މަސްތުވާތަކެއްޗަށް ފަރުވާ ދިނުމަށް ރާއްޖޭގައި ހުރި މަރުކަޒުތައް ފުރި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނަށް އެހިވާނެ ގޮތެއް ނެތް ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހިންގުމާ ހަވާލުވެ ހުންނެވި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޝިދު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރާޝިދު ވިދާޅުވީ މަސްތުވާތަކެއްޗަށް ފަރުވާ ދޭ މަރުކަޒުތައް ފުރިފައި ހުރުމުން ބެލެނިވެރިން އެދިގެން ފަރުވާ ނިޒާމުގެ ތެރެއަށް ކުދިން ވެއްދުން މިވަގުތު މެދުކެނޑިފައިވާ ކަމަށެވެ.
"ބެލެނިވެރިން ގުޅީމާ އަޅުގަނޑުމެން ކުދިން ނަގައިގެން ނިޒާމުގެ ތެރެއަށް ލައިގެން އަޅުގަނޑުމެންގެ މިވަގުތު ހުރި ވަރަށް ނިކަމެތި، އެހެންނަމަވެސް ފެސިޓީ ފުރިފައި. އެހެންވީމަ މިހާރު ލާނެ ތަނެއް ނެތިއްޔާ ނުއެއް ނެގޭނެ،" ރާޝިދު ވިދާޅުވި އެވެ.
ރާޝިދު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހި އެކަމުން ސަލާމަތްވާން ބޭނުންވާ ކުދިންނަށް މިވަގުތު އެހީތެރިވެވޭނެ މަގެއް ނެތް ކަމަށެވެ. އޭގެއިތުރުން އޭނާ ވިދާޅުވީ ފަރުވާ ދޭ މަރުކަޒުތަކުން ކުދިންނަށް ދޭ ފަރުވާއަށްފަހު އެ ކުދިން މުޖުތަމައުއަށް ނެރުމުން އެންމެ ބޭނުންވާ ކުއްޖާއަށް ވެގެން ނުދާ ކަމަށެވެ.
"ހަގީގަތަކީ އަޅުގަނޑުމެން އަދި ފަރުވާދޭ މަރުކަޒެއްގައި ކުއްޖާ ބަހައްޓާފައި އެތަނުން ނެރުމަކުންނެއް ކުއްޖާއެއް މުޅިއަކުން އެންމެ ރަނގަޅުގޮތުގައި އަޅުގަނޑުމެން ބޭނުންވާ ކަހަލަ ކުއްޖަކަށް ވެގެނެއް ނުދޭ އެނގޭތޯ،" ރާޝިދު ވިދާޅުވި އެވެ.
"ހަމައެއާއެކު މަސްތުވާތަކެތި ބޭނުންކުރަމުންދާ ކުއްޖާ ނުވަތަ އޭގެ އަވާގައި ޖެހޭ ކުއްޖާ ނުވަތަ އޭގެއިން ސަލާމަތް ނުވެގެން މަގުމަތީގައި އުޅޭ ކުއްޖާއަށް ވެސް އެހީތެރިވެވޭނެ މަގުތަކެއް ހަގީގަތުގައި މިވަގުތަކު ނެތް އެނގޭތޯ. ރަނގަޅު ނަތީޖާތައް ނެރުމަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެން އެބަ ތައާރަފްކުރަން ޖެހޭ."
ރާއްޖޭގައި މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް ހުރީ އެންމެ އެކަށީގެންވާ މިންގަނޑެއް ނޫން ކަމަށާއި މަރުކަޒުތަކަށް ވެސް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ރާޝިދު ވިދާޅުވި އެވެ. އެގޮތުން މި އަހަރު ތެރޭގައި އެ މަސައްކަތްތައް ކުރެވޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންޑީއޭގައި މަސްތުވާތަކެއްޗަށް ފަރުވާ ހޯދާ 30 ކުދިންނަށް އެންމެ ކައުންސިލަރަކު ކައުންސިލިން ދެމުންދާ ކަމަށާއި ބޭނުންވާ އަދަދަށް މުވައްޒަފުން ނެތުމަކީ ބޮޑު ގޮންޖެހުމެއްކަން ރާޝިދު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ރާޝިދު ވިދާޅުވީ ކައުންސިލަރުންނަކީ އިދާރީ ގޮތުން ވެސް ގިނަ ކަންކަން ކުރާ މުވައްޒަފުންތަކެއް ކަމުން މިހާރު އޮތް އުސޫލަކީ އެންމެ ރަނގަޅު އުސޫލުކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ކައުންސިލަރުން މިހާރު ކައުންސިލިން ދޭ ވެސް އެބައުޅޭ ބައެއް ކައުންސިލަރުން 30 އަށްވުރެ ގިނަ ކުދިން އޮން ދަ ސްޕޮޓްގައި އެނގޭތޯ. މިއީ އެކަން ކުރަން ވަރަށް އުނދަގޫ ކަމެއް އެނގޭތޯ. އަދި ހާއްސަކޮށް އަޅުގަނޑުމެންގެ މިވަގުތު އެންމެ ބުރަ މަސައްކަތް އެ ކުރައްވާ ކައުންސިލަރުން އެނގޭތޯ. ކުދިންނާ ސީދާ މުއާމަލާތުކުރާ ފަރާތްތައް ހަމައެކަނި ކުރަނީކީ ވެސް އެ މަސައްކަތެއް ނޫން. ވަރަށް ބައިވަރު އިދާރީ ކަންތައްތައް ވެސް ކުރޭ. އެހެންވީމަ އަޅުގަނޑުމެންގެ ތެރޭގައި އޮތް އުސޫލަކީ އަދި އެންމެ ރަނގަޅު އުސޫލުކަމަކަށް ގަބޫލު ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ރާޝިދު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ދެ އަހަރު ތެރޭގައި އެންޑީއޭއިން ކުރި މަސައްކަތުގެ ބޮޑު މަންޒަރެއް އާންމުންނަށް ނުފެނުނަސް "ގްރައުންޑް ލެވެލް" ގައި ބައިވަރު މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ.
މިގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި މަގުމަތިން އެހީތެރިކަން ބޭނުންވާ ކުއްޖާއަށް ވެސް ބޭނުންވާ ހުރިހާ ކަންކަމެއް ހަމަޖެހި، ފަރުވާގެ ނިޒާމުގެ ތެރެއިން ވެސް ކުދިންނަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމަށް ރާޝިދު ވިދާޅުވި އެވެ.
"ދެ އަހަރު ދުވަސް ތެރޭގައި ފަހަރެއްގައި ޕަބްލިކަށް މާ ބޮޑު މަންޒަރެއް ނުވަތަ ތަފާތުތަކެއް ނުފެނިދާނެ. ނަމަވެސް ވަރަށް ބައިވަރު ތަފާތުތަކެއް ފެންނާނެ، ކުރިފަޅައިގެން މިހާރު އެ އަންނަނީ. ވަރަށް ބައިވަރު މަސައްކަތްތަކެއް ގްރައުންޑް ލެވެލްގައި ކުރެވިއްޖެ. ކުރިއަށް އޮތްތަނުގައި ކުއްޖާއަށް ބޭނުންވާ ހުރިހާ ކަމެއް ރެޑީވެގެން އަންނާނެ،" އޭނާ ވިދާޅުވި އެވެ.
އެންޑީއޭއިން ބުނާ ގޮތުގައި ރާއްޖޭގައި 10،000 އަށްވުރެ ގިނަ މީހުން މަސްތުވާތަކެތި ބޭނުން ކުރެ އެވެ. ރާއްޖޭގައި މަސްތުވާތަކެއްޗަށް ފަރުވާ ދިނުމަށް ހުންނަނީ ނުވަ މަރުކަޒެވެ. އޭގެއިތުރުން ރިމާންޑަށް ގެންގޮސްގެން ވެސް މަސްތުވާތަކެއްޗަށް ފަރުވާދެ އެވެ.
މަސްތުވާތަކެއްޗަށް ފަރުވާ ދިނުމަށް ބަޖެޓުން ބޮޑު ހޭދައެއް ކުރާއިރު، ވަށާޖެހޭ ގޮތެއްގައި މަސްތުވާތަކެއްޗަށް ފަރުވާ ނުދިނުމަކީ އޮތް ބޮޑު ޝަކުވާއެކެވެ. މަސްތުވާތަކެތީގެ މައްސަލަ ސިއްހީ މައްސަލައެއް ގޮތުގައި ބެލުމުގެ ބަދަލުގައި މި ސަރުކާރުން ބަލަނީ ގައުމީ ސަލާމަތާ ގުޅޭ މައްސަލައެއް ގޮތުގަ އެވެ.
ޑްރަގް ފަރުވާ: މަރުކަޒުތައް ފުރި، ވަބާގައި ޖެހިފައިވާ މީހުންނަށް އެހިވާނެ ގޮތެއް ނެތް ޑްރަގް ފަރުވާ: މަރުކަޒުތައް ފުރި، ވަބާގައި ޖެހިފައިވާ މީހުންނަށް އެހިވާނެ ގޮތެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ