ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށް ސްރީލަންކާ އަތުން ހޯދި މޮޅާއެކު، އުފާވެރިކަމުގެ ކަރުނަ ލޮލުން އޮހޮރުނުކަމަށް ބޫޓާނުގެ ހެޑް ކޯޗު، ކާމާ ޑެމާ ބުނެފިއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބޫޓާނުގެ ފަހު މެޗުގައި ނުކުންނަން ޖެހުނީ ސްރީލަންކާއާ ދެކޮޅަށެވެ. މި މެޗަށް ނުކުތްއިރު ބޫޓާނަށް މުބާރާތުގައި ކުރިއަށް ދިއުމަށް އޮތް ހަމައެކަނި ފުރުސަތަކީ މެޗުން މޮޅުވުމެވެ. މެޗު އެއްވަރުކޮށްލައިގެން ވެސް ސެމީގެ ޖާގައެއް ހޯދެން ލަންކާއަށް އޮތެވެ.
ކަން މިހެން އޮތުމުން މެޗުގައި ލަންކާ ޓީމުގެ ފަރާތުން ފެނުނީ ވަރަށް ޑިފެންސިވް ގޭމެކެވެ. ފަސް ޑިފެންޑަރުން ލައިގެން ވަރަށް ރޭވުންތެރިކަމާއެކު މެޗުގެ 90 މިނެޓު އެ ޓީމުން ފުރިހަމަކުރި ނަމަވެސް، މެދުކެނޑުމެއްނެތި ކުރިއަށް ޖެހިގެން ބޫޓާނުގެ ކުޅުންތެރިން ކުރި ހިތްވަރުގެ ނަތީޖާއަކަށްވީ އިތުރުވަގުތުގެ ތެރޭގައި ލަނޑެއް ޖަހައި މެޗުން މޮޅުވުމެވެ.
މި މޮޅާއެކު މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ބޫޓާނުން ހޯދާފައިވާއިރު، މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ޑެމާ ބުނީ، މިއީ ހަޔާތުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.
މެޗުން މޮޅުކޮށްދޭން ބޫޓާނުގެ ދެންޑުޕް ކާމިޔާބުކޮށްދިން ލަނޑާއެކު ކުރެވުނު އިހުސާސްތައް، ކޯޗު ޑެމާ ވަނީ "ޕީއެސްއެމް ނިއުސް" އާ ހިއްސާކޮށްފައެވެ.
"ފުރަތަމަ ކަމަކަށްވެސް ބޭނުމީ ކުޅުންތެރިންނަށް ޝުކުރު އަދާކުރަން. މިއީ ދިރިއުޅުމުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ. ލަނޑު ޖެހި ވަގުތު އަހަންނަށް ނުވެސް އެނގޭ ބުނެދޭން އެވަގުތު ކުރެވުނު އިހުސާސްތައް. އަހަރެންގެ ލޮލުން ކަރުނަ އޮހޮރުނު. އުފާވެރިކަމުގެ ކަރުނަ އެއީ". ދެންޑުޕްގެ ލަނޑާއެކު ކުރެވުނު އިހުސާސްތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ކާމާ ޑެމާ ބުންޏެވެ.
މެޗުގެ ފަހުވަގުތު ޖެހި ލަނޑާއެކު މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ބޫޓާނުން ހޯދީ ގްރޫޕް އޭގެ ދެވަނަ މަގާމު ހޯދައިގެންނެވެ.
ގުރޫޕުގެ އެއްވަނައިގެ ގޮތުގައި، ތިން މެޗުން ހަތް ޕޮއިންޓާއެކު ސެމީއަށް ދަތުރުކުރީ ނޭޕާލެވެ. ބޫޓާނުން ހަތަރު ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، ތިންވަނައިގައި ސްރީލަންކާ އޮތީ ތިން ޕޮއިންޓު ހޯދައިގެންނެވެ. ފުލުގައި ރާއްޖެ އޮތީ ދެ ޕޮއިންޓާއެކުއެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ އޭޕްރިލަ މަހުގެ އެއްވަނަ ދުވަހުއެވެ.
ހޯދި މޮޅާއެކު ނޭޕާލް ކޯޗުގެ ލޮލުން އުފާވެރިކަމުގެ ކަރުނަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ