ބީއެމްއެލްއިން 100،000 ރުފިޔާ ދޭ ޕްރޮމޯޝަނެއް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ރޯދަ މަހާ ދިމާކޮށް, އިނާމަކަށް 100,000 ރުފިޔާ ދޭ ޚާއްސަ ޕްރޮމޯޝަން، "ރަން ފުރުސަތު 2026" ފަށައިފިއެވެ. ބޭންކުން މައުލޫމާތު ދިން ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އިއްޔެއިން ފެށިގެން 16 މާޗުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން އެ މުއްދަތުގައި ވިޔަފާރި ކޮށްގެން ކޮންމެ ހަފުތާއަކު އިނާމު ހޯދުމުގެ ފުރުސަތު އަދި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ. އެގޮތުން މި ޕްރޮމޯޝަނުގައި ބައިވެރި ކުރާނީ ބީއެމްއެލް ކާޑު މެޝިން، ސްޓެޓިކް ކިއުއާރް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތައް އެކަނި ކަމަށް ބޭންކުން ބުންޏެވެ. މި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފުތާއަކު ވެސް ފަސް ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ގިފްޓް ކާޑެއް ދޭނެއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވާ ފިހާރަތަކުން ކޮންމެ ހަފުތާއަކުވެސް ޖުމްލަ 500 ރުފިޔާގެ ވިޔަފާރި ކުރާ ފަރާތްތައް މި ގުރުއަތުގައި ބައިވެރިކުރާނެ ކަމަށް ބޭންކުން ބުނެއެވެ. ޕްރޮމޮޝޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ބޮޑު އިނާމުގެ ގޮތުގައި 100،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ. މި ގުރުއަތުގައި ބައިވެރިވެވޭނީ ޕްރޮމޯޝަނުގެ މުއްދަތުގައި ޖުމްލަ 10،000 ރުފިޔާގެ ވިޔަފާރިކުރާ މީހުންނަށް ކަމަށް ބޭންކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ