އިދިކޮޅު މައި ޕާޓީ، މޯޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޕޯޑިއަމްގައި ވާހަކަދެއްކުމުގެ ފުރުސަތު ވަކި ބަޔަކަށް ނުދިނުމަކީ އައު ކަމެއް ނޫން ކަމަށް ވިދާޅުވެ، އެޕާޓީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) މާޒީގައި އޭނާއާމެދު ކަން ހިނގައިދިޔަ ގޮތުގެ ހަނދާންތައް އައު ކުރައްވައިފިއެވެ.
ނިމިދިޔަ ލޯކަލްކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުން އިދިކޮޅު އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ވާހަކަދެއްކެވުމުގެ ފުރުސަތު އިބްރާގެ ކޮއްކޮ، އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް އަށާ، ރައީސް ނަޝީދަށް ވެސް ދޭން ނިންމުމަށްފަހު، ފަހު ވަގުތު، އެ ދެބޭފުޅުންނަށްވެސް ފުރުސަތު ނުދޭން ޕާޓީން ނިންމި ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
އަދި އޭނާއަށް ފުރުސަތު ނުދެއްވި ނަމަވެސް ނަޝީދަށް ފުރުސަތުދޭންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ ނިންމުމާ ގުޅިގެން ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ޖަލްސާގެ ތެރޭގައި އަޑުގަދަކޮށް އިހުތިޖާޖުކޮށްފައެވެ. މީގެ ސަބަބުން ޖަލްސާގެ ހަރަކާތްތައް ކުރިއަށް ނުގެންދެވި، ވަގުތުގެ ކުރިން ނިންމާލަން މަޖުބޫރުވިއެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބްރާ ވިދާޅުވީ، އެމް.ޑީ.ޕީ ގެ ޕޯޑިއަމް ވަކި ބަޔަކަށް ނުދިނުމަކީ އާކަމެއްނޫން ކަމަށެވެ.
އަދި އޭނާ އެމްޑީޕީގެ ޕޯޑިއަމްގައި ވާހަކަދައްކަވަނިކޮށް، އެކަމަށް ހުރަސް އެޅުމުގެ ގޮތުން މާޒީގައި އެ ޕާޓީން ކަންކުރި ގޮތުގެ ބައެއް ތަފްސީލްވެސް ވަނީ ދެއްވާފައެވެ.
”އަހުރެން އެ ޕޯޑިއަމްގައި ހުއްޓާ އެއްރޭ އޮއްގާއުކި. އަނެއްރޭ މައިކް ކަނޑާލި. ޕޯޑިއަމް ނުދީ ހުންނަތާ 12 އަހަރުވީ ފަހުން ޕާޓީން ވަކިވީ.“ އިބްރާ ވިދާޅުވުއެވެ.
މިއާއެކު އިބްރާ ވިދާޅުވީ އެފަދަ ކަންކަމަކީ އެހައިވަރުގެ ކަމެއްނޫން ކަމަށާ، ”އެކިއިރު އަޅާނީއެކި އޮއި“ ކަމަށެވެ.
”ޕާޓީގެ މެންބަރުން ގޮތް ނިންމާނީ.“ އިބްރާ ވިދާޅުވިއެވެ.
އެމްޑީޕީ ޕޯޑިއަމް ވަކިބަޔަކަށް ނުދިނުމަކީ އާކަމެއްނޫން، އެ ޕޯޑިއަމްގައި ހުއްޓާ އޮއްގާވެސް އުކި: އިބްރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ