މާފަންނުގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ
މާފަންނުގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިއްޖެއެވެ. މާލޭގެ ބައެއް ސަރަހައްދުތަކުން ދޭތެރެއަކުން ކަރަންޓު ކެނޑެއެވެ. ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރު ކުންފުނި، ސްޓެލްކޯއިން ބުނީ، މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. މިގޮތުން، އެ ޚިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ދެނެގަނެ، ވީ އެންމެ އަވަހަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ސްޓެލްކޯގެ މުވައްޒަފެއް ކަރަންޓު މަސައްކަތެއް ކުރަނީ: މާފަންނުގެ ބައެއް ހިސާބުތަކުން ކަރަންޓު ވަނީ ކެނޑިފައި --- ފޮޓޯ/ ސްޓެލްކޯ ފާހަގަކުރެވޭ ގޮތުގައި، މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެއް ކަމަށްވާތީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ. އަދި، ޚާއްސަކޮށް މެންދުރު ގަޑިއާ ދިމާކޮށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުން އެ ސަރަހައްދުތަކުގެ މީހުންނަށް އެކި ދަތިތަކާ ކުރިމަތިލާން ޖެހޭނެކަމަށް ވެސް ބެލެވެއެވެ. މިދިޔަ އަހަރު މުޅި މާލެ ސަރަހައްދުން އެއް ފަހަރާ ކަރަންޓު ކެނޑި، އެތައް ގަޑިއިރެއްވި ދެ ހާދިސާއެއްވަނީ ހިނގާފައެވެ. މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ މެންދުރު މުޅި މާލެ ސަރަހައްދުން ކުއްލިއަކަށް ކަރަންޓު ކެނޑި، ޚިދުމަތް ނުލިބި ހަ ގަޑިއެއްހާއިރު ހޭދަވިއެވެ. އެއަށްފަހު، އެ މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑި، ޚިދުމަތް ލިބުނީ ދެ ގަޑިއިރާއި 30 މިނެޓް ފަހުންނެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ މާލޭގައި ކަމަށްވާއިރު، ކުއްލިކުއްލިއަށް ކަރަންޓު ކެނޑުމުން އާންމު ޚިދުމަތްތައް ދީ، ހޯދައި ލިބިގަތުމުގައި ބޮޑު ތަކުލީފެއް އުފުލަން ޖެހެއެވެ. އަދި ގިނަ ރައްޔިތުންތަކެއްގެ ގޭބިސީގައި ހިފައި ގެންގުޅޭ އިލެކްޓްރިކް ސާމާނަށް ގެއްލުންވުން ފަދަ މައްސަލަތައް ދިމާވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ