ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ބަލިކަށިވުމަކީ، ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ވިދާޅުވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ހާރިޖީ ވަޒީރުންގެ ފެންވަރުގައި ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިއަދު ބޭއްވި 22 ވަނަ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެ ބައްދަލުވުމަކީ ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިޒްރޭލުން ނިންމި ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިޒްރޭލުގެ އެ ނިންމުމަކީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ، ބައިނަލްއަގުވާމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ. އަދި އިޒްރޭލުގެ މިފަދަ ނިންމުންތަކާ މެދު ދިވެހި ސަރުކާރުން ކަންބޮޑުވާ ކަމަށާއި މިއީ އދ. ގެ ޗާޓަރާވެސް ފުށުއަރާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ބައިނަލްއަގުވާމީ ގާނޫނަށް އެ ގައުމުން އިހުތިރާމް ނުކުރާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ހާއްސަކޮށް ގާޒާގައި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައިން ގޮވާލަމުންދާ ވަގުތެއްގައި، އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފުވަމުންދާތީ އެކަން މިނިސްޓަރު ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފައެވެ.
" ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ބަލިކަށިވުމަކީ، ރާއްޖެ ފަދަ ބައިނަލްއަގުވާމީ އުސޫލުތަކަށް ބަރޯސާވާ ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އޯއައިސީ އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ މުސްލިމް އުއްމަތަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށާއި ފަލަސްތީނުގެ ހައްގުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމިއްޔާއެކެވެ. 1976 ވަނަ އަހަރު މި ޖަމިއްޔާގެ މެމްބަރަކަށް ވުމަށްފަހު ރާއްޖެއިން ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.
ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ބަލިކަށިވުމަކީ ބޮޑު ނުރައްކަލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ