ލ.އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ދޭ އަގުތައް އިއުލާންކޮށް، މާދަމާއިން ފެށިގެން އަގު ނަގައިގެން ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.
ލ.އަތޮޅުގައި އާރްޓީއެލް ފެރީގެ ދަތުރުތައް ފެށީ މިމަހުގެ 1ވަނަ ދުވަހުއެވެ.
އެހެން އަތޮޅުތަކެކޭވެސް އެއްގޮތަށް، ލ.އަތޮޅުގައިވެސް އާރްޓީއެލް ދަތުރުގެ ފުރަތަމަ ހަފްތާ ކުރިއަށްގެންދިޔައީ އެއްވެސް އަގަކާ ނުލައި، ތަޖުރިބާ ދަތުރު ހަފްތާއެއްގެ ގޮތުގައެވެ. މިއީ ރޫޓުތައް ތަޖުރިބާކުރުމާއި ޚިދުމަތް ހޯދުމުގައި އާއްމުންގެ ޚިޔާލު ހޯދައި، ބަދަލެއް ގެންނަން ފެންނަ ނަމަ އެކަމަށް މަގުފަހިކުރުމަށް ކުރިއަށްގެންދާ މަރުހަލާއެކެވެ.
ލ.އަތޮޅުގައި މާދަމާއިން ފެށިގެން ޚިދުމަތަށް އަގު ނަގަން ފަށާނެއެވެ. ޚިދުމަތަށް އަގު ކަނޑައަޅަނީ ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިންނެވެ. އަގު ކަނޑައަޅަނީ، ރޫޓުތަކާއި ދަތުރުގެ ދިގުމިނަށް ބަލައިގެންނެވެ.
ލ.އަތޮޅުގެ ފެރީގެ އަގުތައް، ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ އާއްމުކުރައްވާފައެވެ. އެގޮތުން އެންމެ ކައިރި ދަތުރުތަކަށް ކަނޑައަޅާފައިވަނީ ކޮޅަކަށް 35 ރުފިޔާއެވެ. އަދި އެންމެ ދުރު ދަތުރުތަކުގެ އަގަކީ ކޮޅަކަށް 125 ރުފިޔާއެވެ. ދެކޮޅަށް ޓިކެޓް ނަގާނަމަ، އަގު ހެޔޮވާނެއެވެ.
ފެރީދަތުރުގެ ޓިކެޓު ނެގޭނީ އާރްޓީއެލް އެޕްލިކޭޝަން މެދުވެރިކޮށެވެ. އަދި އެކި ރޫޓުތަކުން ރަށްރަށަށް ކަނޑައަޅާފައިވާ އަގުތައްވެސް އެޕްލިކޭޝަނުން ފެންނަން ހުންނާނެއެވެ.
ލ.އަތޮޅުގައި ޚިދުމަތް ދިނުމަށް 2 ލޯންޗު ބޭނުން ކުރެއެވެ. މި ލޯންޗުތަކަކީ، އިންޑިއާ ސަރުކާރުގެ އެހީގައި ބަނދެފައިވާ ލޯންޗުތަކެކެވެ. އެއީ، 48 މީހުންގެ ޖާގައިގެ ޒަމާނީ ލޯންޗުތަކެކެވެ. މި ލޯންޗުތަކުގައި 4 ޖާގަ ޚާއްސަކޮށްފައިވަނީ އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ.
އާރުޓީއެލް ފެރީގެ ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކުގައި އެ ޚިދުމަތް ވީހާވެސް އަވަހަށް ފެށުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
ލ.އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމާއެކު މިހާތަނަށް މި ޚިދުމަތް 15 އަތޮޅެއްގައި ވަނީ ފަށާފައެވެ. 145 ރަށް ވަނީ ޒަމާނީ ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލާފައެވެ.
މިއީ އާއްމު ދަތުރުފަތުރާއި ޞިއްޙީ ޚިދުމަތްތައް ފަދަ، އެކިއެކި ޚިދުމަތްތައް ހޯދުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެކެވެ. އެންމެ ބޮޑު ލުޔަކީ، އަތްފޯރާ ހެޔޮ އަގުގައި ދަތުރުކުރުމުގެ ފުރުޞަތު ލިބިގެން ދިއުމެވެ.
މިހާރު މި ޚިދުމަތް ނުފެށި ވަނީ، މ.އަތޮޅުގެ އިތުރުން ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅުގައެވެ. މިއަހަރު މެދާއި ހަމައަށް ދާއިރު، މި ޚިދުމަތް ރާއްޖޭގެ ހުރިހައި އަތޮޅެއްގައި ޤާޢިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.
ލ.އަތޮޅުގައި އާރްޓީއެލް ފެރީ ޚިދުމަތަށް މާދަމާއިން ފެށިގެން އަގު ނަގާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ