޫޓާންގެ ޕެނަލްޓީ އޭރިއާ ބޭރަށް ވެއްޓުނު ބޯޅަ ލަންކާ ޓީމުގެ މުހައްމަދު ފާރިޤް ފޮނުވާލުމުން ދިޔައީ ދަނޑި މަތިން ބޭރަށެވެ.
ފުރަތަމަ ހާފްގައި ސްރީލަންކާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަނަމަވެސް ފެނިގެންދިޔައީ ލިބުނު މަދު ފުރުސަތުތަކުގެ ބޭނުންހިފާ ބޫޓާން ޓީމުން ބޮޑަށް ނުރައްކާތެރި ފުރުސަތުތައް ތަނަވަސް ކުރަމުންދިޔަ މަންޒަރެވެ.
މި ހާފްގެ ފަހުކޮޅު މުޅިން އެޓޭކްކުރަމުން ދިޔައީ ބޫޓާން ޓީމުންނެވެ. އެހެންނަމަވެސް އެޓީމަށް ވަނީ ސްރީލަންކާގެ ކީޕަރު ޓެސްޓް ކޮށްލެވޭ ވަރުގެ ނުރައްކާތެރި ހަމަލާއެއް އުފެއްދޭގޮތް ނުވެފައެވެ.
ފުރަތަމަ ހާފްގައި ގޯލެއް ކާމިޔާބުކުރަން ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ސްރީލަންކާގެ ކެޕްޓަން ހުސެއިން އަބްދުﷲ އަށެވެ. އޭރިއާތެރެއިން މުޅިން ހުސްކޮށް އަބްދުﷲއަށް ލިބުނު ފުރުސަތުގައި އޭނާއަށް ފޮނުވާލެވުނީ ބޫޓާންގެ ކީޕަރާއި ދިމާލަށެވެ.
މެޗުގެ ދެވަނަ ހާފްގެ ކުޅުން ފަށައިގެން ބޮޑަށް ނުރައްކާކުރަމުންދިޔައީ ބޫޓާން ޓީމުންނެވެ. ބޫޓާން އިން ވަނީ ދެވަނަ ހާފްގެ ކުރީކޮޅު އެޓީމަށް ލިބުނު 2 ކޯނަރުގައިވެސް ނުރައްކާކޮށްފައެވެ. އެހެންނަމަވެސް ލަންކާގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ވަނީ ފޮނުވާލެވޭގޮތް ނުވެފައެވެ.
ދެވަނަ ހާފްގައި ސްރީލަންކާ ބޮޑަށް ކުޅެމުންދިޔައީ ފަހަތުގައި މަޑުކޮށްފައި ލިބޭ ފުރުސަތުތަކުގައި ކަންޓަރ އެޓޭކް ކުރާގޮތަށެވެ. މިގޮތުން މެޗުގެ 61 ވަނަ މިނެޓުގައި ސްރީލަންކާގެ ކައުންޓަރ އެޓޭކެއްގައި އެޓީމުގެ މުހައްމަދު ކަތީމަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މިފަހަރުވެސް ކަތީމް ބޫޓާންގެ އޭރިއާ ތެރޭގައި ހުރެފައި ފޮނުވާލް ބާރު ހަމަލާ ދިޔައީ ދަނޑިމަތިން ބޭރަށެވެ.
ބުޓާންއަށް މުބާރާތުގައި ކުރިއަށްދެވެން އޮތީ މެޗުން މޮޅުވެގެން ކަމުން މެޗުގެ ވަގުތު ކުޑަތަންވަމުން ދިޔަ ވަރަކަށް އެޓީމުން އެޓޭކަށް އިތުރު ކުޅުންތެރިން އަރުވަމުންދިޔައެވެ. އަދި މެޗު އެއްވަރު ކޮށްލައިގެންވެސް ސްރީލަންކާއަށް ސެމީ ޔަގީންކުރެވެން އޮތުމުން އެޓީމުން ގޯލެއް ޖަހަން މަސައްކަތް ކުރުމަށްވުރެ ބޮޑަށް ބަލަމުން ދިޔައީ ބައިކޮޅަށް ގޯލެއް ވަދުނަ ނުދީ މެޗު ނިންމާލަންށެވެ.
މެޗުގެ 82 ވަނަ މިނެޓުގައި ބޫޓާން އަށް ލިބުނު ހިލޭޖެހުން ރިންޒިން ފޮނުވާލުމުން ސްރީލަންކާގެ ކީޕަރު ނަދާލް ވަނީ ރަނގަޅު ސޭވްއެއް ކޮށްފައެވެ. އަދި ނަތީޖާއެއްގެ ގޮތުން ލިބުނު ކޯނަރުގައި ބޫޓާން ކުޅުންތެރިން ލަންކާގެ ގޯލާ އަމާޒުކޮށް ފުނުވާލި ބޯޅައިގެ ހުރަހަކަށް ވީވެސް ކީޕަރު ނަދާލްއެވެ.
މެޗުގެ ފަހު 15 ވަރަކަށް މިނެޓު ފެނިގެންދިޔައީ ސްރީލަންކާއިން މެޗުން ޕޮއިންޓެއް ހޯދުމަށްޓަކައި މުޅި ޓީމު އެއްކޮށް ކަހަލަ ގޮތަކަށް ފަހަތަށް ފައިބައިގެން ޑިފެންސް ކުރަމުންދިޔަ މަންޒަރެވެ.
ނަތީޖާއެއްގެ ގޮތުން ބޫޓާން އިން މެޗުގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ބޫޓާންއަށް ކާމިޔާބުކޮށްދިނީ ދެންޑުޕް ގިޔެލްޝެންއެވެ. ދެންޑުޕް މި ލަނޑު ޖަހައިދިނީ ޓެންޑިން ނަގައިދިން ހުރަހެއް ފާޕޯސްޓުން ހުސްކޮށް އަރާ ބުލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މިއާއެކު ގްރޫޕް އޭގެ ކުޅުން ނިމިގެންދިޔައި ނޭޕާލް މިވަނީ ގްރޫޕްގެ އެއްވަނަ އަދި ބޫޓާން ގްރޫޕްގެ ދެވަނަ ހޯދާފައެވެ.
އިތުރު ވަގުތުގައި ޖެހި ލަނޑާއެކު ލަންކާ ބަލިކޮށް ބޫޓާން ސެމީފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ