ލިވަޕޫލް (ފެބްުރުއަރީ 9) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި 2-1 އިން ލިވަޕޫލް ބަލިކޮށް މެންޗެސްޓާ ސިޓީން ލީގު ޗެމްޕިއަންކަން ހޯދުމުގެ އުންްމީދު ދަމަހައްޓައިފި އެވެ.
މިއީ، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ސިޓީ ގޮވައިގެން ލިވަޕޫލް ދަނޑުގައި ލިބުނު ދެ ވަަނަ މޮޅެވެ. މި ނަތީޖާއާ އެކު، ސިޓީން ވަނީ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ހަ ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. އެ ގޮތުން، އާސެނަލަށް 25 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ސިޓީން ވަނީ 25 މެޗުން 50 ޕޮއިންޓް ހޯދައިފަ އެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުން 74 ވަނަ މިނިޓްގައި ޑޮމިނިކް ސޮބޯސްލާއި ޖެހި ގޯލުން ލީޑުނެގި އެެވެ. މިއީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ސޮބޯސްލާއި ހިލޭ ޖެހުމަކުން ޖެހި ލަނޑެކެވެ. ލިވަޕޫލަށް ލީޑުގައި އޮވެވުނީ 10 މިނިޓެވެ. އާލިން ބްރައުޓް ހާލަންޑް ބޮލުން ޖައްސާލި ބޯޅައަކަށް އަރައި، ބެނާޑޯ ސިލްވާ ވަނީ ސިޓީ އަށް މެޗުގެ 84 ވަނަ މިނިޓްގައި އެއްވަރުކޮށްދީފަ އެވެ.
އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ސިޓީ މޮޅުވި ލަނޑު ޖެހީ ޕެނަލްޓީ އަކުން ހާލަންޑް އެވެ. މިއީ، ލިވަޕޫލްގެ ކީޕަރު، އެލިސަން ބެކާ، އޭރިއާތެރެއިން ސިޓީގެ މަޓެއުސް ނޫނޭޒަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ސިޓީން އިތުރު ވަގުތުގައި މެޗުގައި ތިން ވަނަ ލަނޑެއް ޖެހި އެވެ. އެކަމަކު، ރަޔާން ޗާކީ ޖެހި ގޯލު ބަލައިނުގަތީ، ސޮބޯސްލާއި އާއި ހާލަންޑް ފައުލުކޮށްފައިވާތީ އެވެ. ސޮބޯސްލާއި އަށް ރަތެއް ދެއްކިއިރު، ހާލަންޑްގެ ފައުލާ އެކު އެ ގޯލު ބަލައިނުގަތީ އެވެ.
ސިޓީ މޮޅުކޮށްދޭން ގޯލްކީޕަރު ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަ ގޮތެއްގައި އިތުރު ވަގުތުގެ ތެރޭގައި އަލެކްސިސް މެކް އަލިސްޓާ ޖެހި ޝޮޓެއް ޑޮނަރުންމާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.
މި ނަތީޖާއާ އެކު، ލިވަޕޫލަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް އުނދަގޫތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. ގަދަ ފަސް ޓީމަށް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭއިރު، ލިވަޕޫލް ހަ ވަނައިގައި އޮތީ ހަތަރު ޕޮއިންޓު ފަހަތުގަ އެވެ.
ލިވަޕޫލް ބަލިކޮށް ސިޓީން ލީގުގެ އުންމީދު ދަމަހައްޓައިފި ލިވަޕޫލް ބަލިކޮށް ސިޓީން ލީގުގެ އުންމީދު ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ