ފިލްމު 'އާވާރާޕަން 2' ރިލީޒްކުރުން މި އަހަރުގެ އޮގަސްޓް މަހު
ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝްމީގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމުތަކުގެތެރޭ ހިމެނޭ "އާވާރާޕަން"ގެ ދެވަނަ ބައި "އާވާރާޕަން 2" މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރަން ތާވަލުކޮށްފިއެވެ. އިމްރާން ހާޝްމީ އާއި ދިޝާ ޕަޓާނީ މުހިންމު ރޯލުތަކުން ފެންނާނެ މި ފިލްމަކީ މި އަހަރު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ފިލްމުތަކުގެތެރެއިން ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރާ ފިލްމެކެވެ. މީގެ ކުރިން މި ފިލްމު ރިލީޒްކުރާނެ ކަމަށް ބުނެފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. ނަމަވެސް ފިލްމުގެ ބައެއް މަސައްކަތްތައް އަދި ނުނިމޭތީ، ފިލްމު ރިލީޒްކުރާނެ އާ ތާރީހެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އޮގަސްޓް މަހު ފާހަގަކުރާ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށެވެ. ބަތަލާ ދިޝާ ޕަތާނީ އަދި އިމްރާން ހާޝިމީ--ފޮޓޯ/ބޮލީވުޑްހަންގާމާ ބޮލީވުޑް ހަންގާމާއަށް މައުލޫމާތު ދިން މަސްދަރަކުން ބުނި ގޮތުގައި، އިމްރާން ހާޝްމީ އާއި ދިޝާ ޕަޓާނީ ފެނިގެންދާ މި ފިލްމަކީ މިއުޒިކީ އަދި އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. "އަވާރަޕަން 2"ގެ ޝޫޓިން މިހާރު ކުރިއަށްދާއިރު، އޭޕްރީލް މަހުގެ ނިޔަލަށް މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ. މޯހިތު ސޫރީ ޑައިރެކްޓްކޮށް މުކޭޝް ބަޓް އަދި މަހޭޝް ބަޓް ޕްރޮޑިއުސްކޮށްފައިވާ "އަވާރަޕަން"އަކީ ފިލްމުގެ މިއުޒިކަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. މި ފިލްމުގެ ދެވަނަ ބައިގައިވެސް ކުރީގެ ފިލްމުގެ ދެ ލަވައެއް އާ ފަރުމާއަކަށް ހިމަނާފައިވާއިރު، އެ ލަވަތަކަކީ މި ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަންތައް ކަމަށް ބެލެވެއެވެ. ފިލްމު "އާވާރާޕަން 2"ގެ ޑައިރެކްޓަރަކީ "ޖަވާނި ޖާނެމަން" އަދި "ފިލްމިސްތާން" ގެނެސްދިން ނިތިން ކައްކަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ