ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއްގައި ހައްޔަރު ކުރުމަށް ފަހު، އެ ގައުމު ހިންގަމުން ދަނީ އެމެރިކާގެ ފުރިހަމަ ބާރުގެ ދަށުން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބުނެފިއެވެ.
ވެނެޒުއޭލާގެ ރައީސް ހައްޔަރުކުރުމަށް ފަހު ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެމެރިކާ އިން ދަނީ ވެނެޒުއޭލާގެ ވަގުތީ ސަރުކާރާ އެކު ގާތުން މަސައްކަތް ކުރަމުން ކަމަށެވެ.
"އެމީހުންގެ ނިންމުންތައް ބިނާވާނީ އެމެރިކާ އިން އަންގާ ގޮތެއްގެ މައްޗަށް،" ލީވިޓް ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ވެނެޒުއޭލާގެ ވަގުތީ ސަރުކާރުގެ މައްޗަށް އެމެރިކާގެ ފުރިހަމަ ބާރު އެބައޮތެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ވެނެޒުއޭލާ ކޮންޓްރޯލް ކުރަނީ އެ ގައުމުގެ މާލީ ކަންކަމާއި ހަކަތައިގެ ވަސީލަތްތައް އެމެރިކާގެ ބާރުގެ ދަށަށް ގެނެސްގެން ކަމަށެވެ.
"އަހަރެމެން މި ބުނަނީ އެމީހުންނަށް ތެޔޮ ވިއްކޭނީ އެމެރިކާގެ މަސްލަހަތު ހިމެނޭ ގޮތަށް މަސައްކަތް ކުރާނަމަ ކަމަށް،" ވެންސް ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޯރެސް ވަނީ ހައްޔަރުކޮށްފައެވެ. އެ ދެމަފިރިން މިހާރު ތިބީ ނިއުޔޯކް ސިޓީގެ ޖަލެއްގަ އެވެ.
އެމީހުންގެ މައްޗަށް ކުރަނީ އެމެރިކާއަށް ގިނަ އަދަދެއްގެ ކޮކެއިން އެތެރެކުރުމަށް ހިންގި ޖަރީމާއެއް ބެލެހެއްޓި ކަމުގެ ދައުވާއެވެ.
މަޑޫރޯ ހައްޔަރު ކުރުމަށް ފަހު، ފްލޮރިޑާގައި ހުންނަ ރައީސް ޓްރަމްޕްގެ އަމިއްލަ ގެކޮޅުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕު ވިދާޅުވީ، ވެނެޒުއޭލާ ހިންގާނީ އެމެރިކާ އިން ކަމަށެވެ.
"އެހެން މީހަކު ވެރިކަމަށް އައިސް، ވޭތުވެދިޔަ ގިނަ އަހަރުތަކެއްގައި އޮތް ފަދަ ހާލަތެއް ތަކުރާރުވާކަށް އަހަރެމެން ބޭނުމެއް ނޫން. އެހެންވީމާ، އެ ގައުމު ހިންގާނީ އަހަރެމެން،" އެމަނިކުފާނު ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާއި އެމެރިކާގެ ގާނޫނުތަކަށް ބެލުމެއް ނެތި ވެނެޒިއޭލާއަށް ހަމަލާދީ، މެންދަމުގައި އެ ގައުމުގެ ރިޔާސީ ގަނޑުވަރު ފޫއަޅުވާލަށް ފަހު މަޑޫރޯ އެމެރިކާއަށް ގެންދިޔުމުން، ވެނެޒުއޭލާގެ ވަގުތީ ރައީސާގެ ގޮތުގައި މަޑޫރޯގެ ކުރީގެ ނައިބު ރައީސާ ޑެލްސީ ރޮޑްރިގޭޒް ވަނީ ހުވާކުރައްވައިފަ އެވެ.
ރައީސް ޓްރަމްޕް ވަނީ ވެނެޒުއޭލާގެ 30 އާއި 50 މިލިއަން ފީފާ ތެޔޮ އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސް، އެ ވިއްކައިގެން ލިބޭ ފައިސާ އެމެރިކާގެ ބެލުމުގެ ދަށުން ބޭނުންކުރާނެ ކަމަށް އިއުލާން ކުރައްވާފައެވެ.
ޓްރަމްޕްގެ ސަރުކާރުން ބުނަނީ ރޮޑްރިގޭޒް މަސައްކަތް ކުރައްވަން ޖެހޭނީ އެމެރިކާގެ އެންގުންތަކާ އެއްގޮތަށް ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކޮށްފިނަމަ މަޑޫރޯއަށް ވުރެ ބޮޑު އަދަބަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.
ވައިޓް ހައުސް އިން ބުނާ ގޮތުގައި، ރޮޑްރިގޭޒް މަސައްކަތް ކުރަން ޖެހޭނީ އެމެރިކާގެ ބަސް ގަބޫލުކޮށް، އެމެރިކާގެ އެދުންތަކާ އެއްގޮތަށެވެ.
އާދީއްތަ ދުވަހު 'ދަ އެޓްލާންޓިކް' މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، "އޭނާ (ރޮޑްރިގޭޒް) ރަނގަޅަށް އަމަލު ނުކޮށްފިނަމަ، އޭނާއަށް ވަރަށް ބޮޑު އަގަކާ ކުރިމަތިލާން ޖެހޭނެ. ބޮޑަށް ބެލެވޭ ގޮތުގައި އެއީ މަޑޫރޯއަށް ވުރެ ވެސް ބޮޑު އަދަބެއް" ކަމަށެވެ.
ބުދަ ދުވަހު ލީވިޓް ވެސް ވަނީ އެ ވާހަކަތަކަށް ތާއީދުކުރައްވައި، ވެނެޒުއޭލާގެ ނިންމުންތަކުގެ މައްޗަށް އެމެރިކާގެ ނުފޫޒު އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
"މިވަގުތު ވެނެޒުއޭލާގެ ވަގުތީ އިދާރާތަކުގެ މައްޗަށް އެމެރިކާގެ އެންމެ ފުރިހަމަ ބާރާއި ނުފޫޒު އެބައޮތް،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ރޮޑްރިގޭޒް ވިދާޅުވީ ވެނެޒުއޭލާގައި ބޭރުގެ އެއްވެސް ނުފޫޒެއް ނެތް ކަމަށާއި، ގައުމު ހިންގަނީ ވެނެޒުއޭލާގެ ސަރުކާރުން ކަމަށެވެ.
"ވެނެޒުއޭލާގައި ވެރިކަން ކުރާ ބޭރުގެ އެއްވެސް އެޖެންޓެއް ނެތް،" ދައުލަތުގެ ޓީވީ މެދުވެރިކޮށް އެމަނިކުފާނު ވިދާޅުވިއެވެ.
ވެނެޒުއޭލަގެ ނިންމުންތައް ބިނާވާނީ އަހަރެމެން އަންގާ ގޮތެއްގެ މައްޗަށް: އެމެރިކާ ވެނެޒުއޭލަގެ ނިންމުންތައް ބިނާވާނީ އަހަރެމެން އަންގާ ގޮތެއްގެ މައްޗަށް: އެމެރިކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ