ރާއްޖޭގައި ޑްރަގް ބޭނުންކުރާ 10000 މީހުން އެބަތިބި ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ޗެއާޕާސަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ސިއްދީގު ވިދާޅުވީ ރާއްޖޭގައި ޑްރަގު ބޭނުންކުރާ މީހުންގެ އަދަދަކީ ވަރަށް ބޮޑު އަދަދެއް ކަމަށާއި އެގޮތުން ތަފާތު އެކި ރިޕޯޓުތަކުންނާއި ހިސާބުތަކުން އިނގޭ ގޮތުގައި ގާތްގަނޑަކަށް 10،000 އަށް ވުރެ ގިނަ މީހުން މި ވަބާގައި ޖެހިފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އާބާދީއާ ބަލާއިރު ބޮޑު އަދަދެއް ކަމަށާއި މީގެތެރޭގައި ޒުވާނުންގެ އިތުރުން މިހާރު ކޮންމެވެސް ވަރަކަށް އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެ ކަމަށް ސިއްދީގު ވިދާޅުވި އެވެ.
"ރާއްޖޭގެ މީހުން ދިރިއުޅޭ 189 ވަރަކަށް ރަށް އޮތްއިރު، ގާތްގަނޑަކަށް ހުރިހާ ރަށެއްގައިވެސް މަސްތުވާތަކެތީގެ ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮތް ބަޔަކު ތިބެދާނެ،" ސިއްދީގު ވިދާޅުވި އެވެ.
ސިއްދީގު ވިދާޅުވީ ރާއްޖެއަކީ 95 އިންސައްތަ ކަނޑުގެ ސަރަހައްދު ހިމެނޭ ގައުމަކަށް ވުމުން، މިފަދަ ތަކެތި އެތެރެކޮށް އެކި ހިސާބުތަކަށް އުފުލުމަކީ އެކަންކަން ކުރާ ފަރާތްތަކަށް އެހެން ގައުމުތަކަށްވުރެ ފަސޭހަ ކަމަކަށް ވެފައި އޮވެދާނެ ކަމަށެވެ. ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ވަރަށް ބޮޑު އިސްކަމެއް ދީގެން، ބޮޑެތި ހޭދަތަކެއް ކޮށްގެން މިކަން ހުއްޓުވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ޑްރަގު ބޭނުންކުރާ ހުރިހާ އެންމެން އެއްފަހަރާ މާލެ ގެނެސްގެން ފަރުވާ ދިނުމަކީ ދައުލަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި އަދި މިހާރު ހުރި ނޭޝަނަލް ޑްރަގް އެޖެންސީގެ ފެސިލިޓީތައް ބޭނުންކޮށްގެން އެންމެންނަށް ފަރުވާ ދިނުމުގައި ދަތިތަކެއް ހުރި ނަމަވެސް، އެ ފަރާތްތަކަށް ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ޑްރަގް ބޭނުންކުރާ 10،000 މީހުން އެބަތިބި: އެންޑީއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ