ސިމެންތީގެ އަގު ދަށް ވާން ފަށައިފި
މި ފަހުން ރާއްޖޭގެ ބާޒާރުގައި ވަރަށް ބޮޑަށް އަގު އުފުލުނު ސިމެންތީގެ އަގު ކުރިއަށް ވުރެން ދަށަށް ދާން ފަށައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ވިލާ ކުންފުނިން މާލެއަށް ސިމެންތި ބަސްތާއެއް ޑެލިވަރީކޮށްދޭ އަގު ވަނީ 200 ރުފިޔާއަށް ކުޑަކޮށްފައެވެ. ވިލާ ކުންފުނިން ވިއްކާ ސިމެންތި ތިލަފުށިން ގަންނަނަމަ މިހާރު ލިބެން ހުރީ ބަސްތާއެއް 184 ރުފިޔާއަށެވެ. މީގެ އިތުރުން، ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ސިމެންތި ބަސްތާއެއް 129 ރުފިޔާއަށް ވިއްކަން ކަނޑައަޅާފައިވީ ނަމަވެސް، އެ ކުންފުނިން ބުނެފައިވަނީ އާ އޯޑަރުތައް ނެގޭނީ ފަސް ދުވަސް ފަހުން ކަމަށެވެ. އެހެންކަމުން މި ވަގުތު އެސްޓީއޯއިން އޯޑަރެއް ނުނަގައެވެ. https://www.sun.mv/219986 ސިމެންތީގެ އަގު މިހާރު ދަށަށް ގޮސްފައިވާއިރު، މި ހިނގާ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު މާލޭގެ ބާޒާރުގައި ސިމެންތި ބަސްތާއެއްގެ އަގު ހުރީ 300 ރުފިޔާއަށްވުރެ މަތީގައެވެ. އާންމުކޮށް 140 ރުފިޔާއާއި 160 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކަމުންދިޔަ ސިމެންތި ބަސްތާއެއްގެ އަގު ނިމިދިޔަ މާޗު މަހު 250 ރުފިޔާއަށް އެރުމަށްފަހު، ވިލާއިން މާލެއަށް ޑެލިވަރީކޮށްދޭ އަގު 313 ރުފިޔާއަށް އަދި ތިލަފުށިން ވިއްކާ އަގު 302 ރުފިޔާއަށް އުފުލުނެވެ. އެ ދުވަސްވަރު އެސްޓީއޯއިން ސިމެންތި ލިބޭކަށް ނެތެވެ. ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި ސިމެންތީގެ އަގު ކުއްލިއަކަށް އުފުލެން ދިމާވީ ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން މުދާ އުފުލާ އުޅަނދުފަހަރުގެ ފްރައިޓް ކޯސްޓް ބޮޑުވުމާ ގުޅިގެންނެވެ. ސަޕްލައި ޗޭންއަށް އައި މި ބަދަލުތަކުގެ އަސަރު އެހެން ބާވަތްތަކަށްވެސް ކުރިއެވެ. އެގޮތުން ދާދިފަހުން އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވް ގޭސްގެ ސްޓޮކް މަދުވެ، ވިލާއިން ގޭސް ގަނެގެން ލިމިޓްކޮށްގެން ވިއްކަންޖެހުނެވެ. ނަމަވެސް ފަހުން އެ މައްސަލަ ހައްލުވެ، އާންމު އުސޫލުން ގޭސް ވިއްކަން ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ