ގާނާ ބަލިކޮށް ޖަރުމަނަށް އުފަލެއް ގާނާ ބަލިކޮށް ޖަރުމަނަށް އުފަލެއް

ސްޓުޓްގާޓް، ޖަރުމަނު (މާޗް 31) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި 2-1 އިން ރޭ ގާނާ ބަލިކޮށް ޖަރުމަނުން މި ފަހަރު ކުޅުނު އެކުވެރިކަމުގެ ދެ ވަނަ މެޗުން ވެސް މޮޅުވުމަކީ އުފަލެއް ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.
މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ޖަރުމަނުން ކުޅުނު ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެރޭ ވަނީ 4-3 އިން ސްވިޒަލެންޑް ބަލިކޮށްފަ އެވެ. އަދި، ރޭގެ މެޗުގައި ގާނާ އަތުން ވެސް ހަނި ފަރަގަކުން މޮޅުވިއިރު، ނާގަލްސްމަން ބުނީ، މި ދެ މެޗުގައި ވެސް ކުޅުންތެރިން ޓެސްޓްކޮށްލަން ޖެހޭ ޕްރެޝަރުގައި އެކަން ކުރެވުމަކީ ހިތްހަަމަޖެހުމެއް ކަމަށާއި މި ދެ މެޗުން މޮޅުވުމަކީ ހަގީގަތުގައި "އުފަލެއް" ކަމަށެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޖަރުމަނުން ރޭ ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކައި ހަވާޓްޒް ވައްދާލި ޕެނަލްޓީންނެވެ. މިއީ، ޖަރުމަނުގެ އަންޖެލޯ ސްޓިލާ ނެގި ހުރަހެއް ގާނާގެ ޖޮނަސް އަޑްޖެޓޭ އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ފުރަތަމަ ހާފުގައި އޭގެކުރިން، ހަ ވަނަ މިނިޓްގައި، ޖަރުމަނުގެ ފްލޯރިއަން ވާޓްޒް ފޮނުވާލި ހިލޭ ޖެހުމެއް ދަނޑިއަށް އަމާޒުވި އެވެ. އަދި، ދެ ވަނަ ހާފުގެ ކުރީކޮޅުގައި ޖަރުމަނުގެ ނިކް ވޯލްޓަމާޑާ ފޮނުވާލި ބޯޅައެއް ވެސް ޖެހުނީ ދަނޑީގަ އެވެ.
އެމްއެޗްޕީ އެރީނާގައި 54،000 މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ، 70 ވަނަ މިނިޓްގައި ގާނާ އިން އެއްވަަރުކުރި އެވެ. މި ލަނޑު ޖެހީ އަބްދުލް ފަތާވޫ އެވެ. މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ހުއްޓައި، ޖަރުމަނު މޮޅުވި ލަނޑު ޖެހީ ޑެނީޒް އުންޑާވް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ