އެންޑްރޮއިޑް ފޯނުތަކުގައި އަމިއްލަ 'ކޯލިން ކާޑު' ހެދޭ ފީޗާއެއް ތައާރަފުކުރަނީ

އެޕަލްގެ އައިފޯނުތަކުގައި ބޭނުންކުރާ "ކޮންޓެކްޓް ޕޯސްޓަރު" ފަދަ ފީޗާއެއް ގޫގުލް އިން އެންޑްރޮއިޑް ފޯނުތަކަށް ތައާރަފުކުރުމަށް ތައްޔާރުވެއްޖެއެވެ. "މައި ކޯލިން ކާޑު"ގެ ނަމުގައި ތައާރަފުކުރާ މި ފީޗާގެ އެހީގައި، މީހަކަށް ގުޅާއިރު އެމީހެއްގެ ފޯނު ސްކްރީނުން ފެންނާނެ ތިމާގެ ފޮޓޯއާއި ނަން ފަރުމާކޮށްލެވޭނެއެވެ. "ފޯން ބައި ގޫގުލް" އެޕްގެ އެންމެ ފަހުގެ ބީޓާ ވާޝަންތަކުން ފެންނަ ގޮތުގައި، މި ފީޗާ މިހާރު އޮތީ ރަސްމީކޮށް އާންމުންނަށް ދޫކޮށްލުމާ ވަރަށް ގާތްވެފައެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ގޫގުލް އިން ވަނީ އެހެން މީހުންގެ ނަންބަރުތަކަށް ފޮޓޯ ސެޓްކުރެވޭ "ކޯލިން ކާޑު" ފީޗާ ތައާރަފުކޮށްފައެވެ. ނަމަވެސް އައު ފީޗާއާއެކު، އަމިއްލަ ޕްރޮފައިލް ކާޑު ހެދުމުގެ ފުރުސަތު މިހާރު މިވަނީ ފަހިވެފައެވެ. https://sun.mv/216524 މި ފީޗާ ބޭނުންކުރުމަށްޓަކައި އެޕްގެ ސެޓިންގްސްގައިވާ "ކޯލިން ކާޑު" ބަޔަށް ގޮސް "ކްރިއޭޓް" އަށް ފިއްތާލުމުން އަމިއްލަ ފޮޓޯއެއް ނުވަތަ ގެލެރީގައި ހުރި ފޮޓޯއެއް ހިޔާރުކުރެވޭނެއެވެ. މީގެ އިތުރުން ނަން ލިޔާނެ ފޮންޓާއި، ކުލަ އަދި ސައިޒު ވެސް ބޭނުން ގޮތަކަށް ބަދަލުކޮށްލެވޭނެއެވެ. ތިމާގެ ކޯލިން ކާޑު ފެންނާނީ ކޮން ބަޔަކަށްކަން (އެންމެންނަށް ނުވަތަ ހަމައެކަނި ކޮންޓެކްޓްގައި ތިބޭ މީހުންނަށް) ކަނޑައެޅުމުގެ އިހުތިޔާރު ވެސް ލިބިގެންވެއެވެ. ނަމަވެސް ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ، ތިމާ ގުޅާ މީހާގެ ފޯނުގައި ތިމާގެ ނަންބަރަށް އެމީހަކު އަމިއްލައަށް ވަކި ފޮޓޯއެއް ކުރިން ސެޓްކޮށްފައި އިންނަނަމަ، ތިމާ ހަދާ ކާޑެއް އެ ފޯނަކުން ނުފެންނާނެއެވެ. މިއީ އެކަކު އަނެކަކަށް ސެޓްކޮށްފައި ހުންނަ ފޮޓޯތަކާ ފުށުނޭރުވުމަށް ގޫގުލްއިން ނިންމާފައިވާ ގޮތެކެވެ. މި ފީޗާ ރަސްމީކޮށް ނެރޭނެ ވަކި ތާރީޚެއް ގޫގުލްއިން އަދި ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް، މިހާރު މި ފީޗާގެ ހުރިހާ މަސައްކަތެއް ނިމި ތަފްސީލުތައް ފެންނަން ހުރުމުން، މިއީ ވަރަށް އަވަހަށް އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ލިބޭނެ ފީޗާއެއް ކަމަށް ބެލެވެއެވެ. މި ފީޗާއަކީ އެޕަލް އިން 2023 ވަނަ އަހަރު އައި.އޯ.އެސް 17 އާއެކު އައިފޯން ބޭނުންކުރާ ފަރާތްތަކަށް ތައާރަފުކުރި "ކޮންޓެކްޓް ޕޯސްޓަރު" އާ ވަރަށް ބޮޑަށް އެއްގޮތް ފީޗާއެކެވެ. ގޫގުލް އިން މިދިޔަ އަހަރުގެ ތެރޭގައި އެންޑްރޮއިޑްގެ "ފޯން ބައި ގޫގުލް" އެޕަށް "ކޯލިން ކާޑު" ތައާރަފުކުރި ނަމަވެސް، އޭރު އެ ފީޗާ ބޭނުންކޮށްގެން ފޮޓޯއާއި ޑިޒައިން ބަދަލުކުރެވެނީ ހަމައެކަނި ތިމާގެ ފޯނުގައި ސޭވްކޮށްފައިވާ އެހެން މީހުންގެ ނަންބަރުތަކަށެވެ. ނަމަވެސް، އަލަށް މި ތައާރަފުކުރާ "މައި ކޯލިން ކާޑު" އާއެކު، އަމިއްލަ ޕްރޮފައިލް ފަރުމާކޮށް އެހެން މީހުންނަށް ފެންނާނެ ގޮތް ހެދުމުގެ ފުރުސަތު އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ލިބިގެންދާނެއެވެ. މިއީ ސްމާޓްފޯން މެދުވެރިކޮށް ކުރާ މުއާމަލާތްތަކަކީ ހަމައެކަނި އަޑު ނުވަތަ ނަންބަރެއް ފެންނަ އެއްޗަކަށް ވުމުގެ ބަދަލުގައި، އެމީހެއްގެ އަމިއްލަ ވަކި ފާހަގައެއް ނުވަތަ ޝަޚްސިއްޔަތު ރަމްޒުކޮށްދޭ ޒަމާނީ ވަސީލަތަކަށް ހެދުމަށް ކުރާ މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ