މީޑިއާތަކަށް ބަޖެޓުން ފައިސާ ދޭތީ ފާޑުކިޔަނީ، "ދަރިވަރުން ތިބީ ފީ ނުދެއްކިފައި"
ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން އަމިއްލަ މީޑިއާތަކަށް ފައިސާ ދޫކުރާތީ، ސޯޝަލް މީޑިއާގައި އިދިކޮޅު ފިކުރުތަކުގެ ބައެއް ސިޔާސީ ބޭފުޅުން މިއަދު ފާޑުކިޔަން ފަށައިފިއެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި މާލީ އެހީ ހޯދަން ކުރިމަތިލި، 41 މީޑިއާއަކުން ޝަރުތު ހަމަވިއެވެ. އެ މީޑިއާތަކުން އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. https://sun.mv/216043 ކޮމިޝަނުން ނިންމީ 29 މީޑިއާއަކަށް 28 މިލިއަން ރުފިޔާ ދޫކުރާށެވެ. އެ ނިންމުން ހާމަކުރުމާ އެކު، ސިޔާސީ ބައެއް ބޭފުޅުން ސޯޝަލްމީޑިއާގައި ފާޑުކިޔަން ފަށާފައެވެ. މި ގޮތުން، ޕީއެންއެފްގެ ނައިބު ރައީސްކަން ކުރައްވާ، ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލު އަހުމަދު ވަނީ ރައްޔިތުންގެ ޓެކްސް ފައިސާ ރައީސް ޑރ. މުޙައްމަދު ބޭނުން ބަޔަކަށް މީޑިއާތަކުގެ ނަމުގައި "ބަހާލުމަކީ" ދުރާލާ ރާވައިގެން ކުރި ކަމެއް ކަމަށް ތުހުމަތުކުރައްވާފައެވެ. https://x.com/lucasjalyl/status/2006251764333568093 "ބޭނުން ގޮތަކަށް ބައިތުލް މާލު ތަޅާ ހުސްކޮށްލަނީ. މިއަދު ވެސް އެތައް ބަޔަކު އާސަންދަ ނުލިބިގެން ޙާލުގައި ޖެހިފައި. ކިޔަވާ ކުދިންގެ ޓިއުޝަން ފީ ނުދެއްކިފައި. މިއީ އަނިޔާވެރި ވެރިކަމެއް،" ޖަމީލު ވިދާޅުވިއެވެ. ކޮންމެ ދިމާލަކަށް ބެލިޔަސް ފެންނަނީ "މާސިންގާ" ކޮރަޕްޝަން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންތަކެއް: އަމިއްލަ މީޑިއާތަކަށް ފައިސާ ދޭން ނިންމުން ފާޑުކިޔަން ވަނީ ފަށާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ މީގެ އިތުރުން، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫޫ) ވެސް ވަނީ މިކަމާ ގުޅިގެން ޕޯސްޓެއް ކުރައްވާފައެވެ. ކުޑޫ ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ފައިސާތަކެއް މީޑިއާތަކަށް ބެހުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. އޭގެ ބަދަލުގައި މީޑިއާތަކުން ވިޔަފާރިކޮށްގެން އަމިއްލައަށް ހޯދާ ފައިސާއިން މީޑިއާ ހިންގޭނެ މަގުފަހި ކުރުން މުހިންމު ކަމަށް މެންބަރު ގަބޫލުކުރައްވައެވެ. ދައުލަތުން ފައިސާ ބަހައިގެން އެންމެ ރަނގަޅު ނަތީޖާއެއް ނުނިކުންނާނެކަމުގެ ހެއްކަކީ ސިޔާސީ ޕާޓީތައް ކަމަށް ކުޑޫ ވިދާޅުވިއެވެ. ރާއްޖޭގައި ހިންގާ ބައެއް މީޑިއާތައް --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން އަދި، ހެރިޓޭޖު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޝަމްއޫން ޖަލީލް (ލޫކަސް) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މީޑިއާ ހިންގުމަކީ ވިޔަފާރިއެއް ކަމަށާއި އެ ކަން ކުރަން ވާނީ އަމިއްލައަށް ކަމަށެވެ. ފައިސާ ލިބޭ ބައެއް މީޑިއާތަކުގެ ފޮޓޯ ހިއްސާކުރައްވައި، ލޫކަސް ވަނީ މިއީ ރައްޔިތުންގެ ފައިސާ ފޭރުމުގެ ގޮތުގައި ސިފަކުރައްވާފައެވެ. މީޑިއާތަކަށް އެތައް މިލިއަން ރުފިޔާއެއް "ބަހާލި"އިރު އާންމުކޮށް ހުރިހާ ނޫހެއްގައި އެއް ޚަބަރުތަކެއް ހުންނަ ކަމަށް ވިދާޅުވެ، އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. https://x.com/MJameelAhmed/status/2006254169901224432 "ސަރުކާރުގެ ބަޖެޓުން މިލިއަނުން ފައިސާ ލިބިފައި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް މަހަކު ލައްކައިން ސްޕޮންސާ ލިބެއެވެ. ކުރަން ޖެހޭ ކަމަކީ ސަރުކާރަށް އުނދަގޫ ނުވާ ގޮތަށް ނޫސްވެރިކަން ކުރުމެވެ،" ލޫކަސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އިދިކޮޅު އެކްޓިވިސްޓެއް ގޮތުގައި ހަަރަކާތްތެރިވާ ލޫކަސް ވަނީ މީޑިއާތަކަށް ފައިސާ ނުދީ، އެ ފައިސާ ކުރެވިދާނެ ކަންކަމުގެ ޚިޔާލު ވެސް ދެއްވާފައެވެ. އެ ގޮތުން، އެ ފައިސާގައި އާންމު ކެއުމަށް ބޭނުންވާ ވަރަށް ކުކުޅު ބިސް އުފައްދަން ރަށްރަށުގެ ކޮންމެ ގެޔަކަށް ކުކުޅަކާ ހާލެއް ދިނުމުން މާ ރަނގަޅު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނުވަތަ އެ ފައިސާ ފަޅު ރަށެއްގައި އެ ފަދަ ކަމެއް ގްރާންޓު ދިނުން ރަނގަޅުވާނެ ކަމަށާއި އޭރުން އިމްޕޯޓު ދަށްވެ، އުފެއްތެރިކަން އިތުރުވާނެ ކަމަށް ވިދާޅުވިއެވެ. https://x.com/mohamedkudu/status/2006268195246911748 ސިޔާސީ ބޭފުޅުންގެ އިތުރަށް، އާންމުން ވެސް އަންނަނީ އެ ކަމުގައި އެކި ކަންބޮޑުވުންތައް ފާޅުކޮށް، ފާޑުކިޔަމުންނެވެ. އަމިއްލަ މީޑިއާތަކަށް ފައިސާ ދޭތީ ފާޑުކިޔާއިރު، ތައިލޭންޑު ފަދަ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މީޑިއާތަކަށް މާލީ އެހީ ދެއެވެ. މީޑިއާތަކަށް ބަޖެޓުން ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސިޔާސީ ޕާޓީތަކަށް ވެސް ދައުލަތުން ފައިސާ ދެއެވެ. އެ ގޮތުން، އަންނަ އަހަރު ވެސް ހަތަރު ޕާޓީއަކަށް ފައިސާ ދޫކުރަން ވަނީ ހަމަޖެހިފައެވެ. މި އަހަރު ވެސް ބަޖެޓުން ފަސް ޕާޓީއަކަށް 28 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ގިނަ ބަޔަކު ނުރުހުން ފާޅުކުރަނީ ބޭސް ނުލިބޭ މައްސަލައާއި ދަރިވަރުންގެ ފައިސާގެ ކަންކަން ލަސްވާ މައްސަލަ ބޮދުވެފައި އޮއްވާ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭތީ ކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ