މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަކުރުމަށް، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކޮންމެ އަންގާރަ ދުވަހަކު ގޭގައި މަސައްކަތް ކުރުމަށާއި ބައްދަލުވުންތައް އޮންލައިންކޮށް ބާއްވަން އިއްޔެ ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ޕީޖީ އޮފީހުން ބުނީ މި ފިޔަވަޅުތައް އެޅީ އަންނަ މަހުގެ ނިޔަަލަށް ކަމަށެވެ.
ތަފްސީލް - ޕީޖީ އޮފީހުން ބުނީ އެ މުއްދަތުގައި ހަރަދު ކުޑަ ކުރުމަށް އެޅި ފިޔަވަޅުތަކަކީ:
ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް ގޮތުގައި ހަމަޖެއްސުން
ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުން
އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި ކަރަންޓު ބޭނުންކުރުން މަދުކުރުން
ކަރުދާސް ބޭނުންކުރުން މަދުކުރުން
އޮފީހުގެ އުޅަނދުތައް ބޭނުންކުރާ މިންވަރު މަދުކުރުން
ޕީޖީ އޮފީހުން ބުނީ ކޮންމެ އަންގާރަ ދުވަހަކު ގޭގައި މަސައްކަތް ކުރިޔަސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެ ކަމަށެވެ. އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނެކަން ވެސް އެ އޮފީހުން ފާހަގަކުރި އެވެ.
ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ކުރިއަށްގެންދާނީ، ޕީޖީ އޮފީހުން ބުނި ގޮތުގައި، ހާޒިރުވެގެންނެވެ.
ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައި ވެސް މެންދުރުފަހު 2ގެ ފަހުން ގޭގައި ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި އޮފީސް ބަންދުކުރާ ގަޑި ހަވީރު 6އަށް އަވަސްކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"މި ބަދަލުތަކުގެ ސަބަބުން މި އޮފީހުން ޢާންމުންނަށް ނުވަތަ އިދާރާތަކަށްދޭހިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެ،" ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.
އެނގުން މުހިންމު - މުވައްޒަފުން އޮފީހަށް ނުކުމެގެން މަސައްކަތް ކުރުން މަދުކުރުން ފަދަ ބައެއް ފިޔަވަޅުތައް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް ވަނީ އަޅާފަ އެވެ. ނަމަވެސް، ސަރުކާރުގެ މުވައްޒަފުން ރަސްމީ ދުވަސްތަކުގައި އަދިވެސް މަސައްކަތް ކުރަން ޖެހެނީ އޮފީހަށް ނުކުމެގެންނެވެ.
ޕީޖީން ހަރަދު ކުޑަކުރަން އަންގާރައިގައި ގޭގައި މަސައްކަތްކޮށް، ބައްދަލުވުންތައް އޮންލައިންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ