އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާ އަދި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒް ގާއިމްކޮށްފައިވާ ޑިއޭގޯ ގާސިއާއަށް ދިން މިސައިލް ހަމަލާތަކަކީ އީރާނުން ދިން ހަމަލާތަކެއް ނޫން ކަމަށާއި، އެކަމުގައި އެ ގައުމުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް އީރާނުން ބުނެފިއެވެ.
އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން އީރާނު ސަރުކާރުގެ އޮފިޝަލަކު ވަނީ ޑިއޭގޯ ގާސިއާއަށް ދިންކަމަށް އަޑުއަރާފައިވާ ހަމަލާގެ ފަހަތުގައި ވަނީ އީރާނު ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބުނެފައެވެ.
މި ތުހުމަތުތައް އައިސްފައިވަނީ، އީރާނުން ދުރު ރާސްތާގެ ދެ ބަލިސްޓިކް މިސައިލް ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް ފޮނުވާލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނަމުންދާތީއެވެ. ރިޕޯޓްތައް ބުނާގޮތުން، މިދިޔަ ހުކުރު ދުވަހު ފޮނުވާލި މި މިސައިލްތަކުގެ ތެރެއިން އެކަތި ދަތުރުމަތީގައި ފޭލްވިއިރު، އަނެއް މިސައިލް ވަނީ އެމެރިކާގެ މަނަވަރަކުން ހަމަލާދީ ވައްޓާލާފައެވެ.
މި ހަމަލާގެ ޚަބަރާއެކު ބައިނަލްއަގުވާމީ މައިދާނުގައި ބޮޑު ސަމާލުކަމެއް ލިބުނީ، އީރާނާ ގާތްގަނޑަކަށް 4,000 ކިލޯމީޓަރު ދުރުގައި އޮންނަ ޑިއޭގޯ ގާސިއާއަށް ހަމަލާދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާކަން ހާމަވުމުންނެވެ. އީރާނުގެ ފޮރިން މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވަނީ އެ ގައުމުގެ މިސައިލްތަކުގެ ރާސްތާ 2,000 ކިލޯމީޓަރަށް ވުރެ ދުރު ނުވާނެހެން ހިފަހައްޓާފައިވާނެ ކަމަށެވެ. ނަމަވެސް މި ހަމަލާއާ ގުޅިގެން އީރާނުގެ އަސްކަރީ ގާބިލުކަމާ މެދު ހުޅަނގުގެ ގައުމުތަކުން ވަނީ ސުވާލު އުފައްދާފައެވެ.
އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއިން ވަނީ މި ހަމަލާ ކުށްވެރިކޮށް، މިއީ ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ދިން 'ޒިންމާދާރުކަން ކުޑަ' ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. ޗާގޯސް އާކިޕެލާގޯގައި އޮންނަ ޑިއޭގޯ ގާސިއާއަކީ މެދުއިރުމައްޗާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެންމެ މުހިންމު އެއް މަރުކަޒެވެ.
މި ހާދިސާ ހިނގާފައިވަނީ އީރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް ވަރުގަދަކުރަމުންދާއިރު، އީރާނުން ދަނީ އެ ގައުމުގެ ދިފާއުގައި ކޮންމެ ފަދަ ހަމަލާއެއްވެސް ދީފާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުންނެވެ.
ޑިއޭގޯ ގާސިއާކަށް ހަމަލާ ނުދެން: އީރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ