ހަތަރު ދުވަސްތެރޭ ވޯޓާސް ލިސްޓަށް 128 ޝަކުވާ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް، ޝަކުވާ އަށް ހުޅުވާލުމުން މިދިޔަ ހަތަރު ދުވަސްތެރޭ 128 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން ރަޖިސްޓަރީ އާންމުކޮށް، ޝަކުވާއަށް ހުޅުވާލީ ޖަނަވަރީ ހަތަރުވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް މިއަދު ހަވީރު 04:00 އާ ހަމައަށް 128 ޝަކުވާ ލިބިފައިވާ ކަމަށެވެ. މައިގަނޑު ޝަކުވާތަކަކީ ނިޔާވެފައިވާތީ، ރަޖިސްޓަރީއިން ނަން އުނިކުރުމަށާއި އެޑްރެސް ބަދަލުވެފައިވުން ހުށައަޅާފައިވާ ޝަކުވާތައް ކަަމަށް ވެސް ބުންޏެވެ.
މި ލިސްޓަށް ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ އެވެ.
މި މުއްދަތުގައި ރަޖިސްޓަރީ ސައްހަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށްވެސް ޝަކުވާ ހުށަހެޅޭނެ އެވެ. އެގޮތުން ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ނުވަތަ ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނޫނީ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ. އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށް އީސީން ބުންޏެވެ.
މިއަދު އާންމުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 294,937 މީހުންނަށެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ