އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލެއްވީ ޝައިހު ޝިފާން އާއި އިކްރާމް

އަދާލަތު ޕާޓީގެ ރައީސް ކަމަށް އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިހު މުހައްމަދު ޝިފާން އާއި އެޕާޓީގެ އާންމު މެމްބަރެއްގެ ގޮތުގައި ހުންނެވި ޑރ. އިކްރާމް އަބްދުއްސައްތާރު ކުރިމަތިލައިފިއެވެ. 
އަދާލަތު ޕާޓީން ބުނީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތު ޖެނުއަރީ 8 އަށް ހަމަވިއިރު، ލިބުނީ އެ ދެ ބޭފުޅުންގެ ނަން އެކަނި ކަމަށެވެ.
ޑރ.އިކްރާމް އަބްދުއްސައްތާރަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން ފުރަތަމަ ޑިގްރީ އާއި މާސްޓާސް އަދި ޕީއެޗްޑީ ފުރިހަމަ ކުރެއްވުމަށް ފަހު، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން އަންނަ ބޭފުޅެކެވެ. މީގެ އިތުރުން އައިޔޫއެމްގައި ގާނޫނާއި ރިސާޗުގެ މާއްދާތައް ކިޔަވައި ދެއްވުމާއި، ގާނޫނީ ވަކީލުކަން ވެސް ކުރައްވަމުންގެންދަވާކަން ފާހަގަކޮށްލެވެއެވެ. އިކްރާމަކީ 2005 ވަނަ އަހަރުން ފެށިގެން އަދާލަތު ޕާޓީ ހިންގުމުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. 
އިކްރާމް ވިދާޅުވީ ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ ބޮޑު ތާއީދެއް އޮތް އަދާލަތު ޕާޓީ އަށް އާންމުންގެ އިތުބާރު އަލުން ހޯދަން ޖެހިފައިވާކަމަށެވެ. އެހެންކަމުން އޭނާގެ އެންމެ ބޮޑު އަމާޒަކީ އެކަން ބަދަލުކޮށް، ކުރިން އަދާލަތަށް ލިބިފައިވާ ގަދަރާއި ރީތި ނަން އަނބުރާ އިއާދަކޮށް، ޕާޓީއަށް މެންބަރުން އިތުރުކޮށް، ރައްޔިތުންގެ ތެރޭގައި މަގުބޫލު ޕާޓީއަކަށް ހެދުން ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ރައީސް ކަމަށް ދެން ކުރިމަތިލެއްވި ޝައިހު މުހައްމަދު ޝިފާންއަކީ މަދީނާ ޔުނިވާސިޓީން ޝަރުއީ ދާއިރާ އިން ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ޝިފާން ވަނީ ރާއްޖޭގެ ބިޒްނަސް ސްކޫލުން ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ވެސް ހާސިލު ކުރައްވާފައެވެ. އޭނާއަކީ މިހާރު އަދާލަތު ޕާޓީގެ ނައިބު ރައިސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
އަދާލަތު ޕާޓީން ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ރައީސެއް ހޮވުމަށް ބާއްވާ އިންތިހާބު ބާއްވާނީ މި މަހުގެ 31 ގައެވެ. ވޯޓުލުން ކުރިއަށްދާނީ އިލެކްޓްރޯނިކް ވޯޓިން ނިޒާމެއް މެދުވެރިކޮށެވެ. އަދި ޕާޓީއަށް ރައިސަކު ހޮވާނީ ސިއްރު ވޯޓަކުން ކަމަށްވެސް އަދާލަތުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ